ފެނަކައިގެ ތަސައްވަރު ކިލަނބު ކުރަނީ ސިޔާސީ ބޭނުމެއްގާ
މިހިގާ ފަސް އަހަރު 530އަށް ވުރެ ގިނަ ކެޕިޓަލް އިންވެސްޓްމަންޓް ރަށްރަށުގައި ގާއިމުކޮށްފި
ރައީސް ސޯލިހުގެ ވެރިކަމަށް ފެނަކަ ނަގުލު ވީއިރު:-
* 1.2 ބިލިޔަންގެ ދަރަނި އޮތް.
* 115 ވަރަކަށް އިންޖީނުގެ ބައުވެ ހަސްނެތިފައި ހުރި
* މަސައްކަތުގެ އަގުނުދޭ އެތައް އިންޖީނުގެއެއް ހުރި
* އަގުނުދައްކާ އެތައްހާސް ޓަނެއްގެ ތެޔޮ އޮތް
އެސްޓީއޯގެ އެމްޑީއަކަށް ހުރި އަމުރު ވަޒީފާއިން ވަކިކުރުމުން 1.8 ބިލިޔަން ރުފިޔާއަށް ފެނަކަ ދަރާފައި އޮވެގެން އެސްޓީއޯ ބަނގުރޫޓް ވާކަމަށް މިހާރު ވެއްޖެއެވެ. އެ ބުނާ ދަރަންޏަކުން ފެނަކަ ދަރުވާލީ ހަތަރު އަހަރަށްވުރެ ގިނަ ދުވަހު އެސްޓީއޯ ހިންގަން އަމްރު ހުރެގެންނެވެ. ބައެއް އަމިއްލަ ފަރާތްތަކުން ފެނަކައަށް ހިދުމަތް ހޯދާ އަގުނުދީ އޮތް ކަމަށް ވެގެން ހައެއްކަ މީހުން އަތަށް ބޯޑު ދީފައ ފެނަކަ ދޮރުމައްޗަށް މުޒާހަރާ ކުރަން ފޮނުވުމުގެ ބޭނުމާ އަޑި އޮތްގޮތް އެބަ އެނގެއެވެ.
ބުނަން ހެއްޔެވެ. ރައީސް ސޯލިހުގެ ވެރިކަމަށް ފެނަކަ ނަގުލު ވީއިރު ބޮޑެތި ބޮޑެތި ގޮންޖެހުންތައް ހުއްޓެވެ. 1.2 ބިލިޔަންގެ ދަރަނި އޮތެވެ. 115 ވަރަކަށް އިންޖީނުގެ ބައުވެ ހަސްނެތިފައި ހުއްޓެވެ.
ބަޔަކަން މަންފާ ތަކެއް ހޯދާ ދިނުމަށްޓަކާ ބޮޑު ހަރަދުކޮށްގެން ގަނެ ސްޓޮކްކޮށްފައި ބޭނުމެއް ނުހިފޭ ގިނަ އަދަދެއްގެ ސްޕެއަރޕާޓާއި އިކްވިޕްމަންޓްސްގެ ތިން ހަތަރު ގުދަން ބަރާކޮށް ހުއްޓެވެ. ސެކަންޑް ހޭންޑް ޖެންސެޓްތަކެއް ބްރޭންޑް ނިއު އެއްޗެތީގެ ގޮތުގައި ރާއްޖެއަށް ގެނެސްފައި ވެއެވެ. ބައެއް ރަށްރަށުގައި ބެހެއްޓުމަށް ޓްރަންސްފޯމަރ ގަތުމަށް މިލިޔަނުން ހަރަދުކޮށްފައި ވާއިރު އެއިން ރަށެއްގާ ޓްރާންސްފޯމަރު ބަހައްޓާފައެއް ނުވެއެވެ. މަދު ރަށެއްގައި އަލަށް އިންޖީނުގެ އަޅާފައި ވާއިރު އެއިގެތެރެއިން ގިނަ ރަށްރަށުގެ އިމާރާތްކުރި މީހުނަށް އަގުދީފައެއް ނުވެއެވެ.
ރަށްރަށުގައި ކަރަންޓް ކެނޑެނީ ބޮޑުގެރި ބޭރަށް ހިންގާހެނެވެ. އިންޖީނުގެއާއި ދުރު ހިސާބު ހިސާބަށް ކަރަންޓް ލިބެނީ އައިވީއަކުން ތިކި ޖަހާހެނެވެ. އެހިސާބުގެ ތަންތާ ފަންކާ އެނބުރެނީ ވައިމަޑު ދުވަހެއްގައި އެނބުރޭ ބުރަފައްޗެއް ހެންނެވެ. ގިނަ ރަށްރަށުގައި އެކަށީގެންވާ ކޭބަލް ނެޓްވޯކެއް ޑިސްޓްރިބިއުޝަން ފޮއްޓެއް ނުހުރެއެވެ. ބިޔަބޮޑެތި ގިނަ ރަށްރަށުގައި ޓްރާންސް ފޯމަރެއް ނުހުރެއެވެ. ގިނަ ފަހަރަށް ރަގަޅަށް ހިނގާ ހުންނަނީ އެއް އިންޖީނު ދެ އިންޖީނެވެ. މަދު ރަށެއްގައި ނޫނީ ދެތިން މުއައްޒަފުން ނުތިބެއެވެ. ބޭނުންވާ ތެޔޮ ރައްކާ ކުރެވޭ ގޮތަށް ހުރީ މަދު ރަށެއްގައެވެ.
ބުނެވެ ދިޔަ ހުރިހާ ގޮންޖެހުން ތަކާއެކު މިހިނގާ ފަސް އަހަރުގެ ތެރޭގައި 530އަށް ވުރެ ގިނަ ކެޕިޓަލް އިންވެސްޓްމަންޓް ފެނަކައިން ވަނީ ރަށްރަށުގައި ގާއިމުކޮށްފައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 180 ރަށުގެ ތެރެއިން 150 ރަށުގައި ފެނަކައިން މިހިނގާ ފަސް އަހަރު ކޮށްފައި އެވަނީ މީގެ ކުރިން އޮތްހާ ސަރުކާރު ތަކުން ނުކޮށް އިހުމާލުކޮށްލާފައިވާ ބަރު ބުރަ އުނދަގޫ މަސައްކަތެވެ.
އެތައް ޒަމާނެއް ވަންދެން އެތައް ބަޔަކު ނުކޮށް ދޫކޮށްލާފައިވާ ބޮޑެތި މަސައްކަތް ތަކެއް އެއްފަހަރާ މުޅި ރާއްޖޭގައި ކުރާއިރު ދަރަނިވެރި ވެސް ވާނެއެވެ. ދަރަނިވެރިކަމާ އެކުގައި ވިޔަސް އެއްފަހަރާ ހުރިހާ ކަމެއްކޮށް ނިންމާލުމުން ދެން އެގޮތައް އެހަރަދެއް އެތައް ޒަމާނެއް ވަންދެން ކުރާކަށް ނުޖެހޭނެއެވެ. ފެންވަރު ހުރި ރައްކާތެރި އަސާސީ ހިދުމަތްތަކެއް އޭރުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ލިބިލިބި ހުންނާނެއެވެ.
ކާމިޔާބަށް ވާސިލުވުމަށް ދަރަނިވެރިވެ ދަރަނި ރި-ސްޓްރަކްޗަރ ކޮށްގެން ކާމިޔާބީއަށް ވާސިލުވެ ނަފާވެރިވާތަން ދެކެން ބޭނުން ނޫން މީހުން އަތްގުޅި ނުކާވަރުގެ ބޮޑެތި ވާހަކަ ފަތުރަނީ ފެންނަ ކާމިޔަބީތައް ހަޖަމު ނުވާތީއެވެ. ފެނަކައިން ރާއްޖޭގެ ރަށްތަކުގެ ނިކަމެތި އާއިލާ ތަކުގެ ދަރިންނަށް ވަޒީފާ ލިބި ރަށުގައި ތިބެގެން ވަޒީފާ އަދަކުރެވޭގެ ގޮތް ހަދާ ދިނުމަކީ ވާދަވެރިން ދަތްވިކޭނެ ކަމެކެވެ. ވަޒީފާގެ ފުރުސަތު ރަށްރަށުން ނުލިބޭތީ ދަތްކެރުވި މީހުން ފެނަކައިން އެ ފުރުސަތު ހޯދާދޭތީ ވެސް ކަމަކު ނުދެއެވެ.
ރާއްޖޭގެ އެތަން މިތާ ބާރު ދުވެލީގައި ރަށްރަށުގައި ހިންގާ މަޝްރޫއު ތަކުގެ ސަބަބުން ރައްޔިތުންގެ ލޯތްބާއި އިތުބާރު ސަރުކާރަށް ލިބުމަކީ ވާދަވެރިނަށް ރޭނިދި ނިދޭނެ ކަމެއް ނޫނެވެ. ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ރަށްރަށު މީހުނަށް ފެނަކައިން ވަޒީފާ ދިނުމަކީވެސް ވާދަވެރިން ފެނަކައިގެ ނަން ހަރާބު ކުރާ ސަބަބެކެވެ. ފެނަކައާއި މެދު ފަތުރާ ދޮގު ބުހުތާން ވާހަކަ ތަކުގެ ހަގީގަތް ހަމަކޮށްދޭ ނޫސްވެރިންނާއި ނޫސްތަކަކީ ވިކިފައި ތިބި ބައެއްކަމަށް ހަދައިގެން ފިތުނަވެރި ވާހަކަ ފަތުރަނީ ވެސް އެހެން ވެގެންނެވެ.