އަންނި ބުނެފިއްޔާ ޝައިތާނާ ވެސް އޯކޭ!
ލަދުން ބޯހަލާކެވެ. އިންތިހާބަކަށް ދޮންކުރާ އިރަށް މި ތިބެ ވާވަރެކެވެ. ތިމާއަށް ތާއީދު ނުކުރާ ކޮންމެ މީހަކީ ގައްދާރެކެވެ. ވަގެކެވެ. އަނގަ ފި..ކެވެ. ބޭނުން ވެއްޖެ ނަމަ ކޮންމެ މީހަކަށް ކޮންމެ ގަޑިއަކު މަރުހަބާ ކިޔައެވެ. ކޮންމެ ފަދަ މުޖުރިމަކަސް ނަޝީދު ބޭނުން ވެގެން އެމްޑީޕީގެ އޮޑީގެ ހަފޮޅު އެތެރެ ވުމުން ސާފު މަލުމަލު ހުދު ފޮތިކޮޅެކެވެ. ކިލައެއް މިލައެއް ކޫރެއް ބޫރެއް ނެތް އަގު ބޮޑު ޖަވާހިރެކެވެ.
މިދައްކަނީ ނުދައްކާ ނުވެގެން އެމްޑީޕީގެ ވާހަކައެވެ. ހުރިހާ މޫސުމަކަށް ވެސް ވާހަކައިން އޮޑި ފައްކަލެވެ. އޮޑިއެއް ނުފެތޭނެއެވެ. ފިކުރު މަރެއް ވެސް ނުވާނެއެވެ. މަރު ނުވަނީ ކޮން ފިކުރެއް ކަމެއް ނޭގެއެވެ. ކަމަކާ ޖެހޭއިރު ހިޔާލު ތަފާތު ވުމުން ތިބެވެނީ އަމިއްލަ އޮޑީ ތެރޭގައި ކަނޑި ކަންފަތް މައްޗަށް ދަމައިގެން ފަޅާ އަޅާލަން ތައްޔާރަށެވެ.
30 އަހަރުގެ ދިގުވެރިކަން ނިންމަން ފޫގަޅައިގެން އަތުގުޅައިގެން އެމްޑީޕީން ނިކުތްހާ އެންމެން ޖެހުނުތާ ލަކުނުވެސް ނެތި ގެއްލިއްޖެއެވެ. ގޯގޯ ލަތީފާއި މުނައްވަރާ ޒަކީއާއި އިބްރާ މިއަދު އެމްޑީޕީއަކު ނެތެވެ.
ފުރަހަނި ޝުއައިބުމެން ފަދަ އިސް އެކްޓިވިސްޓުން އޮޔާ ދުއްވާލީއެވެ. އިސްލާހީ ހަރަކާތަށް ހަކަތަ ދިން ގާސިމަށް އެމްޑީޕީއާއި ވައިވެސް ނޭޅެވުނެވެ. ރީކޯ މޫސައާއި މަވޯޓާ ޝަރީފަށް ޖެއްސަނީ ފުޅަނގީގެ ހާލެވެ.
އެމްޑީޕީ އުފެދުނީއްސުރެ އުފެދި ބޮޑުވަމުން އައި ގަބީލީ (ކަލްޓް) ބާރެއް އެންމެ ފުނުގައި ވަކި ހިއްޕާލާފައި އޮތެވެ. އެ ގަބީލީ ވިސްނުމަށް ތާއީދު ނުކުރި އެންމެންނަށްހެން ޖެހުނީ އެއްހާލެވެ. ޖެހުނީ އެމްޑީޕީއާއި ފޭވާށެވެ. ނޫނީ ހަނު ހުންނާށެވެ. ކަލްޓާ ތަފާތު ހިޔާލެއް ފިކުރެއް ފާޅުވެއްޖެ ނަމަ އެ މީހެއްގެ ޒަމާން ދުއްވާލައެވެ.
ތަޖުރިބާތަކުން ތަންކޮޅެއް ތިލަ ކޮށްލާނަމެވެ. މައުމޫނުގެ އަށްމެންބަރު ކަންކޮށް މައުމޫނުގެ ޓިކެޓްގައި މާލެއަތޮޅު މަޖިލިސް މެންބަރު ކަމުގައި އިންނެވި އަދި ނަޝީދުގެ މައްޗަށް ވައްކަމުގެ ދައުވާ ކުރި ޕްރޮސިކިއުޓަރ އަލްއުސްތާޒު މަރިޔާ އަހުމަދު ދީދީ އެމްޑީޕީއާއި ގުޅިވަޑައި ގަތުމުން އޭރު އެވަރު ޖަވާހިރެއްނެތެވެ. ވިމަން އޮފް ކަރޭޖްއަކީ އެއީއެވެ.
އެމްޑީޕީގެ މަންމަޔަކީ އެއީއެވެ. މިއަދު އެމްޑީޕީގެ ސްލޮޓްގައި ރާއްޖޭގެ ދިފާއިވަޒީރުކަން އެ ކުރައްވަނީ ހަމަ އެ މާރިޔާ ދީދީއެވެ. ނަޝީދު ނުރުހުމުން މި އަދަކު މާރިޔާ އެމްޑީޕީއަށް ކޮށްދެއްވި އެއްވެސް ހެޔޮކަމެއް ޕަޕެޓް ކަލްޓަކަށް ނުވެއެވެ. މިއަދު މަރިޔާއަކީ އެމީހުންގެ ނަޒަރުގައި އެމްޑީޕީގެ ދޮންއަމައެވެ.
މައުމޫނުގެ ވެރިކަމުގައި އެމްޑީޕީއަށް އެންމެ ފުރައްސާރަކޮށް ހެދުމުގެ ސަބަބުން ޖަނާޒާކުޑޭގެ ނަމުން މަޝްހޫރުވި ޑރ.ޝަހީދު ހުރީ ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ހަރިޖީ ވަޒީރުކަމުގައެވެ. ކިތަންމެ ލާދީނީ ވިޔަސް ޕަޕެޓްކަލްޓަށް ޝަހީދު ވަރެއް އަދިވެސް ނެތެވެ. ނަޝީދުގެ ރުހުން އޮތީމައެވެ.
ނަޝީދު، އަލީ ވަހީދު: އެމްޑީޕީއަށް ގެނައީ އުރާލައިގެން
ޑީއާރުޕީގެ ނައިބަކަށް ހުރެ އެމްޑީޕީއަށް ބޫންބޫން އެޅުވި އަލީވަހީދު ގޯއްޗާއި ފައިސާ ދީގެން ކަރުގައި މާފަތި އަޅުވާ އުރާލައިގެން ގެނެސް ޗެއަރޕަރސަންގެ ގޮޑީގައި ވެޑުވިއިރު އެ ވަރު މީހަކު ނެތެވެ. ރިޔާސީ ތަންމަތި ފަޅުފިލުވާދޭ ހިސާބަށް ބޮނޑިކޮށް ލާމެހިގެން އުޅުނު އިރު އެއަށްވުރެ އެމްޑީޕީ މީހަކު އުޑު ދަށުގައި ނެތެވެ. ޑީއާރުޕީގެ އަނެއް ފަހުލަވާނު އަލްހާނު ފަހުމީ ގެނެސް ދެފުށުން ފިރުމާ އިއްޒަތް ދީގެން ބާރު ދީގެން ގެންގުޅެ ހިޔާލު ތަފާތު ވެލާއިރަށް ކާޅަށްކޮށާ މަސްދީ، ފައްސާ ނަގާލީ ހަމަ ނަޝީދުގެ ކަލްޓުންނެވެ.
އެމްޑީޕީއަށް ވެލި ކާންދޭން އުޅުނު ތަސްމީނު އަލީއާއި އޭނާގެ ޕެކޭޖު އެމްޑީޕީއަށް ގެންނަން އުޅުނު އިރު ނަޝީދު ހީވީ ގުރުސް ފެންމަތިވެގެން އުޅުނު ހެންނެވެ. އެ މީހުން ރުއްސަން ނަޝީދު އޭރު ނުކުރަނީ ކީއްހެއްޔެވެ. އެ ގޭގޭއަށް ވަދެ އެނދު ތަންމަތިއަޅާ ދަރިން ނިންދަވާ ފެންވަރުވާ ހަދާދީ އުޅުނޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. އެމްޑީޕީއަށްޓަކާ ޖާނާ މާލުން ގުރުބާންވި މައުރޫފު ޒާކިރު ވެސް ޕްރައިމަރީ އޮޅާލައިގެން ކަޓުވާލާ ތަސްމީނަށް އެމްޑީޕީގެ ޓިކެޓް ދިނީ ނަޝީދުގެ މަކަރާ ހީލަތުން ނޫން ހެއްޔެވެ. އަދި އަދަށް ވެސް ކެންދޫ ދައިރާގައި އެމްޑީޕީ އެ އުޅެނީ އެ އުނދަގުލުން އަރައި ނުގަނެގެނެވެ.
އަލީ އާޒިމް އެމްޑީޕީއަށް ސޮއި ކުރަނީ
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ތަސްމީނާއެކު އެމްޑީޕީއަށް އައި އެންމެން ފިސާރި ރަނގަޅަށް އެމްޑީޕީގެ ތެރޭގައި އެ ތިބީ ގަދަކޮށެވެ. ބަލި ނުކުރެވޭ ވަރަށެވެ. ތަސްމީނެއް ރޮޒައިނާއެއް އަލީއާޒިމެއް ނާޝިޒެއް ޝާހިދެއް ކިޔާނެކަމެއް ނެތެވެ. އުޅޭ ތަނެއްގައި އެވެރިން އުޅެނީ ފިސާރި ކެރިގެންނެވެ.
ޑީއާރުޕީ ހަލާކޮށްފައި ރޮޒޭނާ އައިސް އުޅޭ ވާހަކަ ދައްކާއިރު އަލީ އާޒިމުގެ ވާހަކަ އެ މޭރުމުން ނުދައްކަނީ އަލީ އާޒިމު ނަޝީދުގެ ފަހަތުގައި ހުރީމާކަން އޮޅިގެން އުޅޭ މީހަކު ނެތެވެ. ޔާމީނުގެ އަނިޔާވެރިކަން ތަހައްމަލު ކުރަމުން ދިޔައިރު އެމްޑީޕީއަށްޓަކާ ރޮޒޭނާ ވަރުގެ ގުރުބާނީއެއް ވީ މީހަކު މަދުވާނެއެވެ. ހޮދު ނަޝީދުގެ ދުލުން ރޮޒޭނާއަށް ތައުރީފުކޮށް ވާހަކަ ދެއްކީ އެއްތާކު ދޭތަކު ނޫނެވެ. އެއް ފަހަރަކު ދެފަހަރަކު ނޫނެވެ. ރޮޒައިނާ އެމްޑީޕީއަށްޓަކަ ވަމުން ދާ ގުރުބަނީ ޢާއްމު މެންބަރުން ބަލައިގަނެއެވެ. އެކަން އެންމެ ފަހުން އޮތް އިންތިހާބުން އެއޮތީ ސާފުކޮށް ފެންނާށެވެ. އޭރުވެސް ޕަޕެޓް ކަލްޓުން މިހާރު ތިޔަކިޔާ ހުރިހާ އެއްޗެއް ކިޔެވެ. އަޑު އެހީ ކާކު ހެއްޔެވެ.
އެމްޑީޕީ ތަމްސީލުކުރަނީ: އޭރު އިންތިއަށް ރޮޒޭނާ ވަރަށް ފައްކާ
ޕާޓީއަށް ގިނަ ދުވަސް ވެގެން އިމްތިޔާޒް ފަހުމީމެން ކުރި ކަންކަމަށް ވުރެ އެމްޑީޕީއަށްޓަކާ ރޮޒައިނާ ވީ ގުރުބާނީ މާ ބޮޑުވެފައި މާސާފެވެ. އެހެން ނޫނަސް އިމްތިޔާޒް ފަހުމީމެނަށް ތިޔަ ތިބެވެނީ ކަލްޓެއްގެ ތެރޭގައި ޕަޕެޓުންނަށް ވެވިފައެވެ. އަމިއްލަ ވިސްނުމާ ފިކުރު ނަޝީގެ މުށުތެރޭގައި ގައިދު ކޮށްގެންނެވެ. ނަޝީދު ބުނެފިއްޔާ ޝައިތާނާއަށް ވެސް އޯކޭ ވެގެންނެވެ.