ރައީސް ކުރިއަށް ވަޑައިގަތީ އެމްޑީޕީން ނިންމި ގޮތަށް
ހިޔާލު އެއްގޮތްކުރުމަށް ހިޔާލު ތަފާތު ވުމަކީ އެމްޑީޕީގެ އެމްޑީޕީ ވަންތަކަން
ހިޔާލު ތަފާތުވުން ހުރިނަމަވެސް ހިޔާލުތަފާތުވުންތައް އެކަހެރިކޮށް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށް ދިނުމަށް އެންމެން އެއްވާންވީ ވަގުތަކީ މިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ހާލިހު އެމްޑީޕީގެ ރިޔާސީ ޓިކެޓާ ރަސްމީކޮށް ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ބޮޑަށް އެދިވަޑައިގަތީ އެކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީން ދައްކުވައިދިނީ އެޕާޓީއަކީ ޑިމޮކްރަސީއަށް ފައްކާވެފައި އޮތް ޕާޓިއެއް ކަން ކަމަށެވެ. އެ ޕްރައިމަރީން ދައްކުވައިދިނީ އެމްޑީޕީއަކީ ހިޔާލު ތަފާތުވުން ތަކަށް ޖާގަ އޮތް ޕާޓީއެއްކަމަށެވެ. ހިޔާލު އެއްގޮތްކުރުމަށް ހިޔާލު ތަފާތު ވުމަކީ އެމްޑީޕީގެ އެމްޑީޕީ ވަންތަކަމެވެ.
އެމްޑީޕީގެ މެންބަރުންގެ މަގުސަދާއި ބޭނުން ވަރަށް ސާފުކަމަށާއި، ކޮންމެ އެމްޑީޕީ މެންބަރަކު ވެސް ބޭނުންވަނީ، ރާއްޖެއަކީ ސުލްހައާއި ހަމަޖެހުން ގާއިމްވެފައި އޮތް، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބޭ ބަޔަކަށް ވުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޕާޓީގެ ކޮންމެ މެންބަރަކު ވެސް ބޭނުންވަނީ ރާއްޖެއަށް ގެންނަމުންދާ ތަރައްގީއާއެކު ކުރިއަށްދާންކަމަށެވެ. މި ގެނެވޭ ތަރައްގީގައި ވަކި މީހަކު ބާކީނުކޮށް އެންމެނަށް އޭގެ ނަފާ ލިބުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ "އަޅުގަނޑުމެން ބުނަމުން މިދަނީ މި ރާއްޖެ ތަރައްގީ ކުރަން ވާނީ ޖަޒީރާ ގައުމެއްގެ ގޮތުގައޭ. ކުދި ރަށްރަށުގައި ވެސް ދިރިއުޅެން ބޭނުންވާ މީހުންނަށް ހަމަޖެހިލައިގެން އާއިލާއާއެކު އެ ރަށެއްގައި އުޅެވެންވާނޭ. މާލޭގެ ތޮއްޖެހުން ކުޑަކޮށް ހަމަނޭވާ ލެވޭ ތަނަކަށް މާލެ ވާންވާނޭ. އަޅުގަނޑުމެން ރަށްތައް ތަރައްގީ ކުރަމުން މިދަނީ އެ ރަށްތަކުގައި ދިރިއުޅޭ އާއިލާތަކަށް އުފާވެރިކަމާއެކު ދިރިއުޅެވޭނެ ގޮތް ހޯދައިދިނުމާއެކު މާލެއަށް ލުޔެއް ހޯދައި ދިނުމަށް. އިރާދަކުރެއްވިއްޔާ މިހާހިސާބަށް އާދެވިފައި މިވަނީ، އެރަށްތަކުގައި ދިރިއުޅޭ މީހުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ލިބެން ފަށާފަ. ފެނާ ނަރުދަމާއާ، ބަނދަރާ މަގާ ކަރަންޓާ ދަތުރުފަތުރާ ތައުލީމާ ސިއްހީ ހިދުމަތް މިދަނީ ތަރައްގީކުރަމުން."އެވެ.
ރައީސް ވިދާޅުވި ގޮތުގައި "މި ފަސް އަހަރު ތެރޭގައި ކުރެވިފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކަކީ ތިޔަ ބޭފުޅުން ހޯއްދެވި ކާމިޔާބީއެއް. މި ކާމިޔާބުގެ ފެށުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ތިޔަބޭފުޅުން އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން. މިއީ ތިޔަބޭފުޅުންނަށް، އެމްޑީޕީއަށް ޝުކުރު ހައްގުކަމެއް. އަދި ހަމައެހެންމެ މިވަގުތު އަޅުގަނޑުމެންނާއެކު ތިބި ކޯލިޝަންގެ ބައިވެރިން ކޮށްދެއްވި މަސައްކަތްވެސް އަޅުގަނޑު ހަނދާނެއް ނުނެތޭ. އެކަމަށްޓަކައި އެބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު އަދާކުރަން." އެވެ.
މި ފަސް އަހަރުގެތެރޭގައި ބޮޑެތި ގޮންޖެހުންތަކާވެސް ކުރިމަތިވެވަޑައިގެންނެވިކަމަށާއި، ނަމަވެސް ކާމިޔާބީއަށް ވާސިލްވެވުނީ އެމްޑީޕީގެ މެންބަރުންގެ ތާއީދާ އެއްބާރުލުމާ އެހީތެރިކަން ލިބިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ އެމްޑީޕީގެ މެންބަރުން ނިންމެވި ގޮތަށްކަމަށެވެ.