ހުޅުނބު ފައިބައިފިކަމަށް ތުރާކުނު ސައީދަށް އެއްބަސްވެވިއްޖެ!

ސިޓީ ފޮނުވާ ފޮނުވާ ވަރުބަލި ވީއިރުވެސް ޕޭޕާލުން އަޅާކަހާ ވެސް ނުލި

ހުޅުނބު ފައިބައިފިކަމަށް ތުރާކުނު ސައީދަށް އެއްބަސްވެވިއްޖެ!

ރާއްޖޭގައި އޮތް ޑޮލަރުގެ ކަޅުބަޒާރު ނައްތާލާނެކަމަށް ރައީސް މުހައްމަދުގެ އިގްތިސޯދީ ވަޒީރު ތުރާކުނު ސައީދު ބުންޏެވެ. އަހާ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސައީދު އެހެން ބުނީ މި އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އޭގެ ފަހުން 6 މަސްވީއެވެ. ޑޮލަރުގެ އަގު އެންމެ ފުކެއްވެސް ދަށަކަށް ނުޖެއްސުނެވެ. 

25 ޖެނުއަރީ 2024 ގައި ރާއްޖޭގައި އޮތް ކަޅުބާޒާރުން ޑޮލަރު ގަންނަން ލިބެނީ 18 ރުފިޔާ ލާރި ކޮޅަކަށެވެ. މިއަދުވެސް ކަޅު ބާޒާރުގައި ޑޮލަރު ހުރީ 18 ރުފިޔާއިން މަތީގައެވެ. ތުރާކުނު ސައީދަކަށް އެކަމެއް ނުވިއެވެ. 

ޑޮލަރުގެ އަގު ދަށްކުރުމުގައި ރައީސް މުހައްމަދުގެ ހާލު ވަކީން ކުޑައެއް ނޫނެވެ. ރައީސް މުހައްމަދަކަށް ވާނުވާ ނޭނގެއެވެ. ޕޯޑިއަމެއް ލިބިއްޖެއްޔާ ރައީސް މުހައްމަދަކީ ކިޔޭ ނުކިޔޭއެއް އެނގޭ މީހެއްނޫނެވެ. ޑޮލަރުގެ އަގުވެސް ރައީސް މުހައްމަދު ބުނާ ގޮތުން ނިކަން ތިރިއެވެ. 

މީގެ ހަތަރު މަސްކުރިން ދ. އަތޮޅު މީދުއަށް ކުރި ދަތުރެއްގައި އެރަށު ރައްޔިތުންނާ މުހާތަބުކޮށް ރައީސް މޮހަނދު ބުނީ ޑޮލަރުގެ އަގު ތިރިވާން ފަށައިފި ކަމަށެވެ. ދެން ޑޮލަރުގެ އަގު ބޮޑު ނުވާނެ ކަމަށް މީދޫ ރައްޔިތުން ކައިރީގައި ބުންޏެވެ. މަލާމާތުގެ ވަގު ހިންޏެއް، ހޭން އެމީހުން ތިބިކަމެއް ރައީސް މޮހަނދަކަށް ނޭނގެއެވެ. ރައީސް މޮހަނދު އެ ވާހަކަ ދެއްކި ވަގުތުވެސް ކަޅުބާޒާރުން ޑޮލަރު ގަންނަން ލިބެނީ 18 ރުފިޔާ 70 ލަރިއަށްކަން އެ މީހުނަށް އެނގެއެވެ. 

" ޑޮލަރުގެ އަގު ދެން ނުވާނެ މައްޗެއް. ނުވާނެ މައްޗެއް. ދަނީ ދަށަށް" ކަމަށް ރައީސް މުހަންދު ނިކަން ރުޅި ގަދަވެ ގަދަވެފައި އެެހެން ޕޯޑިއަމެއްގައި ބުންޏެވެ. އޭރުވެސް ޑޮލަރުގެ އަގު ބާޒާރުގައި ހުރީ 18 ރުފިޔާއިން މަތީގައެވެ. 

ވެރިކަމަށް އެރީއްސުރެ މިޒާތުގެ އެތައް އަޅިއެއް މި ބައިގަނޑު ދަނީ ބުރުވަމުންނެވެ. އެގޮތުން ރާއްޖޭގެ ޑިޖިޓަލް އީ-ކޮމާސްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތައް ހުރުމުން އެކަން ނައްތާލަން ތެޅެތެޅެ ހުޅުނބު ފައިބައިފިކަމަށް ތުރާކުނު ސައީދަށް އެއްބަސް ވެވިއްޖެއެވެ. ރޮއެ އާދޭސްކޮށް ސިޓީ ފޮނުވާ ފޮނުވާ ވަރުބަލި ވީއިރުވެސް ޕޭޕާލުން އަޅާކަހާ ވެސް ނުލިޔެވެ. މަހެއްގެ އެއްކޮޅު އެމެރިކާގައި ގޮސްހުރެ ރޮއި އަދޭސް ކުރުމުން ތުރާކުނު ސައީދަށް ވީވަރަކީ އެމެރިކާގެ ފަތުރުވެރިން އައިސް އުޅެން ރައްކާތެރި ތަނެއް ނޫންކަމުގެ ޓްރެވަލް އެޑްވައިޒަރީ ރާއްޖެއާ ދެކޮޅަށް އައުކުރުމެވެ.