އޯކްލޭންޑް ފެނުގެ އަޑިއަށް
27 ވަނަ ދުވަހު އެކަނިވެސް އެ ސަހަރަށް 249 މިލިމީޓަރުގެ ވާރޭވެހިފައިވޭ
ނިއު ޒިލެންޑުގެ އުތުރުގައިވާ އޮކްލެންޑަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު ހަތަރަކަށް އަރައިފިއެވެ. ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ގައުމުގެ އެންމެ ބޮޑު ރަށް ކަމުގައިވާ އޮކްލެންޑުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.
ފެންބޮޑުވުމާ ގުޅިގެން ހަތަރު މީހަކު މަރުވެފައިވާއިރު، ފުރަތަމަ ދެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ޖަނަވަރީ 27 ވަނަ ދުވަހުއެވެ. އޮކްލެންޑުގެ އުތުރުގައިވާ ވައިރާއޫ ވެލީންނެވެ. ތިންވަނަ މީހަކު މަރުވެފައި ވަނީ އޮކްލެންޑުގެ މެދުތެރޭ ސަރަހައްދެއްގެ ބިންގަނޑު ކަނޑައިގެން ދިޔުމުންނެވެ. ހަތަރުވަނަ މީހާގެ ހަށިގަނޑު ފެނިފައި ވަނީ އޮކްލެންޑުގެ ދެކުނުގައި އޮންނަ އޮނެފެރޯއިންނެވެ.
ޖަނަވަރީ 27 ވަނަ ދުވަހު އޮކްލެންޑަށް ރެކޯޑް އަދަދަކަށް ވާރޭވެހުނެވެ. 27 ވަނަ ދުވަހު އެކަނިވެސް އެ ސަހަރަށް 249 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ކުރިން 24 ގަޑިއިރުގެ ތެރޭގައި އެތަނަށް އެންމެ ގިނައިން ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވަނީ 161 މިލިމީޓަރުގެ ވާރެއެވެ.
ފެންބޮޑުވުމާ ގުޅިގެން ކުއްލި ހާލަތު އިއުލާނުކޮށްފައިވާ އޮކްލެންޑުގައި 1.6 މިލިޔަނަށް މީހުނަށް އެކިވަރުގެ އަސަރުކޮށްފައިވެއެވެ. "ފެންބޮޑުވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ އަސަރުކޮށްފައި. އޮކްލެންޑަށް މި ވަނީ ބޮޑު ހިތާމައަކާ ކުރިމަތިވެފައި. އަދި ގިނަ ޢަދަދެއްގެ ފުރާނަ މި ވަނީ ގެއްލިފައި،" ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ ނައިބު ކާރމެލް ސެޕުލޯނީ ވިދާޅުވިއެވެ.
އޮކްލެންޑުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ 24,000 އަށްވުރެ ގިނަ ގެއަށް އެ ހިދުމަތް އަލުން ގުޅައިދިނުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ގިނަ އަދަދެއްގެ ގެދޮރުން ސާފު ބޯފެނުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ. ވިއްސާރައިގައި އޮކްލެންޑުގެ ވައިގެބަނދަރުގެ ޓަރމިނަލްގައި ވެސް ފެންބޮޑުވެގެން ހިދުމަތްތައް މެދުކަނޑައިލަން ޖެހުނެވެ.