ބަޅުރުކު ކަޅު ގަންޖިފަރާހު ކޮޅުކެހި
އެމްޑީޕީ މެންބަރުންނާ ބައްދަލު ނުކުރައްވާ ކުރައްވަންޖެހި ވަޑައިގަންނަވާ ކަމެއް ރައީސް ނުއޮންނާނެ!
ބަޅުރުކު މީހުން ކަޅު ގަންޖިފަރާސް ލައިގެން ތަޅުމަޅު އެޅި ކޮޅުކެހި ލިބުމުން ލަދުފަށެއް ގެންފިތާއެވެ. ދައްކަން އުޅުނު ޗަރުކޭސް ދޮން ބަންޑާރައިން އިރުގެ ކެހެރިއެކޭ ވެސް ހީނުވިތާއެވެ. ރަންކޮޅާއެވެ. ފުރިފާ ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. ދަތްވިކިވިކި ތިބުންނޫން ކަމެއް ހަމަ ނުވޭތާއެވެ.
މަތްކަލާކޯއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރަށްރަށް ވަޑައިގެން ކުރައްވަން ޖެހޭ ކަންތަކާ ބައްދަލު ކުރައްވަން ޖެހޭ ބަޔަކާ އެނގެން ވަނީ ވެސް ޔާމީނުގެ އައުވާނުންނަށެވެ. ރައީސް ސާލިހަކީ ބަޅުރުކު ކަޅު ގަންޖިފަރާސް ބުނާގޮތަށް ކަންތައް ކުރައްވަން ދިވެހި ރައްޔިތުން ހޮއްވަވާފައި ހުންނެވި ބޭފުޅެއް ނޫނެވެ.
ސަރުކާރު ހަރަދުގައި ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގަވާ ކަމަށް ބުނެ ފަސާދަ އުފައްދަން ބަޅުރުކު މީހުން ގައި ވީދިޔަސް ރައީސް ކުރައްވާނެ ކަމެއް އެނގި ވަޑައިގަންނަވާނީ ރައީސަށެވެ. ދިވެހި ރައްޔިތުންގެ 68 ޕަސެންޓު ވޯޓުން ވެރިކަމަށް ރައީސް ސާލިހު ހޮއްވެވީ ދިވެހި ވެރިކަން ބަޅުރުއް ދޮށުން ސަލާމަތް ކުރާށެވެ. ކުޑަ ބޭރު ވެސް އެރިޔަ ނުދޭށެވެ.
ވެރިކަން ހިންގާ ކޯލިޝަނުގެ 40 އިންސައްތައަކީ އެމްޑީޕީއެވެ. ރައީސަކީ އެމްޑީޕީގެ ޓީިކެޓްގައި ހޮވިވަޑައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅަކަސް ނުރަސްމީ ދަތުރުފުޅަކަސް އެ މަނިކުފާނަށް އެ މަގާމު މަތިކުރި އެމްޑީޕީގެ ލޮބުވެތި މެންބަރުންނާ ބައްދަލު ނުކުރައްވާ ކުރައްވަންޖެހި ވަޑައިގަންނަވާ ކަމެއް ނުއޮންނާނެއެވެ. އިދިކޮޅުން ކިތަންމެ ހީކެރުވިޔަސް އެކަން ރައީސް ކުރައްވާނެއެވެ.
އެހެން ނޫނަސް ރައްޔިތުންގެ އިހުސާސް އެންމެ ރަނގަޅަށް އެނގިވަޑައި ގަންނަވާނީ ޔާމީނުގެ ދެފުށް ދެގޮތް ސަޕޯޓަރުންގެ ފަރާތަކުން ނޫނެވެ. ދިވެހި ރައްޔިތުންނަށްވީތީ ތަފާތުކުރުމެންނެތި ހިދުމަތްތައް ފޯރުކޮށް ދެއްވިޔަސް އިހުލާސްތެރި މަޝްވަރާ ހޯއްދަވަނީ އިހުލާސްތެރި ބައިވެރިންގެ ގާތުންނެވެ.
ގަމާރުކަން ހުރިވަރުން މިއަދަކީ މައުމޫނުގެ ދިމިގްރާތީ ޒަމާން ނޫންކަމެއްވެސް ނޭނގެއެވެ. ރާއްޖޭގައި މިއޮތީ މަލްޓިޕާޓީ ޑިމޮރެޓިކް ވެރިކަމެއް ކަމެއްކަންވެސް ނޭނގޭހާ ގަމާރެވެ. ދައުލަތުން ހަރަދު ކުރަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށެވެ. ދައުލަތް ހިންގުމުގައި ވެރިކަން ހިންގާ މައިޕާޓީގެ ކޮންމެ މެންބަރަކީ ވެރިކަން ހިންގުމުގެ ބައިވެރިއެކެވެ. ވަގުތު ލިބި ވަޑައިގަންނަވާ ވަރަކުން ވެރިކަން ހިންގާ ޕާޓީގެ މެންބަރުންނާ ބައްދަލު ކުރެއްވުމަކީ ސަރުކާރު ހިންގުމުގެ އެއްބައެވެ.
ޔާމީނުގެ އައުވާނުން މާ ބޮޑަށް ކޮށި އަރައިގެން ނޫޅެ ހިން ދިރުވާލައިގެން އެހަށް ތިބޭށެވެ. އެ ދުވަހެއް އައިމާ ފުއްޕަން ތިބޭށެވެ. ކަމެއް ކުރަންޏާ މިހާރު ކުރަންވީ ކަމަކީ މުލުވަގު ޖަލަށްލާ އެކަހެރި ކުރެވެން އޮތް ގޮތެއް ހޯދައިގެން އެކަން ކުރުމެވެ. ތިޔަ ފާޑަށް މަތިހަށި ނަގާ އުންޑަ ކެއްކިޔަސް ވެރިކަމާ ހިޔަނިވެސް އެޅެވެން ޔާމީނަށް އޮތީއެއް ނޫނެވެ. އަމްދުން މުއިއްޒާ ޝަހީމަށް ވެގެން ވިއްޔާ ޔާމީނަށް ވެރިކަމުގެ ވަސްވެސް ފެނުނަކަ ނުދޭނެއެވެ. ކަޅު ގަންޖިފަރާހު ބަޅުރުކު މީހުނަށް ގަބޫލު ކުރަން އުދަގުލަސް ހަގީގަތަކީ އެއީއެވެ.