މުއިއްޒު ވީވައުދު ނުފުއްދާތީ ބޮޑުކަންނެލި މަސްވެރިން ރަތަށް!
ދައްކާ ހުވަފެނަކަށް ނުފުއްދާ ދޮގު ވައުދަކަށް އަބަދަކު ނުހެއްލޭނެ
ރައީސް މުއިއްޒު ޒާތްޒާތަށް މީޑިއާ ސްޓަންޓް ޖައްސަނީއެވެ. ދިވެހި ސިފައިން ބެރުޖަހާ ނަށަނީއެވެ. ސްޓެލްކޯއިން ކަރަންޓް ބިލް ބޮޑުކޮށްގެން ރައްޔިތުން ފެލަނީއެވެ. އިޒްރޭލު ޕާސްޕޯޓް ބޭން ކުރުން ބަހަނާއަކަށް ހަދައިގެން ތިބެ ފަލަސްތީނާއެކު ދިވެހިން ތިބިކަމަށް ދައްކަން ޖަޒްބާތުގައި ޖައްސައިގެން ނިކަމެތިން އަތުގާ ހުރި މަދު ފައިސާކޮޅު ދަމާލަނީއެވެ. މަސްވެރިން ކިރި މަހަށް އަގު ނުލިބިގެން ހަނާވަނީއެވެ. ބޮޑުކަންނެލި މަސްވެރިން މަހަށް ހަމައަގު ނުލިބިގެން މުޒާހަރާ ކުރަނީއެވެ.
ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ. އެއްކޮޅުން އުޅެނީ ހިތިބޭސް ބޯންދޭށެވެ. ހިއްކާފައި އޮތް ބިމުން މާލޭ މީހުނަށް ގޯތި ދިނުމަކީ ދައުލަތަށް މިލިޔަން ލިބޭ ގެއްލުމަކަށް ވެގެން އެކަން ވާކަށް ނެތެވެ. ރައްޔިތަކަށް މޮޅެއް ރަނގަޅެއް ވާން އޮތް އެއްވެސް ކަމެއް ކޮށްދެވޭނެ ހަކަތައެއް ސަރުކާރުގައި ހުންނަ ކަމަކަށް ނުވެއެވެ. ދެހާސް ތިންހާސް ސިޔާސީ މީހުނަށް މުސާރައާއި އިނާޔަތް ދޭނެ ފައިސާ ސަރުކާރުގައި ހުރެއެވެ.
ހައްގު ހޯދަން ރާއްޖޭގެ އެތަންމިތާ އެއްވާނަކަށް މުޒާހަރާ ޖެހެންފެށީ ކެތް ނުކުރެވުނީމައެވެ. ދެކުނުގެ މަސްވެރިން އެތިބީ މުޒާހަރާގައެވެ. ބޮޑުކަންނެލި މަސްވެރިން އެތިބީ މުޒާހަރާގައެވެ.
ރައްޔިތުން އަނގަޔާ އަތާ ދިމާނުވެ ތިއްބާ ސަރުކާރުން ޖީބުކަނޑަން ނިކުތީމާ ގައުމު ކެކި އަރަން ފަށާނެއެވެ. ދައްކާ ހުވަފެނަކަށް ނުފުއްދާ ދޮގު ވައުދަކަށް އަބަދަކު ނުހެއްލޭނެއެވެ. 80 ރުފިޔާއަށް ބޮޑުކަންނެލި ކިލޯއެއް ގަންނާނެކަމަށް މުއިއްޒު އޮތީ ވައުދުވެފައެވެ. ކުރީ ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރަން ބޭނުންވާ ހުރިހާކަމެއްހެން ނިންމާ މަސްގަންނަ އަގު ބޮޑުކުރުން ވެސް މި ސަރުކާރަކަށް ކަމަކު ނުދިޔައެވެ. މަހަށް ހަމަ އަގު ހޯދާދޭން ހަމަޖައްސަން ހުރި ކަންކަން ހަމަޖެއްސުމުގެ ބަދަލުގައި ދައްކަނީ އަގުތިރި ކުރުމުގެ ވާހަކައެވެ.
48 ގަޑިއިރު ތެރޭގައި މަސްވެރިން ކިރާމަހަށް އަގުދޭން ބުނެ ވައުދު ވެގެން އައިސް ތިން ހަތަރު މަސް ވާއިރު ލޯލާރިއެއް އަގުގެގޮތުގައި މަސްވެރިންނަށް ދިއްކޮށް ނުލެވޭ ސަރުކާރަކީ ސަރުކާރެއް ހެއްޔެވެ. ކުރީ ފަހަރު މަސްވެރިން ކޫއްޑޫއަށް އަރައިގަތުމުން ތަނަކުން ދަރަންޏަށް ފައިސާކޮޅެއް ހޯދާފައި މަސްވެރިންނަށް އޭގެން ބައެއް ދިއްކޮށްލާ މަސްވެރި އަލިބެއަށް ބޮޑު ވަޒީފައެއް ދިނީމާ މަސްވެރިނަށް އަގުދެވުނީ ކަމަށް ހީވީތާއެވެ.
ބޮޑުކަންނެލި މަސްވެރިންގެ އަޑު ނާހާ މޮޅުވާހަކަ ދައްކައިގެން ފަރުޖައްސާކަށް ދެން ލާހިކެއްނޫނެވެ. ޑޮލަރަށް ހަމައަގު ސައީދު ހޯދާދޭހެން ޝިޔާމް ވެސް މަސްވެރިންނަށް ހަމައަގު އަނގައިން އެބަ ހޯދާދެއެވެ. ޑައިވިންގފުޅި އަޅައިގެން އަޑިއަށް ޝިޔާމް ދާހެން ބޮޑުކަންނެލި މަސްވެރިކަން އަޑިއަށް ދުއްވާލަން ނޫޅޭށެވެ.
މަސްވެރިކަން ހަލާކޮށްލުމަށް ގޮތް ނެތިގެން ކަނޑު ލޭނު އަޅަންވެސް ހުއްދަ ދެނީއެވެ. ދުވަސް ކޮޅަކުން ދޭނީ ކަނޑުކަހާ ދާއެޅުމުގެ ހުއްދައެވެ. މަސްވެރިން އެ ތިބިއްޔަކީ މުއިއްޒު ޖަހާހާ ސަކާރާތަކަށް އަތްޖަހާ ގޮތަކަށް ނޫނެވެ. ނުފުއްދާ ދޮގު ވައުދުތަކެއްގެ އަވާގައި ހަފުސްވާކަށް ނޫނެވެ.
މަޖިލީހުގެ މެޖޯރިޓީ ލިބުމުން ހިތުހުރިކަމެއް ހިތުހުރި ގޮތަކަށް ކުރެވިދާނެކަމަށް ހީކުރުމަކީ މުއިއްޒުގެ މޮޔަކަމެވެ. އެއްވާނަކަށް މުޅިގައުމު ކެކިއެރަން ފެށީމާ ފިލާރައްކާ ވުމަކަށްވެސް ފަސޭހައެއް ނުވާނެއެވެ. މަސްވެރިންނަށް ވީވައުދު ނުފުއްދާ މުއިއްޒަށް ތަންތަން ހުޅުވާ ރެބަންކަޑާ މީޑިއާ ސްޓަންޓް ޖައްސަން ހުއްޓަކަ ނުދޭނެއެވެ. މަސްވެރިން އެތިބީ އެއަށްވުރެ ރުޅި ގަދަވެފައެވެ.