މުއިއްޒުގެ ސަރުކާރުން ނަތީޖާ ހާސިލް ވިޔަކަ ނުދޭނެ
މަގާމު ގެއްލުމުން އަނބުރާ މަގާމު ހޯދަނީ ބަދަލު ހިފަން
ރައްޔިތުން ވޯޓު ދީގެން ރައީސްކަމަށް މީހަކު ހޮވަނީ ހެޔޮވެރިކަމެއް ކުރުވާށެވެ. ބަޔަކަށް އާރާބާރާއި ބޮޑު މުސާރައާއި ހައިބަތު ހޯދާދޭކަށް ނޫނެވެ. ވަކި ބަޔަކަށް ގެއްލުނު ދުނިޔެ ހޯދާދޭކަށްވެސް ނޫނެވެ.
ކޮންމެ ސަރުކާރެއްގެ މަތި ފަޑީގައި ތިބޭނީ ކޮންމެ ވެސް ބައެކެވެ. ސަރުކާރުގެ އިސް ސަފަކީ ތާއަބަދު އެއްބަޔަކު ދަނޑިމަތި އަނބުރަން އޮތް ތަނެއް ނޫނެވެ. އެއް ޕާޓީން ވެރިކަން ގެއްލި އަނެއް ޕާޓީއަށް ވެރިކަން ލިބުމަކީ ކުރީން ސަރުކާރުގައި އިސްކޮށް އުޅުނު މީހުނަށް އަބުރާ މަގާމުތައް ދޭންޖެހޭ ސަބަބެއް ނޫނެވެ. ކުރިން ވަޒީރުކަން ކޮށްފައި ތިބި މީހުންނާއި އިސް މަގާމުތައް ފުރާފައި ތިބި މީހުނަށް އުފެދޭ އައު ސަރުކާރުގެ އިސް ސަފުން ޖާގަ ދިނުމަކީ ވޯޓުދިން ރައްޔިތުންގެ ނިޔަތެއް ނޫނެވެ.
އެކި ފަހަރު މަތިން ސަރުކާރުގެ މަތިފަޑިން ޖާގަލިބި އެކަށީގެންވާ ނަތީޖާއެއް ނެރެނުދެވި ފޭލިވެފައި ތިބި މީހުން ނޫނަސް ގާބިލު މީހުން ރާއްޖޭގައި އެބަތިއްބެވެ. ކިތަންމެ މަތީ ފާހެއް އޮތަސް ރައްޔިތުންގެ ހިދުމަތުގައި ފޭލިވެފާ ތިބި މީހުންނަށް އަނބުރާ އެ ފުރުސަތު ނުދިނަސް ދައުލަތް ހިންގޭވަރުގެ ކުޅަދާނަ އިލްމީ ގާބިލު މީހުން ބައިވަރެވެ.
ރައީސް ޑރ. މުއިއްޒު އުފައްދަވާ އައު ސަރުކާރަކީ ބުންވަރުހުރި ނަޒާހަތްތެރި ނަތީޖާ ހާސިލުކުރާ ސަރުކާރަކަށް ހެދުމަށް ޓްރެކް ރެކޯޑް ނެތް ޅަދޮނޅު މުރާލި އަނގަގަޅި ނުޖެހޭ ނަޒާހަތްތެރި ބަޔަކު އިހުތިޔާރު ކުރުމަކީ މުހިންމު ކަމެކެވެ. ރައްޔިތުންގެ ލޯބި އިތުރުވާނެ ކަމެކެވެ. ރައްޔިތުންގެ ކުރިމަތީގައި އިތުބާރު ގެއްލިފައިވާ ކުރީގެ ރެލީއަށް ވުރެ މޮޅު އެހެން ގޮތްގޮތް މިހާރު އެބަހުއްޓެވެ. އިންތިހާބީ ރައީސްގެ ސްޕޯކްސް ޕާސަންއަކީ އޭގެ މިސާލެކެވެ.
ކުރިން ބޮޑެތި މަގާމުތަކުގައި ތިބެ މަގާމު ގެއްލުނު މީހުނަށް އަނބުރާ މަގާމު ލިބުމަކީ މަދު މީހެއްގެ ފުށުން ނޫނީ ބަދަލު ހިފުމާއި ޖަދަލު ކުރުން ނެތި ނުދާނެ ކަމެކެވެ. އައު ވިސްނުމާއި ތަފާތު ފިކުރަށްވުރެ އެމީހުން ފަރިތަ ވާނީ ކުރިއްސުރެ ކުރަމުން އައިގޮތަށެވެ. ލެނބޭނީ އޮތް ބަޅަށެވެ. ފެށޭނީ ކުރިން ހުއްޓުނު ހިސާބުންނެވެ.
އަމްދު މިހާރު މަތިހަށި ނަގާފައި އުޅޭ މީހުންނާ މެދު ވިސްނާލުމުން ގަބޫލު ކުރެވޭ ހަގީގަތް ތަކެއް އެބަހުއްޓެވެ. ވާހަކަފުޅު ތަކާއި ކުރީން އަމަލުތައް ބެހެއްޓެވި ގޮތުން ޑރ. ޖަމީލުމެން ކަހަލަ އެންމެ މިސާލެއް ނަގަމާ ހެއްޔެވެ. އެ ބޭބޭފުޅުންގެ ފަހަތުގައި ފޮރުވިފައިވާ އަމިއްލަ އެޖެންޑާއެއް އޮތް ކަމަށް ގަބޫލު ނުކުރާނެ އެކަކުވެސް ނުހުންނާނެއެވެ. ޑރ. މުއިއްޒުގެ ވަށައިގެން މިކަހަލަ ކިތަންމެ ބަޔަކު ތިބީތީ ފެންނަ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ.
ރައީސް ސޯލިހު ވެސް ކޯލިޝަންގެ ނަމުގައި އަތް ބަންނަވައިގެން އުޅުއްވަން ޖެހި ވަޑައިގަތުމުން ހައްގު ނޫން އެތައް ތުހުމަތެއް ރައްދުވިއެވެ. ބަދުނާމެއް ލިބިވަޑައިގެންނެވިއެވެ. ހާސިލު ކުރައްވަން ބޭނުންފުޅުވި އެތައް ލަޑުދަނޑިއެއް ފާލުން ނެއްޓި އަމާޒުން ކައްސާލިއެވެ. ބަދަލު ހިފުމާ ޖަދަލު ކުރުމާއި އަމިއްލަ އެޖެންޑާގައި ތިބި ކުރީގެ މީހުން ގޮވައިގެން ހިންގަން އުޅޭ ސަރުކާރަކުން ހާސިލު ކުރެވޭނެ ނަތީޖާއެއް ނުއޮންނާނެއެވެ.
ކާމިޔާބު ވެރިކަމެއް ކުރެއްވުމަށްޓަކައި ޑރ. މުއިއްޒަކީ މިނިވަނަކަށްވެ ވަޑައިގަންނަވަން ޖެހެއެވެ. މުއިއްޒު ވިދާޅުވިހެން މީހެއްގެ މީހަކަށް ނުވެ ރައްޔިތުންގެ މީހަކަށް ވެވަޑައި ގަތުން ލާޒިމެވެ. ހުރިހާ ގޮތަކުން ވެހެވެ. ކިތަންމެ އޯގާތެރިވިޔަސް ފާޓު ފުޅާވެގެން ގޮސް އިސްތަށިފުޅަށް ސަވާރުވެ ދީވަލްޕާ ހެދޭ ޒާތުގެ މީހަކަށް ހަނި ފުރުސަތެއް ވެސް ދެއްވާކަށް ނުވާނެއެވެ. ވެރިކަން ވެސް މަޖިލީހުގެ މެޖޯރިޓީވެސް ހޯދާދޭނީ ރައްޔިތުންނެވެ. ޓެސްޓްކޮށް ފޭލިވެފައިވާ ވަކި ވަކި މީހެއް ނޫނެވެ.