ކުޑަކުދިން ކޯޓަށް ހާޒިރު ނުކުރުމުގެ ވިސްނުން

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވުން

ކުޑަކުދިން ކޯޓަށް ހާޒިރު ނުކުރުމުގެ ވިސްނުން

ކުޑަކުދިން ކޯޓަށް ހާޒިރުނުކޮށް ޝަރީޢަތްކުރެވޭނެ ގޮތްތައް އިހުތިޔާރު ކުރުމަށް އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އިލްތިމާސް ކުރެއްވުމަކީ ހެޔޮ ފާލެކެވެ. އާންމު ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މުހިންމުކަން އުއްތަމަ ފަނޑިޔާރުގެ ވިސްނުންފުޅު ހުރުމަކީ ޝަރުއީ ނިޒާމް ހެޔޮމަގަށް އަމާޒު ހިފިފައި ހުރިކަން ރަމްޒުކޮށްދޭ ކަމެކެވެ.

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިމޭރުމުން ވާހަކަފުޅު ދެއްކެވުމުން ޝަރުއީ ނިޒާމާ މެދު އުންމީދު އައުވެއެވެ. އިމާރާތުގެ ދަތިކަމާ ހުރެ އިންސާފަށް ވާސިލުވުމަށް ރައްޔިތުންނަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓުތައް ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

ކުޑަވަރެއްގެ ދެ ކޮޓަރީގައި ހިންގަމުން އައި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވިގެން ދިޔަ ދިއުމަކީ އަނގޮޅިތީމު ރައްޔިތުންނަށް އަދުލު އިންސާފަށް ވާސިލު ވުމަށް ހުޅުވިގެން ދިޔަ ސަރާސަރު މަގެކެވެ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތަކީ މި ދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރ. އަނގޮޅިތީމު ކައުންސިލާއި ހަވާލުކޮށްގެން 8 މަސް ދުވަހުން އިމާރާތްކޮށް ނިންމި ތަނެކެވެ. ރަށާއި އެކަށީގެންވާ ފެންވަރުގައި ކޯޓެއްގައި ހުންނަން ޖެހޭ ހުރިހާ ވަސީލަތެއް ގާއިމު ކޮށްގެން ހުޅުވި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓު ހުޅުވުމުން ވެސް ޝަރީއަތް ކުރުމުގެ ހަލުވިކަން ކުރިއަށް ވުރެ ބޮޑަށް އެ ރަށަށް ލިބިގެން ދާނެއެވެ. ޝަރީއަތް ކުރާނެ ވަކި މާލަމަކާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ވަކިން ހާއްސަ ކުރެވިފައިވާ ބައިތައް ހިމެނޭ ގޮތަށް ހުރި ކޯޓު ފަރުމާ ކޮށްފައިވަނީ އާންމުންނަށް ހިދުމަތް ފޯރުކޮށް ދިނުމަށް ފަސޭހަ ވާނެ ގޮތަށެވެ.

ޝަރުއީ ދާއިރާގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރެއްވުމަކީ އުއްތަމަފަނޑިޔާރު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި 2021 ވަނަ އަހަރު ތަކްރީމް ކުރައްވާފައިވާ ރިޓަޔާރޑް މެޖިސްޓްރޭޓުންގެ ޝަރަފުގެ މުގުރާއި މެޑެލް ދެއްވުމަކީ މިކަމުގެ ހެއްކެކެވެ. އަނެއް ކޮޅުން ޝަރުޢީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރައްވައި ރިޓަޔަރ ކުރައްވާފައިވާ މުވައްޒަފަކަށް ޝަރަފުގެ ފިލާ އެރުވުމަކީ ވެސް ދާއިރާގައި ހިދުމަތް ކުރުމުގެ ޝައުގުވެރިކަން އިތުރު ވެގެން ދާނެ ކަންކަމެވެ.