އިބޫ އެޅި ކާގޯ ޓާމިނަލް މުއިއްޒު ހުޅުވާ ރެބަން ކެނޑުން!
މުއިއްޒު ޖެހި ފުއްޓަތްކަކުން ބިނާކޮށް ރިބަން ކަނޑަން ލިބުނު ތަނެއް ނޫން
ވެލާނާ އިންޓަރނޭޝަނަލް އެއާއޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލާއެކު އަހަރަކު 12،0000 ޓަނުގެ ކާގޯގެ ހިދުމަތް ދެވެނޭ ގާބިލުކަން ހުރި ކާގޯ ޓާމިނަލެއް ރައީސް ސޯލިހު ވަނީ ތަރައްގީކޮށް ނިންމާފައެވެ. އާ ކާގޯ ޓާމިނަލް 2022 ވަނަ އަހަރު ހުރީ ނިމިފައެވެ. އެތަން ނުހުޅުވާ ހުރީ ވެލާނާ އިންޓަރނޭޝަނަލް އެއާއޕޯޓް (ވީއައިއޭ)ގެ އާ ޕެސެންޖަރ ޓާމިނަލާއެކު ހުޅުވުމަށެވެ.
ނިމިފައި ބޭނުން ނުކޮށް ބަހައްޓާފައި ހުރިކަމަށް ހަދައިގެންވެސް ކުރީގެ ސަރުކާރު ބަދުނާމު ކުރެވޭތޯ ވާނީ ބަލާށެވެ. ވަހަކަ ބޮޑުކޮށްގެން އެވާހަކަ ދައްކަން އެންމެ ތާހިރު މީހަކީ ރައީސް ސޯލިހު ސަރުކާރުގައި ކަސްޓަުމުގެ ވެރިކަމުގައި ހުރެފައި ކުލަ ބަދަލުކޮށްގެން މުއިއްޒު ސަރުކާރަށް ވަދެ ވީއައިއޭގެ އެމްޑީކަން ކުރާ ޝަރީފެވެ. މީހެއްގައި ލަދު ހަޔަތުގެ ކަންފުޅެއް ވެސް ނެތިއްޖެއްޔާ ކުރާކަށް ނުކުރާކަށް ކަމެއް ނުއޮންނަނެއެވެ.
އާނއެކެވެ. ވީއައިއޭގެ އާ ކާގޯ ޓާމިނަލް އިމާރާތް ޓެކްނިކަލީ 2022 ގައި ވަނީ ނިމިފައެވެ. އާ ކާގޯ ޓާމިނަލަކީ 2018 ވަނަ އަހަރު ވީއައިއޭ ބޮޑު ކުރުމަށް ހިންގަންފެށި މަޝްރޫއުގެ ތެރޭން އިމާރާތް ކުރަން ފެށި ތަނެކެވެ. ތަން ބޭނުން ކުރުމަށް ނުފަށާ ހުރީ އެކަމަށް އިސް ކަން ނުދެވިގެނެއް ނޫނެވެ. ހަމަގައިމުވެސް މިއަދު ހުޅުވި އާ ކާގޯ ޓާމިނަލަކީ މުއިއްޒު ވެރިކަމަށް އައިސް ހޭދަވާ ދެމަސް ދުވަހުގެ ތެރޭގައި ފުއްޓަތްކެއް ޖަހާލައިގެން ބިނާކޮށް ރިބަން ކަނޑަން ލިބުނު ތަނެއް ނޫނެވެ.
ކުރީގެ ޓާމިނަލަށްވުރެ ކާގޯ ހޭންޑްލިންގެ މަސައްކަތް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓާމިނަލަކަށް އެތަންހެދީ މުއިއްޒެއް ޝަރީފެއް ނޫނެވެ. އަހަރަކު 50،000 ޓަނުގެ ކާގޯގެ ހިދުމަތްދެވެމުން އައި ޓާމިނަލުގެ ބަދަލުގައި 120،000 ޓަނުގެ ކާގޯގެ ހިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން އުފެއްދީ ރައީސް ސޯލިހެވެ.
ޒަމާނީ ވަސީލަތްތަކާ އެކުގައި ގާއިމު ކުރެވިފައިވާ އައު ޓާމިނަލަކީ ކުރީގެ ޓާމިނަލަށްވުރެ ގިނަ ވަސީލަތްތައް ގާއިމުކޮށްފައިވާ ތަނެކެވެ. އާ ޓާމިނަލުގައި ބޭނުން ކުރާނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދު ފަހަރެވެ. ތިން ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތުގައި އެއާލައިންތަކާއި ބްރޯކަރުންނަށް 55 އޮފީހުގެ ޖާގަ ހުރެއެވެ. ކާގޯ އާ ޓާމިނަލުން ހިދުމަތްދޭނީ އެންމެ ޒަމާނީ ފެންވަރަށެވެ.
އަތްފުޅާކޮށްފައި ގޮސް ރިބަން ކަނޑާ ތަނުގެ މޮޅު ވާހަކަ ދައްކާއިރު ކުޑަމިނުން ދުލުކުރިން ޝުކުރު އަދާކޮށްލަން ވެސް މިބައި ގަނޑަށް ނޭގެއެވެ. އެއްވެރިކަމުން އަނެއް ވެރިކަމަށް ނަގުލުވާ ކަންކަން ހުންނާނެއެވެ. ރާއްޖޭގައި އޮތީވެސް ހިނގަ ހިނގާ އޮތް ދައުލަތެކެވެ. ކުރީ ސަރުކާރުން ފެންނަ އުނި ކަންކަމުގެ ވާހަކަ އަޑަށް ބާރުލާފައި ދައްކާހެން ރަނގަޅަށް ކުރެވިފައި ހުންނަ ރަނގަޅު ކަންކަމުގެ ވާހަކަ ދެއްކޭ ވަރަށް ހަންބޯ ނޫންނަމަ މެޑެލް ޖަހަން އުޅޭނޭ ކަމެއް ނެތެވެ. ކިތަންމެ ފޮނެއް އެރުވިޔަސް ވީއައިއޭގެ އާ ކާގޯ ޓަރިމިނަލް ބިނާ ކުރީ ރައީސް ސޯލިހު ނޫން ކަމަކަށް ނުހެދޭނެއެވެ. ޝުކުރިއްޔާ ރައީސްއެވެ.