އާބާދީގެ 1/4 މީހުންގެ ކަށީގެމަދުން ނެތްދިޔަ ފެލުން
ދުންފަތުގެ ޓެކްސް ބޮޑުކުރުމަކީ އިޖުތިމާއީ އެތައް ހާސް މައްސަލައިގެ ތެރެއަށް ގައުމު ވައްޓާލުން
އެތެރެކުރާ ކޮންމެ ސިގިރެޓަކުން ޓެކްސްގެ ގޮތުގައި ނަގަމުން އައި -/3 ރުފިޔާގެ ބަދަލުގައި -/8 ރުފިޔާ ނަގަން ނިންމަނީއެވެ. ދުންފަތުގެ އެހެން ބާވަތްތަކުން %50 އަގުވެސް ބޮޑުކުރަނީއެވެ. ނަތީޖާއަކީ ދުންފަތުގެ އިސްތުމާލުކުރާ މީހުން އާދަޔާ ހިލާފަށް މަދުވުން ކަމަށް ސަރުކާރުން ބުނެއެވެ. ތެދެކެވެ. -/300 ރުފިޔާއާއި ގާތްކުރާ އަގެއްގައި ސިނގިރެޓް ފޮއްޓެއް ގަނެގެން ބުއިމަކީ އާދައިގެ މީހަކަށް ވެވޭވަރުގެ ކަމަކަށް ނުވާނެއެވެ. -/100ރ އަށްވުރެ ސިނގިރެޓް ފޮއްޓެއްގެ އަގުބޮޑުވުމުން ވީގޮތްވެސް އެބަ ފެނޭ ނޫންހެއްޔެވެ.
އެއްބަހެވެ. ދިރިއުޅުމުގެ ހަރަދުތައް އެހާ އަގުބޮޑު ގިނަ ބަޔަކަށް އާމްދަނީ ލިބޭ މިންވަރު އިންތިހާއަށް ދަށްވެފައިވާ އިރެއްގައި އެހާ އަގުބޮޑުކޮށް ގިނަ ބަޔަކަށް ސިނގިރެޓެއް ނުބޮވޭނެއެވެ. އެކަމަކު ނުބޮވުނަސް ބޯނެއެވެ. ފައިދާއެއް ނެތް ގެއްލުންބޮޑު ދުންފަތުގެ އިސްތިއުމާލު މީހުން ކުރަނީ އޭގެ ސިއްހީ ގެއްލުމާއި މާލީ ގެއްލުން އެނގި ތިބެގެންނެވެ. ދުންފަތަށް ދެވި ހިފާފައި ތިބެގެންނެވެ. އަގަށް ގެންނަ ބަދަލަކުން ގިނަ ބައެއްގެ ދެވި ހިފުން ބަދަލެއް ނުވެއެވެ.
އަނބި ދަރިން ނުކައި ނުބޮއި ތިއްބަސް ގޭގެ ކުއްޔާއި ކަރަންޓް ބިލާއި ފެން ބިލު ނުދެއްކުނަސް ދުންފަތުގެ އިސްތުމާލުކުރާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާކަމީ ފެންނަން އޮތް ހަގީގަތެކެވެ. ސިނގިރެޓް ހޯދާނެ ފައިސާ ނެތިއްޔާ މަކަރާ ހީލަތް ހަދައިގެންވެސް ހުރިތާކުން ސިނގިރެޓާއި ދުންފަތް ހޯދައެވެ. ސިނގިރެޓާއި ދުންފަތް ރާއްޖޭގައި ގެންގުޅެންޏާ ވައްކަން ކޮށްގެންނާއި ފޭރިގެން ވިޔަސް ދުންފަތުގެ އިސްތިއުމާލު ކުރާ ގިނަ މީހުން އެކަން ކުރާނެއެވެ. ގަބޫލު ކުރަން ބޭނުން ނޫނަސް މިއީ ހަގީގަތެވެ.
-/100 ރުފިޔާއަށް ވުރެ މައްޗަށް ސިނގިރެޓް ފޮއްޓެއްގެ އަގު އެރުމަކުން އޭގެ ކުރިން އެތެރެކުރި ވަރަށްވުރެ އެންމެ ތަންފުކެއްވެސް ސިނގިރެޓް އެތެރެކުރާ މިންވަރު ދަށްވި ހެއްޔެވެ. ދަށެއް ނުވެއެވެ. އެތެރެކުރާ މިންވަރު ވީ އިތުރެވެ. ވީކަމަކީ ދުންފަތުގެ ބާވަތްތަކުން ވިޔަފާރި ކުރާ މީހުންގެ އާމްދަނީ ދެގުނަ ތިންގުނަ އިތުރުވެ، ދުންފަތުން ސަރުކާރަށް ލިބޭ އާމްދަނީ އެތައް ގުނައަކަށް މަތިވުމެވެ. މި ފަހަރުވެސް ސިނގިރެޓާއި ދުންފަތުގެ ޓެކްސް އިންތިހާއަށް ބޮޑުކުރުމުގެ ބޭނުމަކީ ދުންފަތުން ސަރުކާރަށް ލިބޭ އާމްދަނީ ބިލިޔަނުން އިތުރުކުރުމެވެ. އާއްމު ސިއްހަތުގެ ވާހަކައަކީ މަސްރަހު ފިނިކުރަން ދައްކާ ލަންބާ ޗޯޅާ ވާހަކައެކެވެ.
ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި އާބާދީގެ 1/4 މީހުންގެ ކަށީގެ މަދާގުޅިފައިވާ އާދަޔަކުން ނެތްދިޔަ ފެލަން ދިމާކުރީމާ ކަންބޮޑުވެއެވެ. ދުންފަތުގެ އަނދިރިއެޅި ހައިހޫނުކަން ބޮޑުވެ، އާއިލާތައް ރޫޅި، ވައްކަމާ ޓެކުމާ ފޭރުން ހައްދު ފަހަނައަޅާ ދާނެއެވެ. ކުލި ނުދެއްކުމާއި ކަރަންޓާއި ފެން ބިލު ނުދެއްކޭ ނިސްބަތް އިންތިހާއަށް ބޮޑުވެ ސޯޝަލް ސެކިއުރިޓީއަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވާނެއެވެ. ކުށުގެވެށި ފުޅާވެ ލޯ އެންފޯސްމެންޓަށް ދައުލަތުން ހޭދަކުރަންޖެހޭ ވަގުތާއި ހަކަތައާއި ފައިސާ އަތްނުފޯރާ ވަރަށް ބޮޑުވާނެއެވެ.
ދުންފަތާ ރައްޔިތުން ދުރުކުރުމުގެ ނަމުގައި ޓެކްސް ބޮޑުކުރުމަކީ އިޖުތިމާއީ އެތައް ހާސް މައްސަލައެއްގެ ތެރެއަށް ގައުމު ވައްޓާލުމެވެ. ދުންފަތުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރެވޭނީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުވާ ފުދުން ތެރިކަން އިތުރުކޮށްދީ ގެންނެވެ. ސަރުކާރުގެ އިސްވެރިންނާއި ކަސްޓަމް އޮފިސަރުން ދުންފަތް އެތެރެކުރާ މީހުންނާ ގުޅިގެން މިލިޔަނުން ނަގާ ކަޓު ހުއްޓައިގެންނެވެ.