ވާދަވެރި އިދިކޮޅަށް ވުރެ ނަޝީދުގެ ދެކޮޅުވެރިކަން މާބޮޑު
އެމްޑީޕީގެ ވަޒީރުންނަކީ ރައީސް ނަޝީދު އެންޑޯސްކުރައްވަފައި ތިއްބެވި ބޭފުޅުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑީގައި ރައީސް ނަޝީދަށް އިންނެވެނީ ބަޔަކު ބައިންދަވާތީކަން ރައީސް ނަޝީދަށް އޮޅިވަޑައިގަތުމަކުން ހައިރާނެއް ނުވެއެވެ. ރައީސް ނަޝީދު ރައްޔިތުންގެ ތެރެއަށް ނިކުންނަވާ ގަދަބަސް ވިދާޅުވެވެނީ މި ވަގުތު އެމްޑީޕީގެ ރައީސް ކަމަށް ވާތީ އެ މަގާމަށް އޮތް އިހުތިރާމެއްގެ ސަބަބުންކަން އެނގިވަޑައިނުގަތުމަކީ އަޖައިބެއް ނޫނެވެ.
އެމްޑީޕީ ޑިމޮކްރަސީއާ ދުރަށް ދާ ވާހަކަ ރައީސް ނަޝީދު ދެއްކެވީމާ އަންނަނީ ހަރުހަރުން ނިކުމެގެން ހިންޏެވެ. ކުރިޔާ ހިލާފަށް އެމްޑީޕީގެ ކަންކަން ނިންމަނީ މެޖޯރީޓީއަށެވެ. ވަކި އެކަކު ބޭނުންވާ ގޮތަކަށް ނޫނެވެ. ޕާލަމެންޓްރީ ގްރޫޕްގެ ކަންކަން ނިންމަނީ ޕާލަމެންޓްރީ ގްރޫޕްގެ މެޖޯރިޓީއަށެވެ. އިދާރީ ކޮންމެ ކަމެއްގައި އަމަލު ކުރެވެނީ ގައުމީ މަޖިލީހުން ނީންމާ ގޮތެއްގެ މައްޗަށެވެ. އިންތިހާބުތައް ބޭއްވެނީ އަސާސީ ގަވައިދާ އެއްގޮތަށެވެ. ޑިމޮރަސީއަކީ އެނޫން ކޮން އެއްޗެއް ހެއްޔެވެ. ރައީސް ނަޝީދު ހޮއްވަވަން ބޭނުންފުޅުވި ޗެއަރޕާސަން ނުހޮވީ ޑިމޮކްރެޓިކް ހަމައިން އާއްމު މެންބަރުންނެވެ. ޕީޖީގްރޫޕާއި ގައުމީ މަޖިލީހުގައި ރައީސް ނަޝީދު ބޭނުންފުޅު ވާހާކަމެއް ބޭނުންފުޅު ގޮތަކަށް ނުނިމެނީ ރައީސް ނަޝީދު މެޖޯރިޓީއާއި ދެކޮޅަށް މަސައްކަތްޕުޅު ކުރައްވާތީއެވެ. ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދަށް ކާމިޔާބުވެ ވަޑައިނުގެންފިއްޔާ އުޅުއްވާނެ ހުތުރު ވައްތަރު މިހަރުވެސް ހިތައް ގެނެވެއެވެ. ބަލި ގަބޫލެއް ނުކުރައްވާނެއެވެ. އުފައްދަވާނީ ފިތުނައެވެ.
އެމްޑިޕީގެ އަސާސީ ގަވައިދުގައި ސިޓިންގ ޕްރެޒިޑެންޓަށް ދެވަނަ ދައުރަކަށް ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލާ ދެވެން އޮތް އިރުވެސް އެމްޑީޕީ އިސްކުރީ އެންމެ ޑިމޮރެޓިކް ގޮތެވެ. ރައީސް ސާލިހު ވެސް ބޭނުންފުޅުވެ ވަޑައިގަތީ އެގޮތެވެ. މި ހާލަތުގައި ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު ނަމަ ޕްރައިމަރީއަކަށް ވަޑައިނުގެން އިސްކަން ދެއްވީހީ އަސާސީ ގަވައިދުން ލިބެދޭ ވާދަ ނުކުރެއްވުމުގެ ފުރުސަތަށް ކަމާމެދަކު ޝައްކެއްނެތެވެ.
ރައީސް ނަޝީދެއް ކަމަކު ޖެހިވަޑައިގަންނަވާނީ މެޖޯރިޓީއަށް ތަބާވެ ވަޑައިގަންނަވާށެވެ. މެޖޯރިޓީ ރައީސް ނަޝީދަށް ތަބާވަކަށް ނުޖެހެއެވެ. އަމިއްލަފުޅު ޖާހާ ހައިބަތު ރައްޔިތުންގެ ކުރިމަތީ ވައްޓަވާލައްވަނީ އަމިއްލަފުޅަށެވެ. ޕާޓީގެ ރައީސްކަމުގައި ހުންނަވާ ޕާޓީގެ މެޖޯރިޓީ ވިސްނުމަށް ތާއީދު ނުކުރައްވަނީ ވެސް ރައީސް ނަޝީދެވެ. ޑިމޮކްރަސީއަކީ ރައީސް ނަޝީދެއް ނޫނެވެ. އެމްޑީޕީގެ އުސޫލުތައް މުގުރާލެއްވުމުގައި ޕީޕީއެމާ ބައިއަތު ހިއްޕަވައިގެން އަވަދި ނެތި މިހާރު ވެސް އުޅުއްވަނީ ރައީސް ނަޝީދެވެ.
ރައީސް ނަޝީދު ބަގާވަތުގެ ވާހަކަ ދައްކަވާއިރު އަމިއްލަފުޅު ލީޑަރޝިޕް އޮތް ޕާޓީ އިސްވެ އޮވެ ހިންގާ ސަރުކާރު ވައްޓާލަން ރައީސް ނަޝީދު ނުކުރައްވަނީ ކީއްހެއްޔެވެ. 2018 ގައި އުފެދުނު ސަރުކާރުގައި ވަޒީރުކަން ކުރައްވާ އެމްޑީޕީއަށް ނިސްބަތްވެ ވަޑައި ގަންނަވާ ހުރިހާ ވަޒީރުންނަކީ ރައީސް ނަޝީދު އެންޑޯސް ކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. ފައްޔާޒެއް ޝާހިދެއް މާރިއާއެއް އަމީރެއް އަސްލަމެއް އައިޝްތެއް ކިޔާނެ ކަމެއް ނެތެވެ. މިހާރަކު އެއިން އެއްވެސް ބޭފުޅަކީ ރައީސް ނަޝީދަށް ކަމުދާ ބޭފުޅުންނަކަށް ވެވަޑައެއް ނުގަންނަވައެވެ. ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެއިގެން ބައެއް ވަޒީރުން މަގާމުން ދުރު ކުރައްވަން ވެސް ލައްކަ ސަކަރާތް ޖެއްސެވިއެވެ. އެފަދ ކޮންމެ ކަމެއްވެސް ގޮއްވާލެއްވި އަމިއްލަ އަތްޕުޅަށެވެ.
ސްޓޭޓް މިނިސްޓަރުންނާއި އެނޫން ވެސް ހުރިހާ ސިޔާސީ ޕޯސްޓަކަށް ބޭފުޅުން އައްޔަނު ކުރެއްވީ ވެސް ރައީސް ނަޝީދު އެދިވަޑައިގެން ހުށަހަޅުއްވާ ރުހުން ދެއްވި ގޮތަށެވެ. އެ ބޭފުޅުން މަގާމް ތަކަށް އިސްކުރެއްވީ ރައްޔިތުންނަށް ހިދުމަތްކޮށް ހެޔޮވެރިކަމެއް ހިންގާށެވެ. ރައީސް ނަޝީދު ވިދާޅުވާހާ ގޮތަކަށް ކަންކަން ކުރާކަށް ނޫނެވެ. އެމްޑީޕީގެ ސްލޮޓެއްގައި ވަޒީފާ ލިބުމަކީ ރައީސް ނަޝީދުގެ އަޅުންނަށް ވާންޖެހޭ ކަމެއް ނޫނެވެ. އެހެނެއް ކަމަކު އެއިގެތެރެއިން ބައެއް ބޭފުޅުން ބޭނުން ކުރައްވައިގެން ސަރުކާރު ހިންގަން ދަތިކުރައްވާ ސަރުކާރާއި ރައްޔިތުންނާ ޖެއްސުމަށް ކަންކަން ރައީސް ނަޝީދު ލަސްކޮށް ފަސް ކުރުވިއެވެ.
ރައީސް ސާލިހަށް ވާދަވެރި އިދިކޮޅަށް ވުރެ ރައީސް ނަޝީދުގެ ދެކޮޅުވެރި ކަމުން އުދަގޫތައް ކުރިމަތިވެ ވަޑައިގަތެވެ. އެހެނަސް ރައީސް ސާލިހު ކެތްތެރިކަމާއެކު ރައީސް ނަޝީދުގެ ބައިވެރިވެ ވަޑައިގަތުން ހޯއްދެވުމަށް ގިނަގުނަ މަސައްކަތްޕުޅުތައް ކުރެއްވިއެވެ. އިހުތިރާމާއެކު ހައްގު މަގާމް ދެއްވިއެވެ. އިދިކޮޅަށް ޗުއްޕުވެސް ވިދާޅެއް ނުވެއެވެ. އިސްކުރެއްވީ ޑިމޮކްރެޓިކް ތަފާތު ހިޔާލަށް އިހުތިރާން ކުރެއްވުމުގެ ސިފައެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރެއްވެން އޮވެމެ އިސްކުރެއްވީ މަސްލަހަތެވެ.
ހަމަތެދެކެވެ. ރައީސް ނަޝީދު ވިދާޅުވާއިރަށް ރައީސް ނަޝީދަށް ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ދައުލަތުގެ ނިޒާމް ބަދަލު ކުރައްވަން ނޫޅުއްވުމުން ނަޝީދުގެ ހިތްޕުޅުގައި އޮތް ހަސަަދައިގެ ހުޅުފަޅައިގެން ދިޔައީއެވެ. ރައީސް ނަޝީދު އެ ވިދާޅުވާ ޑިމޮރަސީއާއި ބީރައްޓެހި ސިފައަކީ ވެރިކަމުގެ ނިޒާމް ބަދަލު ކުރައްވަން ރައީސް ސާލިހު ނޫޅުއްވުމެވެ. އެމްޑީޕީވެސް ނިޒާމު ބަދަލު ކުރަން ބޭނުން ނުވާކަން އެންމެ ފަހުން އޮތް ކޮންގްރެހުން ސާފުވިއެވެ. ގިނަ މީހުނަށް އެ ގޮތް ނުފެނުމުން ގިނަ މީހުންނަށް ނުފެންނަ ގޮތް އެއީ ޑިމޮކްރަސީ ކަމަށް ވަންޏާ ޑިމޮކްރަސީއަކީ އެންމެ މީހެއްގެ ގޮތެވެ. އެ މީހަކީ ރައީސް ނަޝީދެވެ.