ގުޅީފަޅު ގޯތިތައް ހޯދަން ޝަރީއަތަށް ނުދެވޭނެ ގޮތް ހަދަނީ

ގުޅީފަޅު ގޯތިތައް ހޯދަން ޝަރީއަތަށް ނުދެވޭނެ ގޮތް ހަދަނީ

ގުޅީ ފަޅުން ގޯތި ލިބޭ ފަރާތްތަކަށް ކުރީ ސަރުކާރުން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީތައް ބާތިލު ކުރުމުގެ ބާރު މި ސަރުކާރަށް ލިބިގެނެއް ނުވެއެވެ. ހަމައެހެން ކުރިން ސޮއި ކުރި ބަންޑާރަ ގޯތީގެ އެއްބަސްވުންތައް އުވާލުމުގެ ބާރެއްވެސް ސަރުކާރަށް ލިބިގެނެއް ނުވެއެވެ.

ގޯއްޗެއްގެ ރަޖިސްޓްރީއެއް ނުވަތަ އެއްބަސްވުމެއް ވުމެއް އުވާލެވޭނީ ދެފަރާތް އެބަސްވެގެންނެވެ. ދެފަރާތުގެ އެއްބަސްވުމަކާއިނުލާ ރަޖިސްޓްރީއެއް ނުވަތަ އެއްބަސްވުމެއް އުވާލެވޭނީ ޝަރީއަތުންނެވެ. ހަމަ ހުރެފައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފިޔޯރީ މުއްތޮލިބު ކޮށްލާ އިއުލާނަކުން ސަރުކާރުން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީތަކާއި އެއްބަސްވުންތައް ބާތިލެއް ނުކުރެވޭނެއެވެ. 

ސަރުކާރުން ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީތަކާއި އެއްބަސްވުންތައް ބާތިލުވެއްޖެކަމަށް ބުނެ އައު ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރުމަށް ޕޯޓަލް ހުޅުވާލި ހުޅުވާލުމަކީ ގައިރު ގާނޫނީ އަމަލެކެވެ. ބޮޑުވެގެންވާ އޮޅުވާލުމެކެވެ. ކުރިން އެއްބަސްވުމުގައި ސޮއިކޮށް ގޯތީގެ ރަޖިސްޓްރީ ލިބިފައިވާ ފަރާތްތަކުން ޝަރީއަތަށް ދިޔުމުގެ ދޮރު ބަންދުކޮށްލަން ޖެހި ހީލަތްތެރި މަޅިއެކެވެ. 

1 ޖުލައި 2025 ވާ އަންގާރަ ދުވަހުން ފެށިގެން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ބަންޑާރަ ގޯތީގެ ރަޖިސްޓަރީ އާއި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާ ހަވާލު ވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބޭނުމަކީ ވެފައިވާ ގޯތީގެ އެއްބަސްވުން އަމިއްލަ އިހުތިޔާރުގައި ދެފަރާތް ބޭނުންވެގެން ބާތިލުކޮށް ރަޖިސްޓްރީ ބާތިލުކުރި ކަމަށް ހެދުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުރީސަރުކާރުން ދިން ގޯތިތައް ހޯދުމަށް ޝަރީއަތަށް ދިޔުމުގެ މަގު ގޯތި ލިބުނު މީހުނަށް ބަންދުވެގެން ދާނެއެވެ.  

ކުރީ ސަރުކާރުން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީ އާއި ގޯތީގެ އެއްބަސްވުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ދޫކޮށްފައިވާ ގޯތީގެ ލޮކޭޝަން އަށް ބަދަލުކޮށް އޮޅުބޮޅުން ކުރުމަށްފަހު ރަޖިސްޓްރީތަކާއި އެއްބަސްވުންތައްވެސް އުވާލީއެވެ. މިހާރު ކުރަން އެއުޅޭކަމަކީ ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހޯދަން ޝަރީއަތަށް ދިޔުމުގެ މަގުބަންދުކޮށްލުމެވެ. މުއިއްޒު ސަރުކާރުގެ ވިސްނުމަކީ އެކަކަށް އެއް ގޯތިވެސް ގްރޭޓް މާލޭ ސަރަހައްދުން ނުދިނުމެވެ.