ހެޔޮނުވާނެ ބޭކާރު ހަރަދުކުރުން ހުއްޓާލާ: ސައުދު ހުސައިން
ބޭކާރު ހަރަދުކުރުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރ ސައުދު ހުސައިން ސަރުކާރަށް ގޮވާލައްވައިފިއެވެ. " ބޭކާރު ހަރަދުކުރުން ހުއްޓާލާ ހެޔޮނުވާނެ" ސައުދު ވިދާޅުވިއެވެ.
ދުނިޔެ ބޮޑު ހަގުރާމައެއްގެ އަގަމަތީގައިވާ މިކަހަލަ ވަގުތެއްގައި ދިވެހި ދައުލަތުން ކުރަމުންދާ ބޭކާރު ހަރަދުތަކާއި ސްޓޭޓް އޯގަނައިޒް ކޮރަޕްޝަން ހުއްޓާ ނުލައިފިއްޔާ ދިވެހިންނަށް ކޮންމެ ފަދަ ހާލަތެއްވެސް ޖެހިދާނެކަމަށް ވިލިނގިލިލީ ދާއިރާގެ ކުރީގެ މެންބަރ ސައުދު ހުސައިން ވިދާޅުވެއެވެ.
އަވަހަށް ސަމާލުވާށޭ ވިދާޅުވެ ސައުދު ވިދާޅުވީ މިފަދަ ހާލަތްތަކުގައި ދުރާލާ އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ދައުލަތުގެ ވެރިންގެ ޒިންމާއެއް ކަމަށެވެ.
އިންތިހާ ދަރަޖައަށް ދަރަނިވެރިވެފައިވާ ދިވެހި ސަރުކާރުން ކުރާ އިސްރާފާއި ރާވައިގެން ހިންގާ ކޮރަޕްޝަނުގެ ވާހަކަ ތަކުރާރުކޮށް ދަނީ އިވެމުންނެވެ. ދުނިޔޭގެ މާލީ އިދާރާތަކާއި އިންޑެކްސް އެޖެންސީތަކުން ރާއްޖެއާއި މެދު ކަންބޮޑުވުންތައް ހާމަކުރަމުންދަނީ ކެނޑިނޭޅިއެވެ. ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވާ ވުމަށް ބާރުލިބޭ އެތައް ކަމެއް ކޮންމެ ދުވަހަކު ސަރުކާރުން ދަނީ ކުރަމުން ކަމަށް އެތައް ބަޔަކު ބުނެއެވެ.
ސަރުކާރުގެ ހާރިޖީ މީޝަންތަކުގައި ނުކުޅަދާނަ ވަރަށް މުއައްޒަފުން ގެންގުޅުމާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 4000އަށް ވުރެ މައްޗަށް ގޮސްފައި އޮތްއޮތުމަކީ ކުޑަކަމެއް ނޫނެވެ. އަގުބޮޑު ޑްރޯނާއި ހަތިޔާރު ގަތުމާއި އާދަޔާ ހިލާފަށް ވުޒާރާ ގިނަވުމާއި އެތަންތަން ހިންގުމަށް ގިނަ އަދަދަކަށް ބޮޑެތި އަގުތަކުގައި އިމާރާތްތައް ކުއްޔަށް ހިފައިގެން އުޅުމަކީ ކަންބޮޑުވާ ކަންކަމެވެ.
ބޭނުންވާ ވަރަށްވުރެ އިތުރަށް އެސްއޯއީތަކުގައި މުއައްޒަފުން ގެންގުޅުމާއި މިހާރުން މިހާރަށްވެސް ނުހިއްކާ ޥާން އޮތް ރަސްމާލެ ހިއްކުން ފަދަ ބޮޑެތި އިސްރާފާއި ކޮރަޕްޝަނަކީ ކުދިކުދި ކަންކަމެއް ނޫނެވެ.




