މަހުޖަނުން ވަނީ ސަރުކާރު ކުޑަކަކޫ ޖައްސާފަ!
ޑޮމެސްޓިކް ޑިފޯލްޓަށް ދިޔުމުން މާލީ ނިޒާމަށް އިތުބާރު ގެއްލޭ
ސަރުކާރެއް ޑޮމެސްޓިކް ޑިފޯލްޓްއަކަށް ދަނީ އަމިއްލަ ގައުމުގެ ތެރޭން ސަރުކާރަށް ނަގާ ދަރަނިތައް ގަވައިދުން ނުދެއްކުމުންނެވެ. ސަރުކާރަށް ގައުމުގެ އެތެރޭން ދަރަނިދޭ ފަރާތްތަކަށް އެގައުމެއްގެ ފައިސާއިން އަގުކޮށްގެން ސަރުކާރުން ވިއްކާ ބޮންޑާއި ނަގާ ލޯނުތަކަށް ދައްކަންޖެހޭ މުއްދަތުގައި ނުދެއްކިގެންނެވެ.
ދިވެހި ސަރުކާރުން އަމިއްލަ ގައުމުގެ ތެރޭގައި ދަރަނީގެ ވާޖިބުތައް އަދާނުކޮށްއޮވެ ދިވެހި ފައިސާއިން ދައްކަންޖެހޭ ބޮންޑްތަކާއި ލޯނުތައް ނުދެއްކި އެތެރޭގެ ދަރަނި ވަނީ ޑިފޯލްޓް ވެފައެވެ. އެތެރޭގެ ބޭންކްތަކާއި އަމިއްލަ ބޮޑެތި ވިޔަފާރިވެރިންގެ މުށުތެރެއް ގައުމުވަނީ ވެއްޓި އެމީހުން ނުބުނާ ގޮތަކަށް ކަންކަން ނުކުރެވޭ ވަރަށް ސަރުކާރުވަނީ ކުޑަކަކޫ ޖެހިފައެވެ. ވިޔަފާރިވެރިންގެ މުށުތެރެއަށް ގައުމު ވެއްޓި އިނދަ ޖެހިފައި އޮންނައިރު އިންފްލޭޝަން ބޮޑުވެ މުދަލުގެއަގު ބާޒާރުގައި އަތްނުފޯރާ ވަރަށް އުފުލެއެވެ. ކުދި އަދި މެދުފަންތީގެ ވިޔާފާރިތައް ހުލިވެ ބަނގުރޫޓްވެއެވެ.
ސަރުކާރެއް ޑޮމެސްޓިކް ޑިފޯލްޓްއަށް ދިޔުމުން ގައުމުގެ މާލީ ނިޒާމަށް އިތުބާރު ގެއްލެއެވެ. އިންވެސްޓަރުންގެ އިތިބާރުގެއްލި އިންވެސްޓްމަންޓް ދަށްވެއެވެ. ނަތީޖާއެއްގެ ގޮތުން އާދައިގައި އުފައްދާ އުފެންދުން ތަކަށް ކުރަންޖެހޭ ހަރަދު ބޮޑުވެ ޑޯމެސްޓިކް އުފެއްދުންތައް އުފެއްދުން ހުއްޓެއެވެ. ފެހުމާ ހެދިކާ ހެދުންފަދަ ލުއި ކަންކަމަށް ކުރެވޭ ހޭދައަށްވެސް ލިބޭ މިންވަރަށްވުރެ ކުރަންޖެހޭ ހަރަދު ބޮޑުވެ ނުކުރެވިގެން ހުއްޓާލަން ޖެހެއެވެ.
ވަޒީފާތަކުން މީހުން ވަކިކުރުމާއި، ވަޒިފާނެތި މަގުމަތިވާ މީހުންގެ އަދަދު އޮބި ނޯންނަ ވަރަށް މައްޗަށް އަރައިގެން ދެއެވެ. ލިބުނު ގޮތަކުން ފައިސާ ހޯދުމާއި ބަނޑު ފުރާނަ މުއްތިކުރުމުގެ ބޭނުމުގައި ވައްކަމާއި ފޭރުމާއި ހަށިވިއްކުން ފަދަ ކުށުގެ އަމަލުތައް ހައްދު ފަހަނައަޅާ ދެއެވެ. ބޮޑުވެގެންވާ އިގްތިސާދީ ކާރިސާއަކަށް މުޅި ގައުމު ވެއްޓުމުގެ ސަބަބަކަށް ސަރުކާރު ޑޮމެސްޓިކް ޑިފޯލްޓަކަށް ދިޔުން ވެގެން ދެއެވެ.
ގިނަ ފަހަރަށް ޑޮމެސްޓިކް ޑިފޯލްޓް އުފެދެނީ:
- ބަޖެޓް ގޯސްކޮށް ބެލެހެއްޓުން
- އިގްތިސާދީ ދަތިތަކަން.
- ދަރަނި އަނބުރާ ދެއްކުމަށް އެކަށީގެންވާ އާމްދަނީއެއް ހޯދުމަށް މަސައްކަތް ނުކުރެވުން.
- ކުއްލި ކަރިސާއެއް ކުރިމަތިވުން.
- ކޮރަޕްޝަނާއި އިސްރާފް ބޮޑުވުން.
ބޭރުގެ ޑިފޯލްޓާ ހިލާފަށް ގައުމުގެ އެތެރޭގެ ދަރަންޏަކީ އާއްމު ރައްޔިތުންނަށް އެކަމުގެ ނުބައި އަސަރު މާއަވަހަށް ފެންނަ ކަމެކެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަލަބަލާ ތިއްބާ ދަށްވެގެން ދާން މެދުވެރިވާ ކަމެކެވެ. ބޭރުގެ ދަރަނި އަދާކުރުމަށް ހުރަސް އެޅޭ އެއް ބަހާއަކަށް ޑޮމެސްޓިކް ޑީފޯލްޓް ވެއެވެ.