އދއަކީ ދަތްނެތް ފެމުނެއްކަމަށް މުއިއްޒުގެ ވަޒީރަކު ސިފަކޮށްފި!

މުއިއްޒު ސަރުކާރުގެ އެކިފެންވަރުގެ ވެރިންގެ ތެޜޭގައިގިނައީ ބައިނަލްއަގްވާމީ ގުޅުންތައް ތަރުތީބުވެފައި އޮންނަގޮތް އެނގޭ ބައެއްނޫނެވެ. ކުކުޅަށް ވުރެ ބިސްދޮށިވެގެން ހިސާބަށްވުރެ އަނގަދިޔާވުމުން ގައުމަށް ޖެހިދާނެ ހާލަކަށް ވެދާނެ ގޮތަކަށް އެމީހުން ވިސްނާނުލައެވެ. މަގާމެއް ލިބުނީމާ ބޮކަށް ރަންފުންމައްޗަށް އެރުނީމާ ވާގޮތްވެގެން ކިޔޭނުކިޔޭ އެއްޗެއް އެމީހުންނަކަށް ނޭނގެއެވެ.
ގައުމުގައި ތިމާ ހުރި ހައިސިއްޔަތާއި ޒިންމާއާމެދު ހިޔާލެއް ފިކުރެއްނެތި ބަސްބުނުމަކީ ގައުމާމެދު ބައިނަލްއަގުވާމީ މުޖުތަމައުން ދެކޭގޮތް ބަދަލުވާނެ ކަމެކެވެ. އދ ގެ ތައްޕާހުން ނޫނީ އެއްވެސް ކަމެއް ކުރެވޭވަރުގެ އުރައްޕަތެއް ނެތްހާލުގައި ތިބެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ހުރެގެން އަހުމަދު ސިއްދީގު އދ ގޮންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ދުނިޔޭގެ ސުލްޙަ ބެލެހެއްޓުމަކީ އދ ކަހަލަ ''ދަތްނެތް ފެމުނު'' ޖަމާއަތަކަށް ކުރެވޭނެ ކަމެއްނޫންކަމަށް ރާއްޖޭގެ ދާހިލީ ސަލާމަތާބެހޭ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ އަހުމަދު ސިއްދީގު ބުނުމަކީ އާދައިގެ ކަމެއްނޫނެވެ.
ދުނިޔޭގެ ކަންކަމުގައި ނަގާކިޔާ އެކިއެކި ފަރާތްތަކުން އދއަކީ ދަތްނެތް ފެމުނެކޭ ބުނަމުން ދާކަމަށް ބުނެ ސިއްދީގު އދ މަޖިލިސް ކުއްވެރި ކުރާއިރު ސިއްދީގު އެއިޝާރާތްކުރާ ދުނިޔޭގެ ކަންކަމުގައި އެބުނާ ނަގާކިޔާ ބަޔަކީ ކޮންބައެއް ކަމެއް ނުބުނެއެވެ.
އދ މެންބަރު ގައުމަކަށް ރާއްޖެ ވީއިރުވެސް ފަލަސްތީނު މައްސަލަ އޮތެވެ. ފަލަސްތީނު އިޒްރޭލް ސުލްހައިގައި ވީކަމެއް ވީވެސް އދ މެދުވެރިކޮށެވެ. އދ. ގަރާރުތަކަށް ޒަޔަނިސްޓުން ތަބާނުވުމަކީ އދ. އަކީ ދުނިޔޭގެ ސުލްހަ ބެލެހެއްޓޭވަރުގެ ޖަމާއަތެއް ނޫންކަން ދައްކުވައި ދޭ ދަލީލެއްކަމަށް ސިއްދީގަށް ހީވުމަކީ ގަޅިކަމެވެ. ގަމަރުކަމެވެ. މެދު އިރުމައްޗާއި ދުނިިޔޭގެ ސުލްހަ ދަމަހައްޓަން އދ މެދުވެރިކޮށް ދުނިޔޭގައި ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާއާއިމެދު ކުޑަވެސް ވިސްނުމެއް ސިއްދީގުގެ ނެތެވެ.
ފަލަސްތީނު ރައްޔިތުންދެކެ މާ ލޯބިވާ ކަމަށް ހެދިގެން ސަރުކާރުގެ އިސް މަގާމެއްގައި ހުރެ ދައްކާ ވާހަކައަކުން އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ރާއްޖެއަށް ލިބިދާނެކަމާމެދު ކުޑަވެސް ފިކުރެއް ހިޔާލެއް މިކަލޭގެ ނެތެވެ. އދ ގެ ޖަމާއަތައް މެދުވެރިކޮށް ރާއްޖެއަށް ލިބެމުންދާ މަދަދަދާ އެހީތެރިކަމާއި ދުނިޔޭގެ ސުލްހައާއި ހަމަޖެހުމަށް އދ އިން ކުރަމުންދާ އެއްވެސް ކަމެއް ވަޒަންނުކުރެވޭ ވަރުގެ މީހުން ގައުމުގެ އިސް މަގާމުތަކުގައި ތިބުމަކީ ބިރުހުރި ކަމެކެވެ. އދ އަށް ގޮންޖަހަން ސިއްދީގަކީ ކާކުހެއްޔެވެ.
މީގެ ކުރިން އިންޑިއާ އާއި ދެކޮޅަށްވެސް މުއިއްޒު ސަރުކާރުގެ އިސްވެރިންތަކެއް އަނގަދިޔާކޮށް އެތައް ބިލިޔަން ރުފިޔާގެ ބޮޑު ގެއްލުމެއް ރާއްޖެއަށް ވަނީ ދީފައެވެ. އަދިވެސް އެއުޅެނީ އެކަމުން އަރައި ނުގަނެވިގެންނެވެ. އެހެން އެކަން އޮއްވާ މިފަހަރު ޖެހި މިގަތީ އދ މަޖިލީހާއެވެ. ދުނިޔޭގެ ސުލްހަ ދަމަހައްޓަން އދ މަޖިލީހުން ކުރާ މަސައްކަތަށް ގޮންޖަހާ އދއަކީ ދަތްނެތް ފެމުނެއް ކަމަށް ސިއްދީގު ސިފަކޮށްގެން ރާއްޖެއާ ދެކޮޅަށް އދ ފުއްޓަތްކެއް ޖަހާލިޔަސް ސިއްދީގާ މުއިއްޒު ސަރުކާރަށް ކުރެވޭނެ ކަމެއް ހަރާމުން ހަރާމެވެ. ރާއްޖެއަކީ އުތުރު ކޮރެޔާއެއް ނޫނެވެ.