ޔާމީނު ބޮލަށް ކަނޑާލައިގެން މުއިއްޒަކަށް ނުބެޗޭނެ!

މުއިއްޒު ހީކުރަނީ އިންޑިއާ އަކީ އިންޑިއާ ނޫންކަމަށް؟

ޔާމީނު ބޮލަށް ކަނޑާލައިގެން މުއިއްޒަކަށް ނުބެޗޭނެ!

ރަތް ޓީސާޓް ލައިގެން މޭމަތީގައި އިންޑިއާ އައުޓް ޖަހައިގެން ފުމުނީ ރައީސް ޔާމީނު އެކަންޏެއް ނޫނެވެ. ޔާމީނު ވިދާޅުވާހާ އެއްޗެއް ހަދަން އެކަމުގައި އިސްވެ ނިކުމެ އުޅުނު މީހުންނަކީ ސަލާމަތް ބުއްދި ނެތް ބަޔަކީ ހެއްޔެވެ. ބައިހަދާފައި ނިކުމެ މަގުތައް މަތީގައި އިންޑިއާ އައުޓް ކުރަން އިސްވެ އުޅުނީ  އެއްޗެއް ބޮއެގެން ބުއްދި ބުއްދިފިލާ ތިބެހެއްޔެވެ. އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ވެއްޓޭކަމުގެ ބިރު ރައްޔިތުންގެ ތެރޭގައި އުފައްދައިގެން ވެރިކަން ހޯދީ ވެސް އޮޅިގެން ހެއްޔެވެ. ވެރިކަން ލިބިގެންވެސް އިންޑިއާ އާއި ދެކޮޅަށް ނެގިނެގިފައި ޖެހުނީ ބުއްދި ސަލާމަތުން ތިބެގެން ނޫން ހެއްޔެވެ. 

މިހާރު ރާއްޖޭގައި އޮތީ ޔާމީނުގެ ވެރިކަމެއް ނޫނެވެ. ވެރިކަމުގައި ހުރީ މުއިއްޒެވެ. މުއިއްޒާއި މުއިއްޒު ސަރުކާރުގެ އެތައް ވަޒީރަކާއި ސިޔާސީ އެތައް ވެރިންނަކީ އިންޑިއާ އައުޓް ޓީސާޓްލައިގެން މުޒާހަރާއަށް ނިކުމެ ރާއްޖޭގައި ބިރުވެރިކަން އުފެއްދި މީހުންނެވެ. ވެރިކަން ލިބުމުން ވެސް އިންޑިއާއަށް ފުރައްސާރަކޮށް އިންޑިއާގެ ބޮޑުވަޒީރަށް ހުތުރު ސިފަތަކުން ރަައްދުކޮށް ޒަމާނުއްސުރެ އޮތް ގާތްގުޅުމުގައި ރެނދު އެޅުވީ ޔާމީނެއް ނޫނެވެ. މުއިއްޒާއި މުއިއްޒުގެ އައުވާނުންނެވެ.  

ވެރިކަމަށް އެރިގޮތަށް އަރާ ދިމާކުރީ ބައިނަލްއަގުވާމީ ހަމަތަކާއި ދެ ގައުމުގެ ގާތްގުޅުމުގެ ތެރެއިން ރާއްޖެއާއި އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމަށް ފާރަވެރިވެ ކުއްލިނުރައްކަލުގެ ހާލަތުގައި ދިވެހި ސިފައިންނަށް އެހީތެރިވެދޭން ތިބި ސަތޭކަ ވެސް ހަމަނުވާ އިންޑިއާ ސިފައިންނާއި އެ މީހުންގެ 2 ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ބޭރުކުރުމަށެވެ. ބޭރު ގައުމެއްގެ ސިފައިންގެ މީހެއްގެ ބޫޓްކިބައެއް ވެސް ނުބަހައްޓާ ބާލަން އުޅެގެން ބޭލުނީ އެ މީހުންގެ ޔުނީފޯމެވެ. އަނެއްކޮޅުން ކުރިއެކޭ އެއްގޮތަށް އިންޑިއާގެ ޔުނީފޯމްއެޅި ސިފައިން އެމްއެންޑީއެފްއާއި ގުޅިގެން މިހާރުވެސް ރާއްޖޭގައި މަސައްކަތްކުރެއެވެ. އިހު އޮތްބަޅަށް އެކަން ވެނިމިއްޖެއެވެ. ވިއްޔާވީ އިންޑިއާ އައުޓެއްވީ މުއިއްޒު ނިދީގައެވެ.

ވަރުދައްކާފައި އިންޑިއާގައި ނުޖެހި ތުރުކީން ކާޑު ގެންނަން އުޅުނެވެ. ޕާކިސްތާނުން ފިޔައާއި އަލުތްވާއި ކުކުޅުބިހާ ގެންނަން އުޅުނެވެ. އާސަންދައަށް ބޭސް ފަރުވާ ބެންކޮކާއި ދުބާއީން ކުރަން އުޅުނެވެ. އެއަރ މޯލްޑިވްސްގެ ބޯޓުފަހަރުގެ ބޭރުގައި ތެޔޮ އެލުވައިގެން ބަލިމީހުން ގޮވައިގެން ޑައިރެކްޓް ފްލައިޓް ބެންކޮކަށް ބާއްވާ ހިސާބަށް ދުއްވާލިއެވެ. އިންޑިއާގެ ޑޮނިއާ ބޯޓާނުލާ މޯލްޑިވިއަނުން އެއަރ އެންބިއުލާންސް ދުއްވަން އުޅުނެވެ.

ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ޑްރޯން ގަތެވެ. އިންޑިއާ އާއި ނުބައްސާ ދިވެހި ސިފައިން ލައްވާ ހައިޑްރޮގްފީ ހައްދަން އުޅުނެވެ. އިންޑިއާގެ އެހީގައި ހަދަމުން ދިޔަ ޑޮކްޔާޑް ހުއްޓުވާ އުތުރު ތިލަފަޅު ޗައިނާއަށް ދީގެން ދަނޑު ހައްދަން އުޅުނެވެ. މުއިއްޒުގެ ޗައިނާ ދަތުރު ނިންމާފައި އައިގޮތަށް އިންޑިއާއަށް ޗެލެންޖުކޮށް ގަދަބަސް ބުނެފައި ވަގުތުން ނުދައްކާ ފަރުޖެއްސެން އޮތް ދަރަންޏަކަށް އާނދޮގޭ އޭ ބުނެ 50 މިލިޔަން ޑޮލަރ ދެއްކިއެވެ.

ލަކުޑިދީބު ގޮނޑު ދޮށުގައި މޯޑީ ހިނގާލާ ފީނާލުމުން ކޮށިއަރައިގެން ޑެޕިއުޓީ މިނިންޓަރުންނާއި ސިޔާސީ މުސާރަވެރިން ލައްވާ އިންޑިއާ ރޮލާ ކާލަން ދިމާކުރިއެވެ. އެންމެ ފަހުން ރާއްޖެއަށް އެންމެ ގިނައިން ގެސްޓުން އަންނަ ގައުމުގެ ގޮތުގައި އޮތް އިންޑިއާއިން ރާއްޖެ ބޮއިކޮޓްކޮށް ރާއްޖޭގެ ސޫރަ ހަޑިކޮށް ދުނިޔޭގެ ކުރިމަތީގައި ރާއްޖޭއަށް އޮތް އިހުތިރާމާ ގަދަރު ވެއްޔާ މޮޑެވި ދިޔައީއެވެ. 

މިހާރު ކިތަންމެ ވަރަކަށް މަތިއޮމާންކޮށް ނުވާކަމަކަށް ހަދަން އުޅުނަސް އެއީ ބަދަލުކުރެވޭނެ ތާރީހެއް ނޫނެވެ. އެއްޔަކީ ރައީސް ޔާމީނު ބޮލަށް ކެނޑޭނެ ކަންކަމެއްވެސް ނޫނެވެ. ވެރިކަމުގައި ތިބެ ކުރިހާ ކަންކަމުން ރައީސް ޔާމީނަށް ވުރެ ބޮޑަށް އިންޑިއާ އައުޓްގެ ޒިންމާ އުފުލަން ޖެހެނީ މުއިއްޒާއި މުއިއްޒު ސަރުކާރާއި ޕީއެންސީއެވެ. ހާރިޖީ ވަޒީރު ހަލީލު ބުނެލާ ބަހަކުން މުއިއްޒާ ޕީއެންސީއަކަށް އިންޑިއާ އައުޓަކުން ނުރެކެވޭނެއެވެ. މުއިއްޒު ގޮތްފޮތްނެތި އުޅުނު އުޅުމަށް ދަނޑި ވަޅުވަޅުބަލާ ބަދަލު ނުހިފާނެނަމަ އިންޑިއާއަކީ އިންޑިއާއެއް ނޫނެވެ.