ބަލަ ބުރާންތި ތަކާއޭ.. ހަރަދު ކުޑަ ކުރާށޭ: ޝުޖާއު
ޝުޖާއުމެން ވައްވައް ޖެހިއިރު ވޯލްޑް ބޭންކުން ރާއްޖޭގެ ހާލަތަށް ކުރީ ތައުރީފް
ބާރަށު ޝުޖާއު ބުންޏަސް އެއީ ހަމަތެދެކެވެ. ވެރިކަމުގައި ތިބީ ކޮންމެ ބައެއް ނަމަވެސް ހަރަދު ކުޑަކުރަން ޖެހެއެވެ. އިސްރާފް ކުރުން ހުއްޓާލަން ޖެހެއެވެ. ހަރަދު ބޮޑުކޮށް އިސްރާފު ކުރަނީ ބުރާންތި ވެފައި ތިބޭތީއެވެ.
ސަރުކާރާ ވާދަވެރިން ގޮތުގައި އިދިކޮޅުގައި ޕީޕީއެމް- ޕީއެންސީ އޮތް އިރު އަޑަށް ބާރުލާފައި ބާރަށު ޝުޖާ ދެއްކީ އެވާހަކައެވެ. ސަރުކާރު ހިންގުމުގައި ހަރަދު ކުޑަ ކުރަން ޖެހޭއިރު ރައްޔިތުން އަތުން ޓެކްސް ނެގުމަކީ މާ މޮޅުކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖީލީހުގެ މެންބަރު ކަމުގައި މިހާރު އެހުރި ޕީއެންސީ ޝުޖާއު ކަރުން ނާރުނަގާ ކުރީން ވަކާލާތު ކުރިއެވެ. ޓެކްސް ނެގުމަކީ މާމޮޅު ކަމަކަށް ހަދައިގެން އޭރުގެ ސަރުކާރުގެ ވެރިން އަތްޖަހާ ކަމަށް ބުނެ ފާޑުކިޔެވެ. ކުރެވެނީ ކީއްކަން ވެސް އޭރުގެ ވެރިންނަށް ނޭނގޭކަމަށް ޝުޖާއު ބުނަމުން ދިޔައެވެ.
ދުނިޔޭގެ ފިނޭންޝަލް އިންސްޓިއުޓްތަކުން އޭރު ބުނާކަމަށް ޝުޖާ ބުނަމުން ދިޔައީ " ބަލަ ބުރާންތި ތަކާއޭ. ހަރަދު ކުޑަކުރާށޭ" ކަމަށެވެ. އަނގަފުރާފައި ޝުޖާ ގޮވީ އޭރު އެހެނެވެ. އުފައްދަންވީ ސިޔާސީ މަގާމުތައް ނޫން ކަމަށް ފިނޭންޝަލް އިންސްޓިއުޓްތަކުން ބުނާކަމަށް ޝުޖާއު އަޑު ހަރުކޮށް ގޮވިއެވެ.
ބާރަށު ޝުޖާއު ގައުމީ ވިސްނުމުގައި ކެތްނުވެގެން ފަޔަށް ހިނިއަރައިގެން ތެޅިފޮޅުނު ރާއްޖޭގެ އޭރުގެ ހާލަތާމެދު ކުޑަކޮށްވެސް ވިސްނާނުލައެވެ. ކޮވިޑާ ގުޅިގެން ސަރުކާރަށް އެއްވެސް އާމްދަނީއެއް ނުލިބި ދެއަހަރު ތަހައްމަލު ކުރަން ޖެހުމުން ޖީއެސްޓީ %6 އިން %8އަށް ބޮޑުކުރުމާއި ޓީޖީއެސްޓީ ނަގާ މިންވަރުން ކުޑަ މިންވަރެއް މަތިކޮށްލުމާއި ކޮތަޅު ޓެކްސް ތައާރަފް ކުރުން ނޫންކަމެއް އޭރުގެ ސަރުކާރަކުން ނުކުރެއެވެ. ރައްޔިތުންނަށް ދޭ ހިދުމަތެއް އުންޏެއް ނުކުރެއެވެ.
ޝުޖާއުމެން އިދިކޮޅުގައި ތިބެ ވައްވައް ޖެހިއިރު ވޯލްޑްބެންކާއި އައިއެމްއެފުން ރާއްޖޭގެ ހާލަތު ރަނގަޅު ވަމުން އަންނަކަން އޭރު ފާހަގަކޮށް ތައުރީފް ކުރިއެވެ. ސިޔާސީ މަގާމްތަކުގެ މިންވަރު ހިފެހެއްޓިފައި އޮތީ 700 ގައެވެ. ރޭޓިން އެޖެންސީތަކުން ރިސްކު ހުރިކަން ފާހަގަ ކުރި ނަމަވެސް ދަރަނި އަދާނުކުރެވި ޑިފޯލްޓް ވެދާނެ ކަމަކަށް ނުބުނެއެވެ.
ހަގީގަތް އެހެން އޮތް ނަމަވެސް ރައްޔިތުންނަށް ހުވަފެން ދައްކާ، ވަރުގެ ކޮޅަށް ފޮނުއަރުވާފައި ދޮގާ ވަގާ މަކަރުން ހޯދި ވެރިކަން ޝުޖާމެނަށް ލިބުނު ފަހުން އަހަރުވަނީއެވެ. ސިޔާސީ މަގާމުތަކުގެ އަދަދު އޮތީ ތިންހަތަރު ހާހުގައެވެ. އިސްރާފާއި ހަރަދު ބޮޑުކަން އިންތިހާއެވެ. ފިޗުން ދެފަހަރަށް ޑައުންގްރޭޑް ކޮށްފިއެވެ. މޫޑީސްއިން ވެސް ޑައުން ގްރޭޑްކޮށް ބަނގުރޫޓް ވުމުގެ ބިރު އޮތްކަމަށް ބުނެފިއެވެ. ވޯލްޑް ބޭންކުން އުންމީދު ކަނޑާލައިފިއެވެ. އަދިވެސް ތިބީ ރަނގަޅަށް ބުރާންތި ވެފައެވެ.
ހުއްޓާ ނުލާ ޝުޖާމެން ދައްކަނީ ހަރަދު ކުޑަކުރާ ވާހަކައެވެ. ސިޔާސީ މަގާމު މަދު ކުރާ ވާހަކައެވެ. ފިސްކަލް ރިފޯމް ގެންނަ ވާހަކައެވެ. ކުރިން ނަގައިގެން ކަމުނުދިޔަ އެއްވެސް ޓެކްހެއް ފީއެއް ކަޑާ ކުޑަކޮށެއް ނުހަދައެވެ. ފުރާމީހުންގެ ފީއާއި އެއަރޕޯޓް ޑިވްލޮޕްމަންޓް ޓެކްސް ކުރަނީ ޑަބަލެވެ. ގްރީން ޓެކްސް ވެސް ކޮށްލަނީ ދެގުނައެވެ. ޓީޖީއެސްޓިވެސް ކުރަނީ ބޮޑެވެ. ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީއާއި ޓެކްސް ބޮޑުތަނުން އުފުލަނީއެވެ.
ކުރީން ހަރާން ވެގެން އުޅުނު އިބްރާހިމް ޖަނާބަށްވެސް ޓެކްސް ވަރު ހަލާލު އެއްޗެއް މިހާރަކު ނެތެވެ. ޝުޖާއު މިއެންމެން އޭރު ކީހާޅެން ފަރިއްސަށްވެ ބްރާންތި ވެގެން މިހާރު ބާރަށް ޖަހަނީ އަތެވެ. އާސަންދަ ނުދިނަސް ކަރަންޓާއި ފެން ބިލަށް އަތް ނުފޯރިޔަސް މުދަލުގެ އަގު މައްޗަށް ދިޔަސް ޝުޖާއަށް މިހާރު ވަރިހަމައެވެ. ބަޔަކު ބްރާންތި ވާނީ އެހާކަށް ވަރަށެވެ.