މަސައްކަތްތެރިންގެ ހައްގު ކުރިއަރުވާނެ ސިކުނޑިއެއް ނެތް: ޖަމީލް
ކިޔަވައިގެން ތިބި ސިވިލް ސަރވެންޓުންގެ މުސާރަ ސިޔާސީ އެކްޓިވިސްޓުންގެ ނިސްބަތުން ދަށް
 
                                ރާއްޖޭގައި މަސައްކަތްތެރިންނަށް އޮތްގޮން ޖެހުން ބޮޑުކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މަސައްކަތްތެރިންގެ ދުވަހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޑރ. ޖަމީލު ފާހަގަ ކުރެއްވި ގޮތުގައި މަސްވެރިންނަށް މަހުގެ އަގު ނުލިބި އެ ޞިނާޢަތް ދަނީ ހީނަރުވަމުންނެވެ. އަނެއްކޮޅުން ކިޔަވައިގެން ތިބި ސިވިލް ސަރވެންޓުންގެ މުސާރަ ސިޔާސީ އެކްޓިވިސްޓުންގެ ނިސްބަތުން ކަންބޮޑުވާ ދަރަޖަޔަށް ދަށްކަމަށް ފާހަގަ ކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑަތި މަގާމްތަކުގައި ތިބެނީ ބޭރު މީހުންކަމާއި އެފަދަ މަގާމްތަކުގައި ތިބޭ މަދު ދިވެހިންނާ މުސާރައިގެ ބޮޑަތި ފަރަގު ހުންނަކަމަށް ފާގަކުރެއްވީ ރާއްޖޭގެ ބްރޭންޑް އަގުބޮޑުކަން ފާހަގަ ކުރައްވަމުންނެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރުގެ ނާގާބިލުކަން ދޭހަވާ މޭރުމަކުން ޖަމީލު ވިދާޅުވީ މިއަދު އެދާއިރާގެ މޫނުބަލާ ލޯގަނޑުކަމަށްވަނީ ވަޒީރު ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީރުކަމުގައި ނާގާބިލު ވަޒީރަކު ހުންނަ ހުރުމުން ދޭހަވަނީ ސަރުކާރު ސީރިއަސް ނޫންކަން ކަމަށް ޖަމީލު ނުސީދާކޮށް ފާހަގަ ކުރައްވައެވެ. އިތުރު ތަފްސީލް ދެއްވަމުން ޖަމީލު ވިދާޅުވީ ސަރުކާރަށް މުހިއްމީ ވަރުގަދަ ބްރޭންޑްތައް ތަމްސީލުކޮށް މާރކެޓް ކުރުމަށް ފެންވަރާއި ހުނަރު ދެއްކުމަށް ވުރެ ސިޔާސީ ސްކޯރ ކުރެވޭތޯ ބެލުން ކަމަށެވެ.
ނަތީޖާއަކީ ގައުމަށް އެންމެ މުހިއްމު ސިނާޢަތުގެ ވެރިންނާ، މަސައްކަތްކުރާ އެންމެންގެ ޙައްގު ކުރިއަރުވާނެ ސިކުނޑިއެއް ނެތުން ކަމަށް ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮއެދުން ފޮނުވުމަށް ޑރ. ޖަމީލު މިއަދު އެކްސްގައި ކުރި ޕޯސްޓެއް ގައި ވެއެވެ.
 
                         
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
    
             
    
             
    
             
    
             
    
             
    
             
    
                                        
                                     
    
 
    
 
    
 
    
 
    
 
    
 
    
