ވެރިކަމުގައި ހުރީ ވަގުތީ ރައީސެއް: ޝާހިދު
މިހާރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި މުހައްމަދު މުއިއްޒަކީ ވަގުތީ ރައީސެއް ކަމަށާއި ވަގުތީ ރައީސް މުއިއްޒަށް ވޯޓުދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު އެހެން ވިދާޅުވީ ލޯކަލްކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރަން އެމްޑީޕީން ބޭއްވި ޖަލްސާގައި މިރޭވާހަކަ ދައްކަމުންނެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޝާހިދު ދަންނަވާލަން އޮތް ވާހަކައެއް ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ މި ސަރުކާރަށް ބާކީ އޮތީ ދެ އަހަރު ކަމަށެވެ. މި ރައީސަށް ވޯޓްދޭން ޖެހޭ ސަބަބެއް ނެތްކަމަށާއި 2028ގައި އުފެދޭނީ އެމްޑީޕީގެ ސަރުކާރެއް ކަމަށް އޮނަރަބަލް ޝަހިދު ވިދާޅުވިއެވެ.
މިހާރު މިއޮތީ ވަގުތީ ސަރުކާރެއްކަމާއި ހުންނެވީ ވަގުތީ ރައީސެއް ކަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީ މެންބަރުން މިހާރު ނިކުމެވަޑައިގެން ތިއްބެވި ގޮތަށް އަތުގުޅާލައިގެން އެކުގައި ނިކުމެ މި ސަރުކާރު ބަލިކޮށްލެވޭނެ ކަމަށެވެ.
ކައުންސިލް އިންތިހާބުގައި ހުރިހާ އެންމެން ނިކުމެ ވޯޓު ފޮށިތައް ފުރާލައި މުއިއްޒު ބަލިކުރަން ޖެހޭ ކަމަށާއި އެކަން އެމްޑީޕީން ކުރަން ތައްޔާރަށް އޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ.




