އެސްއޯއީތައް ވީދާ ނޮޅާ ކާލިފަހުން ޕީސީބީ ހޭލައިފި

އެސްއޯއީތައް  ވީދާ ނޮޅާ ކާލިފަހުން ޕީސީބީ ހޭލައިފި

ނޫނޭވާ މީ ފައްކާ ބައެކެވެ. އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ހަނގުރާމަ ފެށިފަހުން މަހަކަށްވުރެ ގިނަވީއެވެ. މިހުރިހާ ދުވަހު ދިވެހިސަރުކާރުން ހިރުވާތަން ކަހާވެސް ނުލައެވެ

ހަނގުރާމައުގެ ސަބަބުން ރާއްޖޭން ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސްވަނީ ބުނެފައެވެ. އަނެއްކޮޅުން މާލީވަޒީރު ބުނެފައިވަނީވެސް ހަތަރު މަސްތެރޭގައި ނިމޭނެ ހަނގުރާއެއް ކަމުން ހަރަދު ކުޑަކުރުމުގެ  ޕްލޭނެއް ނެތްކަމަށެވެ. ހަނގުރާމަ ދިގުލާ ދަންޏާ ކުރާނެ ކަންކަމުގެ ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރިޔަސް ޕްލޭނެއް އެކުލަވާލާ ރައީސާ ހަމަޔަށް ފޮނުވޭ ވަރުވާނީ  މި ހިނގާ އެޕްރީލް މަހުގެ ކުރީކޮޅުކަމަށް މާލީ ވަޒީރު ބުނެފައިވެއެވެ. 

މާލީ ވަޒިރު އެބުނީ ހަރަދު ކުޑަކުރުމުގެ ފިޔަޅުތައް އެޅެން އޮތީ މިމަހު 4ގައި އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމް ނިމުނީމައިކަމަށެވެ. މޫސާ ޒަމީރުގެ އެ ވާހަކައިގެ ތެދުކަން މިހާރު ފެންނަން އެ ފެށީއެވެ. 

ތަނެއް ދޮރެއް ނުބަލާ ސަރުކާރު ކުންފުނިތައް އިންތިހާބަށްޓަކާ ނޮޅާ ވީދާ ކޭއިރު ގަދަ ނިދީގައި އޮތް ޕީސީބީ މިހާރު ހޭލައިފިއެވެ. އިރާގާ ކުރާ ހަނގުރާމަ ވާނެ ދޮނެއްވެ މައިތިރިވާން ޖެހީމާ ޕީސީބީ މޯޅިއަކަށް އެ ދެމެލީއެވެ. ސަރުކާރަށް ކައުންސިލްތައް ގެއްލި، ރައްޔިތުން ސަރުކާރަށް ނުފެންނަ ކަމުގެ ބަސް ބުނުމުން އާނދޮގޭއޭ ބުނަން ތެދުވި ކަހަލައެވެ. 

އެސްއޯއީ ތަކުން ހަރަދު ކުޑަކުރުމަށް އަންގާ ސަރކިއުލާއެއް މިއަދު ނެރެފިއެވެ. ކުޑަކުރަން ނުޖެހޭ އެއްވެސް ހަރަދެއް އޮތްކަމަކަށް އޭގައި ނުވެއެވެ. މަސައްކަތާ ނުބައްދަލު ބޮޑު އަދަދަކަށް ކުންފުނިތަކަށް މީހުންވައްދާ ފުރާލި ކަމެއް ޕީސީބީއަކަށް ނޭގެއެވެ. މިވަރުވީމާ އަނގައެއް ނެތް މީހާ އަނގައެއް ގަނެގެންވެސް އަނގަތަޅާނެއެވެ.