އެލްޖީބީޓީކިއު ހައްގެއްކަމަށް ގަބޫލުކޮށް 899 އަހަރުވީ އިސްލާމީޝަހުސް ހަރާބުކުރީ މުއިއްޒު

އެލްޖީބީޓީކިއު ހައްގެއްކަމަށް ގަބޫލުކޮށް 899 އަހަރުވީ އިސްލާމީޝަހުސް ހަރާބުކުރީ މުއިއްޒު

ރާއްޖެ އިސްލާމްވިތާ 899 އަހަރު ފުރިގެން ރާގުރާގަށް ރައީސް މުއިއްޒު އެބަ ވާހަކަ ދައްކައެވެ. ދީންވެރިކަމަށް ދެވަނައެއް ނެތްކަމަށް ދެއްކިގެން ރާއްޖޭގެ ވެރިކަމަށް މުއިއްޒު އެރިފަހުން ދެއަހަރު ވަނީއެވެ. އިސްލާމް ދީނަށް ނަސްރު ދިނުމުގެ ވާހަކަ ދައްކަނީ އަނގައިންނެވެ. އަމަލުން ދައްކަނީ ކުރާހާ ކަންކަން ދިމާ ދެކޮޅަށް ކުރާތަނެވެ. 

މީގެ ކުރިން އެއްވެސް ސަރުކާރަކަށް ކުރަން ނުކެރިފައި އޮތް ސަމޯއާ އެގްރިމަންޓްގައި މުއިއްޒު ސަރުކާރުން ސޮއިކުރުމުން އިސްލާމް ދީނަށް މުއިއްޒު ނަސްރު ދޭގޮތް ވަރަށް ސާފެވެ. އެލްޖީބީޓީކިއު ( އަންހެންކުޅި ކުޅުމާއި، ފިރިހެންކުޅި ކުޅުމާއި ގިނަ ޖިންސުން ގުޅުން ހިންގުމާއި ޖިންސް ބަދަލުކުރުން ) ހައްގެއްގެ ގޮތުގައި ކުރިއެރުވުމަށް ގޮވާލާ ހިއްވަރުދީ އެކަންކަން ފަތުރަން މަސައްކަތްކުރާ ސަމޯއާ އެގްރިމަންޓްގައި މުއިއްޒު ސަރުކާރުން މިހާރު އެވަނީ ސޮއިކޮށްފައެވެ.

އެލްޖީބީޓީކިއު ހައްގެއް ގޮތުގައި ބަލައިގަތުމަށް ވުރެ ވަކީން ބޮޑު ހަމާލާއެއް 899 އަހަރުވީ ދިވެހި އިސްލާމީ ޝަހުސިއްޔަތަށް ބަޔަކަށް ނުދެވޭނެއެވެ. މުއިއްޒު އެހުރީ އެކަންވެސް ކޮށްގެންނެވެ. އެކަމަކު މުއިއްޒު ސަރުކާރުވަރުގެ ދީނަށް ނަސްރުދޭ ސަރުކާރެއް ރާއްޖެ ދުށްކަމަކަށް ނުވެއެވެ.

އަނެއްކޮޅުން އިސްލާމް ދީނުގައި ކުފުރުގެ އަމަލެއްކަމަށް ވެގެން ކުރިން އުޅުނު ޔޯގާ އަކީ މުއިއްޒު ސަރުކާރާ ޖެހުމުން ހަށިހެޔޮކުރާ ދުޅަހެޔޮކުރާ ކަސްރަތަކަށް ވެއްޖެއެވެ. ނޭޝަނަލް ޑްރަގް އެޖެންސީ ފަދަ މުއައްސަސާތަކުގައި ޔޯގާ ޕްރޮގްރާމްތައް ހިންގުން އާއްމު ކަމަކަށް ވަނީ ހަދާފައެވެ. ފާޅުގައި ޔޯގާ މަރުކަޒުތައް ހަދާ އެތަންތަން ހުޅުވަން ވަޒީރު ބޭފުޅުން ވަޑައިގަންނަވާ ވަރުގެ ދީނީ ކަމަކަށް މިހާރު ޔޯގާ ވެއްޖެއެވެ. 

ދައުލަތުގެ މުދަލާ ފައިސާއަށް ހިޔާނާތްތެރިވުމާއި ރީޝްވަތު ހިފުމާއި ރިޝްވަތު ދިނުމަކީ ނިއު ނޯމަލްއަށް މުއިއްޒު ސަރުކާރުގައި ވަނީ ހަދާފައެވެ. ހިލޭ ފިރިހެނުންނާއި އަންހެނުން އަތްޖޯޑުކޮށް ސަލާންކުރުމަކީ މީހާއާއި ތަނާއި ވަގުތަށް ބަލާފައި ހަލާލުވެ ހަރާންވާ ކަމަކަށް މުއިއްޒުގެ ދެމަފިރިން ވަނީ ހަދާފައެވެ. 

ކުރިއްސުރެ އިންތިޒާމްވެގެން ތަރުތީބުން ކުރެވެމުން އައި އިސްލާމް ދީނާއި ހިލާފް އެއްވެސް ކަމަކަށް މުއިއްޒުގެ ދީނީ ސަރުކާރުން ބަދަލެއް ނުގެނެއެވެ. ގިނަ ކަންކަން އިހުނަށްވުރެ ވެސް ކުރީ ގޯހެވެ. 

ރިބާ ހިމެނޭ ލޯނު ނެގުމާއި ރިބާ ލޯނު ދޫކުރުމާއި ރިބާކެއުން ހުއްޓާނުލާ ދަނީކުރިއަށެވެ. ޝަރީއަތުން ރިބާ ނަގާދިނުމާއި ރިބަވީ މުއާމަލާތްތައް ނަގަހައްޓާ ދަމަހައްޓާ ދިނުމަކަށް ބަދަލެއް ނާދެއެވެ. 

ބަނގުރަލާއި އޫރުމަހުގެ ވިޔަފާރިއަށް ގައުމު ހުޅުވިފައި އޮތް އޮތުމަށް ކުޑަވެސް ފިއްތުމެއް ނުގެނެވޭތާ އިތުރަށް ދަނީ ފުޅާކުރެވެމުންނެވެ. ބަނގުރަލާއި އޫރުމަހުގެ ވިޔަފާރިން ލިބޭ ފައިސާ ދައުލަތުގެ އާމްދަނީއަށް ވައްދައިގެން މަސްހުނި ކުރުމަކަށް ބަދަލެއް ނާދެއެވެ. ފައިސާ ލިބެންޏާ ހަލާލެއް ހަރާމެއް ހަމައެއް ލަމައެއް ނެތެވެ.

ރާއްޖޭގެ އިސްލާމީ ސަރުކާރުގެ އަމަލުތައް ހުރިގޮތުން ގިސޯސް ހިފުމަކީ އިސްލާމް ދީނުގައި ނެތްކަމެއް ކަހަލައެވެ. މަރަށް މަރުހިފުމެއް ރަޖަމް ކުރުމެއް ވަގުންގެ އަތްކެނޑުމެއް ހައްދުޖެހުމެއް ނޯވެއެވެ. ގުރުއާނަށް ގޮންޖެހުމަށް މުއިއްޒަށް ވަނީ ވެރިންކުރާ ވައްކަމުގެ ވާހަކަ ދެއްކުމެވެ. 

ހުރިހާކަމެއް އެހާފާޅުކޮށް އޮތްއިރު މާ ދީނީ ސަރިކާރަކަށް ވެގެން ދީނީ ކާޑުކުޅެގެން ސިޔާސީ ބާރުވެރިކަން ހޯދަން މުއިއްޒު ކުޅޭ ޗަރުކޭސް ބަލަން އިލްމުވެރިންގެ ފަގުޑީގައި ތިބި ގިނަ މީހުން ތިބީ ލޯމަރައި ތަގުޅި ކޮށްގެންނެވެ. ސަލަފީންވެސް އެތިބީ މުއިއްޒު ދީނަށް ނަސްރުދޭ ދިނުން ގަނޑު ކަމުގޮސްގެން ބަސްހުއްޓިފައެވެ. އަޅެފަހެ! ދީން އައްޑަނައަކަށް ހަދައިގެން މުއިއްޒު މިއުޅެނީ ކާކަށް ކޮންއެއްޗެއް އޮޅުވާލަން ހެއްޔެވެ.