ދުނިޔޭގައި އެންމެ މަދުން މީހުންދާ ގައުމު: ޓުވާލޫ

އެންމެ އަވަހަށް އަޑިއަށް ދިއުމުގެ ބިރު އެންމެ ބޮޑު ގައުމު

ދުނިޔޭގައި އެންމެ މަދުން މީހުންދާ ގައުމު: ޓުވާލޫ

ދުނިޔޭގެ ފަތުރުވެރިކަން އިންތިހާއަށް އިތުރުވެފައިވާ މި ޒަމާނުގައިވެސް، ކޮންމެ އަހަރަކު އެތަން ތަނަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަރަށް މަދު، ހާމަނުވެ ވަންހަނާވެފައިވާ ބައެއް ތަންތަން އަދިވެސް އެބަހުއްޓެވެ. ކިތަންމެ މަދުން މީހުން ޒިޔާރަތް ކުރި ނަމަވެސް، އެ ގައުމުތަކަކީ ތަފާތު ތަޖުރިބާތައް ކުރުމަށާއި ގުދުރަތީ މަންޒަރުތަކުގައި އެހެން ގައުމުތަކަށް ދޫކުރާ ވަރުގެ ތަންތަނެއް ނޫނެވެ. އެ ތަންތަނަކީ ފަތުރުވެރިން ގިނަ ސަރަޙައްދުތަކާ ދުރުގައި ހަމަހިމޭންކަމާއި ލޯބިވެތި ތަޖުރިބާތައް ހޯދުމަށް އެދޭ ދަތުރުވެރިންނަށް ވަރަށް އެކަށީގެންވާ މަންޒިލުތަކެކެވެ. އެގޮތުން ދުނިޔޭގައި އެންމެ މަދުން މީހުން ޒިޔާރަތްކުރާ ގައުމުގެ މައްޗަށް އަވަސްކަޅިއެއް ހިންގާލަމާހެއްޔެވެ. 

ޓުވާލޫ

ދެކުނު ޕެސިފިކްގައި އޮންނަ ޓުވާލޫ އަކީ ބްރިޓިޝް ކޮމަންވެލްތުގައި ހިމެނޭ މިނިވަން ޖަޒީރާ ގައުމެކެވެ. ޓުވާލޫގެ 9 ރަށަކީ ކުދި އަދި މަދުން މީހުން އުޅޭ އަތޮޅުތަކާއި ފަރުތަކުގެ މައްޗަށް އެކުލެވޭ ރަށްތަކެކެވެ. މި ރަށްތަކުގައި ރުއްގަސްތައް ހެދިފައިވާ ގޮނޑުދޮށްތަކާއި ދެވަނަ ބޮޑު ހަނގުރާމައިގެ ތަންތަން ހުރެއެވެ.

ޓުވާލޫގެ ބޮޑުމިނަކީ 26 އަކަ ކިލޯމީޓަރެވެ. ވެރިރަށަކީ ފުނަފުއްޓިއެވެ. ޖުމްލަ އާބާދީއަކީ 11312އެވެ. ރަސްމީ ބަހަކީ ޓޫވަލޫބަހާއި އިނގިރޭސިބަހެވެ. ފައިސާގެ ގޮތުގައި ޓުވާލޫ ޑޮލަރާއި އޮސްޓްރޭލިއަން ޑޮލަރެވެ. 

އާންމު ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިތުރުން، ޓުވާލޫ ވަރަށް ބޮޑަށް ބަރޯސާވަނީ ބޭރުގެ އެހީއަށެވެ. މި ގައުމަކީ ދުނިޔޭގެ އެންމެ ކުދި އަދި އެންމެ ފަގީރު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. މި ގައުމުގައި ގުދުރަތީ ވަސީލަތްތަކާއި އަސާސީ ވަސީލަތްތައް ވަރަށް މަދެވެ.

ޓުވާލޫއަށް ދެވެނީ ހަމައެކަނި ފިޖީ މެދުވެރިކޮށެވެ. ފިޖީއަކީވެސް ޕެސިފިކް ސަރަޙައްދުގެ ޖަޒީރާ ގައުމެކެވެ. ހަވާއީން ފިޖީއަށް ސީދާ ފްލައިޓެއް އޮތް ނަމަވެސް، ގިނަ ފްލައިޓްތަކަކީ އޮސްޓްރޭލިއާ މެދުވެރިކޮށް ދަތުރުކުރާ ފްލައިޓްތަކެވެ. ޓުވާލޫއަކީ އެހާ ފަސޭހައިން ދެވޭ ގައުމެއް ނޫނެވެ. 

އެހެން ކަމުން ޓުވާލޫއަކީ ދުނިޔޭގައި އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ ގޮތުގައި ފާހަގަކުރެވޭ ގައުމެވެ. އަހަރަކު އެންމެ 3،700 ފަތުރުވެރިން ޒިޔާރަތްކުރާ ޓުވާލޫއަކީ މީހުނާ އެކަހެރި ދުނިޔެމަތީގެ ސުވަރުގެއެއް ފަދަ ތަފަތު ތަނެކެވެ. އެތާނގައި ސާފު ގޮނޑުދޮށްތަކާއި، ބިއްލޫރި ފަދަ ސާފު މޫދު އޮވެއެވެ. 

ޓުވާލޫ އެކަހެރިވެފައި އޮތުމުގައި ރަނގަޅު ކަމަކާއި ނުބައި ކަމެއް ވެސް ވެއެވެ. އުޅޭ މީހުން މަދުކަމުން ޓުވާލޫގައި ކުށްކުރުމުގެ ރޭޓް އިންތިހާ ދަރަޖައަށް ދަށެވެ.  ގިނަ އަދަދެއްގެ ފަތުރުވެރިން ނައުމަކީވެސް އެ ތަނުގެ ގުދުރަތީ ރީތިކަމާއި ސަގާފީ ތަރިކަ ރައްކާތެރިކޮށްދޭ ކަމެކެވެ. ޒިޔާރަތްކުރާ ފަރާތްތަކަށް އެތަނުގެ އާދަކާދައިގެ މެހެމާންދާރީ ލިބެއެވެ. ރީތި މަސްމަހާމެހިން ފުރިފައިވާ ފަރުތައް ބަލައި ފޫހި ނުވާހާ ފުރިހަމައެވެ.

ވެރިރަށް ފުނަފުއްޓީގެ ބޭރުގައި އޮންނަ ފުނަފުއްޓީ ކޮންޒަވޭޝަން އޭރިއާގައި ކަނޑު ބޯވަ ތަކާއި ހޫނު ކަނޑުގެ މަސްތަކުގެ މެދުގައި ފީނުމާއި ސްނޯކަލް ކުރުމަށް އޮމާން ކަނޑެއް އޮވެއެވެ. އަދި މީގެ އިތުރުން ކަނޑުގެ ދޫނިތަކަށް ހިޔާވަހިކަން ދޭ މީހުން ނޫޅޭ ކުދި ރަށްތަކެއްވެސް ވެއެވެ.

ޓުވާލޫއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނެތިގެން ދިޔުމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ގައުމެވެ. މި ނާޒުކު ގައުމަށް ގުދުރަތީ ގޮތުން ކުރާ އަސަރު ކައިރިން ފެނެއެވެ. އެންމެ އަވަހަށް އަޑިއަށް ދިއުމުގެ ބިރު އެންމެ ބޮޑު އެއްގައުމަކީވެސް ޓުވާލޫއެވެ.