ފެނަކަ ސައިދަށް ބޭއިންސާފުން އަނިޔާ ނުދީ: އައްބާސް

ފެނަކަ ސައިދަށް ބޭއިންސާފުން އަނިޔާ ނުދީ: އައްބާސް

ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދަށް ބޭއިންސާފު ހުކުމެއްކޮށްފައި ވާތީ ގދ. ވާދޫގެ ރައްޔިތުން ކުރިއަށް ގެންދިއަ ސުލްހަވެރި ހިނގާލުމާއި ގުޅިގެން ފެނަކަ ސައީދަށް އިންސާފު ހޯދާދެއްވުމަށް ވެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފިއެވެ. 

މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގިނަ ރައްޔިތުން ތަކެއްގެ ކަންބޮޑުވުންތައް އައްސަވާ ވީހާވެސް ދެފުށް ފެންނާނެ ގޮތަށް އިންސާފުވެރިކޮށް އެކަން ބައްލަވާ ދެއްވުމަށް ދިވެހި ރާއްޖޭގެ ޕްރޮސެކިއުޖެނަރަލްއަށް ގޮވާލާ ކަމަށެވެ. 

ހަމަ އެހެންމެ އިސްތިއުނާފު މަރުހަލާގައި އެއްވެސް ފަރާތެއްގެ ހައްގު ނުގެއްލޭނެ ގޮތަށް ވީހާވެސް އިންސާފުވެރިކޮށް ، އަދުލުވެރިކޮށް މިކަން ބައްލަވާ ނިންމަވާ ދެއްވުމަށް ދިވެހި ރާއްޖޭގެ ޖުޑިސަރީ އަށް ވެސް މެންބަރ އައްބާސް ގޮވާލެއްވިއެވެ.

ސިޔާސީ ބޭނުމެއްގައި ނުވަތަ ޒާތީ ކަމެއް އިސްކޮށް އެއްވެސް ރައްޔިތަކަށް ނުހައްގުން ބޭއިންސާފުން އަނިޔާއެއް ލިބުމަށް ނޭދޭ ކަމަށްވެސް މުހައްމަދު އައްބާސް ވިދާޅުވެފައިވެއެވެ.

ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު އަށް ކޮށްފައިވާ ހުކުމަކީ ބޭއިންސާފުން ކޮށްފައިވާ ހުކުމެއްކަމަށް ބުނެ ގދ. ވާދޫގެ ގިނަ ރައްޔިތުން ތަކެއް ކަންބޮޑުވުން ފާޅުކޮށް، އިންސާފުވެރި ޝަރީއަތެއް ގާއިމުކުރުމަށް ގޮވާލާ ސުލްހަވެރި ހިނގާލުމެއް ވަނީ ބާއްވާފައެވެ. އެ ހިގާލުމުގައި ފެނަކަ ސައީދަށް އިންސާފު ހޯދާދިނުމަށް ގޮވާލާ އެކިއެކި ޝުއޫރުތައް ވާދޫގައި ވަނީ ފާޅުކޮށްފައެވެ.