ކުޑަކުޑަ ކަމަކުން އެތައްހާސް ސަވާބެއް

ދަމުނަމާދު ކުރުމަކީ ބޮޑު ކަމެއްނޫން

ކުޑަކުޑަ ކަމަކުން އެތައްހާސް ސަވާބެއް

ދަމުނަމާދު ކުރާނީ ދެރަކުއަތުން ދެރަކުއަތުން ނުވަތަ ހަތަރު ރަކުއަތުން ހަތަރު ރަކުއަތުން ސަލާންދެމުންނެވެ. ابْنِ عُمَرَ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު رسول الله صلى الله عليه وسلم  ގެ އަރިހުގައި ރޭ އަޅުކަން ކުރާނީ ކިހިނެއްތޯ ދެންނެވުމުން ހަދީސް ކުރެއްވިއެވެ.

(( صَلَاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى)) [البخاري ومسلم] މާނައަކީ: “ ރޭއަޅުކަން ވަނީ ދެރަކުއަތުން ދެރަކުއަތުން ނެވެ. (ދެރަކުއަތް ކޮށްފައި ސަލާންދީފައި އަނެއްކާ ދެރަކުއަތެވެ.) އަދި ފަތިސްވެދާނެ ކަމުގެ ބިރު ހީވެއްޖެ ނަމަ އިސްވެ ދިޔަ ރަކުއަތްތަކަށް ވިތުރީގެ އެއް ރަކުއަތް ކުރާށެވެ!“

ދަމުނަމާދުގެ އެއްމެ ގިނަ މިންވަރަކީ އަށް ރަކުއަތެވެ. ވިތުރިއާއި އެކުގައި އެގާރައެވެ. އަށް ރަކުއަތް ހަމަވުމުން ތިން ރަކުއަތުން ވިތުރި ކުރުމުން ނިމުނީއެވެ. ނުވަތަ ދިހަ ރަކުއަތްކޮށް އެއް ރަކުއަތުން ވިތުރި ކުރާނީއެވެ. މަދު މިނަކީ ދެ ރަކުއަތެވެ. ވިތުރީގެ އެއް ރަކުއަތެވެ.

البخاري އެބޭފުޅާގެصحيح  (4 / 319) ގައި ރިވާކުރެއްވިއެވެ. عائشة رضي الله عنها ވިދާޅުވިއެވެ. ((مَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزِيدُ فِي رَمَضَانَ وَلَا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً)) މާނައަކީ: ”އިތުރު އެކަލޭގެފާނުން ރޯދަ މަހުގައިވެސް އަދި އެނޫން މައްސަރެއްގައިވެސް އެގާރަ ރަކުއަތަށް ވުރެ އިތުރެއް ނުކުރައްވައެވެ.“

އެގޮތުން ދަމުނަމާދުގެ ކުރާނީ ދެރަކުއަތް ނުވަތަ ހަތަރު ރަކުއަތް ނުވަތަ ހަ ރަކުއަަތް ނުވަތަ އަށް ރަކުއަތެވެ. އެމީހަކަށް ދަތިކަމަކާއި ނުލައި ދާއިމުވެ ކުރެވޭ އަދަދެއްގައި ހިފުމަކީ އެއްމެ ރަނގަޅު ގޮތެކެވެ. އަދި ބައެއް ރޭރޭ މަދުން އަނެއްބައި ރޭރޭ ގިނައިން ކުރުމަކީ މައްސަލައެއް ނޫނެވެ. އިސްވެދިޔަ ޢާއިޝަގެ ރިވާޔަތުގައި ވެއެވެ.

އިތުރު އެކަލޭގެފާނުން ހަތަރު ރަކުއަތުން، ހަތަރު ރަކުއަތުން ދެފަހަރު ސަލާން ދެއްވައި ތިން ރަކުއަތުން ވިތުރި ކުރެއްވިއެވެ. ދަމުނަމާދުގައި އެދެވިގެންވާ ގޮތަކީ ވީހައި ދިގުކޮށް ގުރްއާން ކިޔަވައި ގިޔާމާއި ރުކޫއާއި ސަޖިދަ ދިގުކުރުމެވެ. ރަކުއަތްތަކުގެ އަދަދު އިތުރު ކުރުމެއް ނޫނެވެ. ދަމުނަމާދުގައި މި ހުރިހައި ގޮތެއް ތަނަވެސް ވެގެން ވެއެވެ. ދަމު ނަމާދު ކުރުން އެއްމެ އައުލާވެގެންވާ ވަގުތަކީ މީހުން ނިދާފައި ތިބޭ ވަގުތެވެ.

އެއީ ރޭގަނޑުނގެ ތިންބައި ކޮށްފައި ތިންވަނަ ބައި ފެށިގެން ފަތިސް ވަންދެނެވެ. އެހެން އިބާރާތަކުން ނަމަ އެވަގުތަކީ ހާރު ދަމެވެ. ދަމުނަމާދު ކުރުމަށްޓަކައި ނިދުމަކީ ލާޒިމު ކަމެއް ނޫނެވެ. ނަމަވެސް ނިދާފައި ހޭލައި ނަމާދު ކުރުމަކީ މީހާ ތާޒާވެ މުރާލި ވާނެ ކަމެކެވެ. ވީމާ އެހެން ކުރެވެން އޮތް ނަމަ އެގޮތް އައުލާކަން ބޮޑެވެ. އެކަމު ރޭގަނޑު ހޭލައި ހުންނަން ޖެހޭ މީހަކު ނުނިދައި ނަމާދު ކުރުމަކީ މައްސަލައެއް ނޫނެވެ.

ދަމު ނަމާދުގައި ކިޔުމަށް ވަކި ހާއްސަ ސޫރަތެއް ސުންނަތުން ވާރިދުވެފައި ނެތެވެ. އެމީހަކަށް ފަސޭހަ ތަނެއް ކިޔެވީމާ ރަގަޅުވާނެއެވެ.

މައުލޫމާތުގެ ހަވަލާ: ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް