ސިފައިންގެއިން ވަކިކޮށްފައިވާ ޕާޕާ ޤައުމުދެކެވާ ލޯބީގެނުރައްކާ

ޤައުމަށްޓަކާ ކޮންމެ ވެރިޔަކު އަޒަލު ކުރަން ނިކުންނަ ޕާޕާގެ ނުރައްކާ!

ސިފައިންގެއިން ވަކިކޮށްފައިވާ ޕާޕާ ޤައުމުދެކެވާ ލޯބީގެނުރައްކާ

ސިފައިންގެ މީހާ ސިފައިންގެ މީހަކަށް ވަނީ، ސިފައިންގެ ޓްރޭނިންގއަށް ފަހު ލައިދެވޭ ހުވަޔާއެކުގައެވެ. މިގޮތުން ސިފައިންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވަނީ "ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާއުކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީގައި ދެމިހުރުމަށާއި، ދުޝްމިނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި، ހަށިގަނޑާއި، ފުރާނައިން ޤުރުބާންވާން ޖެހިއްޖެހާލަތެއްގައި ޤުރުބާންވުމަށް ކެރިހުރެ، މާތްﷲ ގަންދީ ހުވާކުރަމެވެ." މި ގޮތުގެ މަތިން ކުރުވާ ހުވައެވެ. މި ހުވާގެ މަތީގައި ސިފައިންގެ މީހާ ދެމިހުންނަނީ އެއީ ފަޚްރެއް ކަމުގައި ދެކިގެންނެވެ. އަދި ސިފައިންގެއިން ރިޓަޔަރ ކޮށްފައިވާ ކޮންމެ ބޭކަލަކީވެސް އެ ފަޚްރުގެ މަތީގައި ދެމިތިބޭ ބައެކެވެ. ހުވަޔާ ހިލާފުވެ ގައުމަށް ޣައްދާރު ވެގެން ކަޑާލާ މީހާގައި ހުންނާނީ ކޮން ސިފަ ވަންތަ ކަމެއް ހެއްޔެވެ.

މިހާރަކު މާ ސިފަ ވަންތަވެގެން ގައުމާ ވަޠަނުގެ ލޯބީގައި މިއުޅޭ ޕަޕާގެ ހުރި މުނާފިގުކަން ދެކިބަލާށެވެ. މަތިހަށި ނަގާފައި މާ ވަރުގަދަ ގައުމީ ބަޠަލަކަށް އަމިއްލައަށް ވެގަނެގެން އުޅޭ އިރު ދިމާލަށް ފެންނަން އޮތްކަންކަމާ ފަތިފުށް ދެނެތިބީން ނެތޭ ހީވަނީތާއެވެ. ކީރިތި ﷲ ގަންދީ ހުވާކޮށްގެން ހުރެ ސިފައިންގެ ތެރޭގައި އުޅެމުން އައިގޮތް ބޮލުން ނަގުލަށް ދަންނަ އެތައް ބަޔަކު ދިރި ދުނިޔޭގައި އަދި އެބަތިއްބެވެ.

ސިފައިންގެ ވަޒީފާގައި އަޙްމަދު ފަޔާޒް (ޕާޕާ) ކާނަލެއްގެ މަޤާމުގައި ހުރެ ހިންގި ޖަރީމާތަކުގެ ސަބަބުން ވަޒީފާއިން އެކަހެރިކޮށް ޑީމޯޓުކޮށް ސިފައިންގެ ވަޒީފާއިން ކަނޑާލާފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ހަޤީގަތް ހޯދާލަ ކޮންމެ މީހަކަށް މާސަފުކޮށް އެނގި ހާމަވާ ހަގީގަތްތައް ބައިވަރެވެ. މަޤާމާއި ބާރު ހޯދުމަށް އިމުން ބޭރުވެ އެންމެ އަވަހަށް ޗީފަަކަށް ވެވެން އޮތް ކުރު މަގު ހޯދުމަށް ކުރި މަސައްކަތުގައި ހޭވި ހަޑި އެހުރީ ދިމާލަށް ފެންނާށެވެ. ވެރިކަމާ ބާރުގެ ބޭނުމުގައި ޤައުމު ފަސާދަކޮށް ސިފައިންގެ އަގު ވައްޓާލީ މި ޕާޕާ ނޫން އެހެން މީހެއް ނޫނެވެ.

ސިފައިންގެ ހުވައެއް އެއްވެސް ޒަމާނެއްގައި ކޮށްފައިވާ މީހަކު ސިފައިންނަށް ހުތުރު ވާގޮތަށް ވާހަކަ ދައްކަމުން ދިޔުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަން ހިނގާ ގޮތެއްނޫނެވެ. މީނާގެ މި އުޅުމާއި މި ދަައްކާ ވާހަކަތައް އަޑުއިވުމުން މިކަމަކީ ޤަބޫލު ކުރަން އުނގަދޫ ކަމެއް ކަމުގައިވިއެވެ. އެފާޑުގެ ނޭއްގާނި ކަން ޕާޕާގެ ފުށުން އާއްމުކޮށް ފާޅުވާން ފެށުމުން އިތުރަށް ދިރާސާ ކޮށްލުމަށް ޝައުޤުވެރިކަން އުފެދުނެވެ.

ޤައުމުގައި އެންމެ ޤަދަރުވެރި ބަޔެއް ކަމުގައި އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ސިފައިންގެ މަސައްކަތުގައި ކާނަލަކާ ހަމައަށް ގޮސް ފައިވާ މީހަކު، މިއަދު މިސްރާބު ޖަހާފައި މިވަނީ ކޮން ދިމާއަކަށް ބާއެވެ. މިއަދަކު އެކަންޏެއް ނޫނެވެ. ސިފައިންގެ ތެރޭގައި ހުރި އިރުން ފެށިގެންނެވެ.

އެންމެ ފުރަތަމަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިނގައި ދިޔަ ހާދިސާތަކެވެ. އެގޮތުން ވެރިކަން ބަދަލުވި ގޮތް ތަހުޤީގުކޮށް ތައްޔާރުކޮށްފައިވާ ކޯނީ ރިޕޯޓުގައި ވަރަށް ތަފްސީލުކޮށް މި ވާހަކަތައް ބަޔާންކޮށްފައި ވެއެވެ. އެއިރު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް ފޫގަޅައި، މަޤާމުން ވަކި ކުރުމަށް ލިޔުން ހޯދައި، ފަތްކޮޅު ހިފައިގެން ވަޑައިގެންނެވި ވަފުދުގައި އެންމެ ކުރީގައި މިހުރީ ކާކުތޯއެވެ؟ ޕާޕާ އެވެ. ޤައުުމުގެ ސަލާމަތާއި ރައްކާތެރި ކުރުމަށް ޕާޕާއަށް އޮތް ކަމަކީ ރައީސުން މަޤާމުން ވަކިކުރުން ބާއެވެ.

ދެން އޮތީ ވެސް ހަމަ އެފަދަ ކަމެކެވެ. ސިފައިންގެ ބަޑި ގުދަނުގެ ވެރިޔާކަމުގައި ހުރެ ޤައުމުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ބަޑި ގުދަނުގައި ހުރި ހަތިޔާރުތައް ރައްކާތެރި ކުރުމަށް ހިބަޅިދޫ ބޭރުން ކަނޑުގެ އަޑީގެ 42 މީޓަރު އަޑީގައި ރައްކާ ކުރުމެވެ. ސިފައިންގެ އާމަރީއަށް ވުރެ މިތަން ރައްކާތެރީ ތާއެވެ. ހިނަޅިދޫ އުރަދަށުގައި އާމަރީ ހެދި ބޭނުމަކީ ކޮބައި ހެއްޔެވެ. އެ ތަނުން އެ ހަތިޔާރުތައް ނުހޯދުނު ނަމަ މި ޤައުމުގައި މި ޕާޕާގެ ޤައުމީ ލޯބީގައި ހިންގާނީ ކޮންފަދަ ނުރައްކާތެރި ކަމެއްކަން ހިތައް ގެންނަން ވެސް ނޭނގެއެވެ. މިއީ ވެސް ހަމަ ޤައުމީ ލޯބީގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރިކަމެއް ކަމުގައި މިއަދު ނުބުނާނެބާއެވެ؟

ތިންވަނަ ކަމަކަށް ރައީސް ޔާމީންގެ ލޯންޗުކޮޅު ގޮއްވާލި ހަދިސާ އާއި ވެސް ޕާޕާއާއި ގުޅުން އެބަހުއްޓެވެ. ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާގައި ހެކި ނައްތާލިކަމުގެ ކުށް ސާބިތުވެ 2016 ވަނަ އަހަރުގެ  ޖޫން މަހުގެ ތެރޭގައި ޕާޕާއަށް ވަނީ 2 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ސުވާލަކީ ހެކި ނައްތާލަން މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ސިފައިންގެ އެންމެ މަތީ ވެރިޔާ، އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި އޭރު ހުންނެވި ބޭފުޅެއްގެ ފުރާނައަށް އަދި ސިފައިންގެ އެތައް ބަޔެއްގެ ފުރާނަ ނުރައްކަލަކަށް ހުށައެޅުނު މި ހާދިސާގެ ހެކި ނައްތާލަން ޖެހުނު ސަބަބަކީ ވެސް ހަމަ ޤައުމީ ލޯބި ބާއެވެ؟ ޤައުމީ ލޯބީގައި ޕާޕާއަށް އޮތީ ޤައުމުގެ ރައީސް އަވަހާރަ ކޮށްލުމަށް އެހީތެރިވުން ބާއެވެ؟

މިއީ އަދި އެންމެންނަށް ފެންނަން ހުރި ޕާޕާގެ ޤައުމިއްޔަތާއި މިނިވަންކަމަށް ކުރި ޖިހާދުގެ ބައެއް ކަންކަމަވެ. އަދި  މި ނޫނަސް އެތައް މައުލޫމާތެއް ލިބިފައި އެބަހުއްޓެވެ. ތިލަނުވެ ފޮރުވިފައި ހުރިކަންކަމުގެ ވާހަކަ ހެޔޮވާނީ ނުދެއްކިއްތާއެވެ. މިކަންކަމަށް ނަޒަރު ހިންގާލުމުން ފެންނަނީ ވަރަށް ނުރައްކާތެރި މަންޒަރެކެވެ. ޤައުމަށްޓަކާ ކޮންމެ ވެރިޔަކު އަޒަލު ކުރަން ނިކުންނަ ޕާޕާގެ ނުރައްކާތެރި ކަމެވެ. ރައީސް ނަޝީދު މަޤާމުން ވަކިކުރަން ކުރި މަސައްކަތެވެ. ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް އަކަށް ވުމަށް ކޮށަން އުޅުނު ކުރު މަގެވެ. ސިފައިންގެ އާމަރީގެ ހުރި ހަތިޔާރުތައް ގެއްލުވާލުމެވެ. ރައީސް ޔާމީންގެ ލޯންޗުކޮޅު ގޮއްވާލުމުގައި އެހީތެރިވެ ދިނުމުގެ ގޮތުން ހެކި ނައްތާލުމެވެ. މިއަދު މި ޕާޕާ ޤައުމިއްޔަތުގެ ލޯބީގައި ޖެހިގެން ދެން ކުރާނީ ކޮންކަމެއް ބާއެވެ؟ މަޤާމާއި ބާރަށްޓަކައި މީނާ ނުކުރާނީ ކޮންކަމެއް ބާއެވެ؟ ނުރައްކަލުގެ ރަނގަބީލުގެ އަޑު އިވޭބާއެވެ؟