ވެރިކަމުން ބޭލީމާ ނިކުމެ މަސްވެރިންގެ ވާހަކަ ނުދައްކާ
ނުވެ އޮތް ކަމެއް ހޯދައިގެން ފިތުނަ އުފެއްދުންނޫން ކަމެއް އިދިކޮޅުން ނުކުރޭ
ވެރިކަމުގެ ދަހިވެތިކަމުގައި ދިހަ ބާރަ ސިޔާސީ ޕާޓީ ހަދައިގެން އެތައް ބަޔަކު މަރުފަލި އެބަޖަހައެވެ. ސިޔާސީ ހަސް ނެތަސް ކޮންމެ ބަޔެއްގެ ވެސް ނިކަން ބޮޑު އަނގައެއް އޮވެއެވެ. ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރަމުންވެސް ވެރިކަމުގެ މަސްތުގާ ސަރުކާރަށް ފާޑެއް ނުކިޔައެއް ނުވާނެތާއެވެ. އެއްކޮޅުން ކަންކަން ނުވާތީ ތަޅާ އަގައިން ހީވާނީ ތަލިވެއްޓި ދާނެހެނެވެ. ރައްޔިތުން އެދޭކަމެއް އެދޭގޮތަކަށް ސަރުކާރުން ކޮށްދިނަސް ދަތްވިކާ އޮތިއްޔާ ހެދެން އޮތް ފިތުނައެއް ހަދައެވެ.
ރާއްޖޭގެ މަސްވެރިންގެ ހިތުގާ ނަފުރަތު އުފައްދަންވެސް އިދޮޅުން ނެގި ނެގިފައި އެބަޖެހެއެވެ. ވެރިކަމުގައި 5 އަހަރު ހޭދަވުމުން ބޭރުކޮށްލި މީހުން މިއަދު ނިކުމެ މަސްވެރިންނޭ ކިޔައިގެން ކޯތަޅުވަން ލަދެއް ހަޔާތެއް ނެތެވެ. މަސްގަންނަ މައި ފެކްޓަރީ އޮތީ މައުމޫނު ވެރިކަމުގައި ކުރިކަމެއް ކުރި ގޮތަށެވެ. އާބަތުރަ ފިލުވުމެއް އައުވަސީލަތް ގާއިމުކޮށް ދިނުމެއް ނެތިއެވެ. ކެޕޭސިޓީ އިތުރު ކުރަން ކުރިކަމެއް ނެތެވެ. މަސްވެރިން ބާނާމަސް ފިނިކުރަން އައިސް ލިބޭނެ އިންތިޒާމެއް ނެތެވެ.
ރަށްރަށުގައި ހުއްޓިފައި ހުރި އައިސް ޕްލާންޓްތައް ހުރީ ވީރާނާވާން ދޫކޮށް ލެވިފައެވެ. ކޫއްޑޫގެ ހާލަތުވެސް އޮތީ ދޮޅިފުރާ ނޭވާލާން ތައްޔާރަށް އޮތް ބަލި މީހެއް ފަދައިންނެވެ. މައުމޫނަށް ފަހު ކުރީ ސަރުކާރުތަކުން ކުރިކަމެއް ކުރަންއުޅުނު ކަމެއް ހަރާމެވެ.
މި ސަރުކާރު ވެރިކަމަށް އައިތަނާ ކޮވިޑްގެ ވަބާގައި ގައުމުތައް ބަންދުވެއްޖެއެވެ. މަހެއް ބާނަން ބަޔަކަށް ފުރަ ނޫޅެވޭ ވަރަށް ބަލި މަޑުކަން ފެތުރި ގައުމު އޮތީ މަރުތަޅު އެޅިފައެވެ. ފުރަބަންދުން ވީއްލިފައި މަދު ރަށެއް އޮތަސް މުޅި ގައުމާ ދުނިޔެ އޮތީ ހުއްޓިފައެވެ. މަހެއް ބެނިޔަސް ބޭރުކުރެވޭނެ އެއްވެސް ގައުމެއް ދުނިޔެއަކު ނެތެވެ. ކޮވިޑާ ހުރެ ގައުމުތައް އޮތީ މަރުތަޅު އަޅުވާފައެވެ. ބޭރުން އެތެރެއެއް ނުވެވެއެވެ. އެތެރޭން ބޭރެއް ނުވެވެއެވެ. އެގޮތުގައި ދެއަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެގެން ދިޔަކަން ނޭގޭ މީހަކު ނޫޅޭނެއެވެ.
ގައުމުގައި ކައިބޯ އުޅުނީ މާލިއްޔާގައި ޖަމާގައި ހުރި އެއްޗަކުންނެވެ. ފައިސާ ހޯދޭނެ ގޮތެއް އާއްމު މީހާއިން ފެށިގެން ސަރުކާރަށްވެސް ނެތެވެ. ބަލިމަޑުކަމުން އަރައިގަނެވި ރާއްޖެއާއި އެހެން ބައެއް ގައުމުތައް ހުޅުވި ދަތުރު ފަތުރުކޮށްލެވޭވަރު ވީފަހުން މިއުޅެނީ އަހަރެއްހާ ދުވަސް ނުވެއެވެ. އުދަނގުލާ ދަތީގައި ގައުމު ބަނޑަށް ޖެހުނަނުދީ ހިފަހައްޓާލެވުނީ ކިރިޔަ ކިރިޔާއެވެ. ދުރުވިސްނުމާއި ރޭވުން ތެރި ސިޔާސަތެއްގައި ކަންކަން ހަމަ މަގަށް އެޅުވުނީތީއެވެ. ހެޔޮއެދޭ ގައުމުތަކާ ޖަމާއަތްތަކާއެކު ދެމެހެއްޓީ އިތުބާރާއި ގާތްކަމަކީ ރައްޔިތުންގެ ނަސީބެވެ.
އިގުތިސާދު އަޑިއަޅާފައިވާ ޥާހަކައާއި ރިޒަރވް ދައްވެ ދަރަނީގެ ވާހަކަ ސިޔާސީ ބޭނުމުގައި ދައްކާ މީހުންގެ ކުޑަވެސް އިހުލާސްތެރިކަމެއް ނެތެވެ. އާލަމީ ވަބާގެ ސަބަބުން ގައުމަށް ދިމާވި ހިތްދަތި ހާލަތާއި ރަނގަޅު ހާލަތުގައި އޮވެ ކުރިއްސުރެ ގައުމު ދަރަނިވެރި ކުރުވާފައި އޮތް މިންވަރަށް ބެލުމެއްނެތި ފިތުނަ އުފެއްދުމުގައި ރޭނިދި ނުނިދާ ބަޔަކު އެބައުޅޭއެވެ. ދަތި އުނދަގޫ ހާލަތުގައިވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދީ ކުރާނެ ކަމެއްނެތިފައި ތިބި އެތައް ބަޔަކަށް ވަޒީފާތައް ހޯދަދީ ރައްޔިތުންގެ އެތައް ބަޔަކަށް ނަފާވެރި ދިރިއުޅުމެއް ލިބެމުން ދާތަން މި ބާގާ މީހުންނަކަށް ނުފެނެއެވެ.
ދުނިޔެ ހުޅުވަމުން ދިޔަދިޔަހެން އަންނަ ފަތުރުވެރިން އިތުރުވެ ލިބޭ އާމްދަނީ ބޮޑުވެ ހަމަ މަގަށް އެޅެމުން މިހުރެ ދަނީ ފަތު އަޑު ކިޔާފައެވެ. ދަރަނި މެނޭޖުކޮށްގެން ހުއްޓުމަކަށް ނުގޮސް ގައުމު ބިނާކޮށް އިގުތިސާދު ފުޅާކޮށް އާމްދަނީ ގުނަވާކަން އިހުސާސް ކޮށްދިނުމަށް ވުރެ އެ ބަގައަށް މުހިންމީ ފިތުނަ އުފެއްދުމެވެ.
ރާއްޖޭގެ ސާދަ ރަށެއްގައި ހުއްޓި ހަސް ނެތިފައިވާ 14 އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހައިން ލިބޭނެ ގޮތް ހަދާދިންތަނެއް ކަނު މީހުންނަކަށް ނުފެންނާނެއެވެ. ކުރީގެ ސަރުކާރުން މަސްގަނެ މަސްވެރިންނަށް ނުދީ އޮތް އެތަކެއް މިލިޔަން ރުފިޔާދީ ނިންމިކަމެއް ހިއްސުތައް ހަމަނޫން ވީމާ ނޭގެނެއެވެ. ސަރުކާރުން ސްޓޯރޭޖު ބޮޑުކޮށް ގަންނަ މަސް އެތައް ގުނައަކަށް އިތުރުކަމަކަށްވެސް ނުވާނެއެވެ. ނުވެ އޮތް ކަމެއް ހޯދައިގެން ފިތުނަ އުފެއްދުންނޫން ކަމެއް ވެރިކަން ހޯދަން ކުރާކަށް ނޭގޭނެއެވެ.