ދޮންބައްޕައާއި ބޮޑުޅިޔަނުގެ ޖިންސީ ޝިކާރައަކަށްވީ ކުއްޖެއްގެ އިންސާފަށް ހިޔަނިއެޅިފާ!

އިތުބާރު ކުރެވޭ މަގާމެއްގައި ތިބި ދެ ފިރިހެނަކު 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް 20 ޖެނުއަރީ 2025ގައި ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. ނރބޅ އަތޮޅު ހިމެނޭ ސަރަހައްދުގެ އަތޮޅުވެރިކަން ކުރާރަށެއްގައި ހިންގައިގެން އުޅޭ ޖިންސީ ގޯނާގެ އެ މައްސަލައަކީ 2024 ވަނަ އަހަރާއި އޭގެ 2 އަހަރުކުރިން އެ ކުއްޖާއަށް އިތުބާރު ކުރެވޭ މަގާމެއްގައި ތިބި ދެ ފިރިހެނުން ޖިންސީ ގޯނާ ކުރަމުން އައިކަމުގެ މައްސަލަ އެއްކަމަށް ފުލުހުން ޔަގީން ކޮށްދެއެވެ.
މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާޢި މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ. މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނިނަމަވެސް އެކުއްޖާ ދިން ބަޔާން ފިޔަވާ އެއްވެސް އެހެން މީހެއްގެ ބާޔާނެއްހާ ހިސާބުވެސް އަދި ނަގަފައިނުވާކަމަށް އިތުބާރުހުރި މަސްދަރުތަކަކުން މައުލޫމާތު ލިބިފައިވެއެވެ.
18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން އުޅެނީ އެކުއްޖާގެ ދޮންބައްޕައާއި އެކުއްޖާގެ ބޮޑުދައިތަގެ ފިރިމީހާއެވެ. ކުއްޖާއަށް ޖިންސީގޯނާ ކޮށްގެންއުޅޭ ދެ މީހުންކުރެ އެކެއްގެ އަނބި މީހާއަކީ (ކުއްޖާގެ ބޮޑު ދައިތަ) އަކީ އެރަށުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ފެމެލީ ޕްރޮޓެކްޝަން ޔުނިޓުގައި ވަޒީފާއަދާ ކުރަމުންދާ މީހެކެވެ. އެހެންކަމުން ފެމެލީ ޕްރޮޓެކްޝަން ޔުނިޓުގައި މަސައްކަތްކުރާ ބޮޑު ދައިތަގެ ނުފޫޒުގައި ކުއްޖާގެ މަންމައާއި ބޮޑުދައިތަ އެމީހުންގެ ފިރިން ހިމާޔަތް ކުރުމަށް އެރަށުގައި މަސައްކަތްކުރާ ފުލުހުންނާ އެރަށު ފެމެލީ ޕްރޮޓެކްޝަން ޔުނިޓާއި ގުޅިގެން މަސައްކަތް ކުރަމުންދަނީ މައްސަލަ އޮއްބާލާ ނުހިނގާ ކަމަކަށް ހެދުމަށެވެ.
ޖިންސީ ގޯނާ ކޮށްގެންއުޅޭ ދެފިރިހެނުންކުރެ އެކުއްޖާގެ ދޮންބައްޕައަކީ އެއަތޮޅުގައި އޮންނަ އެމްޓީސީ އާރުޓީއެލް ފެރީ ސާވިސްގެ ޑްރައިވަރެކެވެ. ބޮޑުދައިތަ ފިރި މީހާއަކީ އެރަށު އެމްޓީސީސީ ސައިޓްގެ ސްޕަވައިޒަރެކެވެ.
މައްސަލަ ބެލުން ދިގުދަންމާ ވަގުތު ނަގާލަމުންދާތީ ދިފާއީ ހެކި އުފައްދަން ތުހުމަތު ކުރެވޭ ދެމީހުނަށް ވަނީ ފުރުސަތު ލިބިފައެވެ. އެހެންކަމުން ކުށުން ބަރީއަވުމަށް ނަފްސާނީ ބަލިމީހެއްކަމުގެ ޑޮކްޓަރީ ލިޔުމެއް ބޮޑު ދައިތަ ފިރިމީހާ މިހާރު ހޯދާފައިވާކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިހާތަނަށް ތަހުގީގަށް މިއިން އެއްވެސް މީހަކު ހާޒިރުކޮށް ސުވާލެއްވެސް ކޮށްފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
މަންމަގެ ރަށުގައި މަންމަކައިރީގައި ހުއްޓާ އިތުބާރުކުރެވޭ މަގާމެއްގައި ތިބި ދެފިރިހެނެއްގެ އެތައް ދުވަހެއްގެ ޖިންސީ ޝިކާރައަކަށްވި އަންހެން ކުއްޖާ މިހާރު ހުރީ އެކުއްޖާގެ ބައްޕަގެ ބެލެހެއްޓުމުގެ ދަށުން ރައްކާތެރި ވެއްޓެއްގައި މާލޭގައެވެ.