ޒަކާތުން ކޮންމެ ކޮންމެ ކަމެއް ނުކުރެވޭނެ!

ޒަކާތުން ކޮންމެ ކޮންމެ ކަމެއް ނުކުރެވޭނެ!

ރޯދަމަހަށް ފެށުމާއެކު ފިތުރު ޒަކާތުގެ މޫސުން އައީއެވެ. މުސްލިމުންގެ މައްޗަށް ދެބާވަތެއްގެ ޒަކާތް ވާޖިބުވެފައި ވާއިރު ނެރެވޭ ޒަކާތް ދޭންޖެހެނީ ކޮން ބަޔަކަށްކަންވެސް ކޮންމެ މުސްލިމަކަށް އެނގުން ލާޒިމެވެ. އެހެންކަމުން ޒަކާތުގެ ބެހެވެނީ ކޮންބަޔަކަށްކަން ބަލާލުމުގެ މުހިންމުކަން ބޮޑެވެ. ޒަކާތުގެ ބެހެނިވެރިން 8 ބަޔަކަށް ބެހިގެންވެއެވެ. ހުލާސާކޮށް މިފަހަރު މިބަލައިލަނީ އެ ބައިތަކުގެ މައްޗަށެވެ. 

ފަގީރުން (އަލް-ފުޤަރާ)

ފަގީރުންގެ ބައިގައި ހިމެނެނީ އަމިއްލަ ދިރިއުޅުން ބެލެހެއްޓުމަށް ބޭނުންވާ މަދު މިންވަރު ނުވަތަ އެފަދަ އެއްވެސް ވަސީލަތެއް ނެތް މީހުންނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ޒަކާތްދީގެން ކޮންމެ އަހަރަކު އެތައް ހާސް ފަގީރު އާއިލާތަކަށް ކާބޯތަކެއްޗާއި ގޯތިގެދޮރުގެ އެހީތެރިކަމާއި އަސާސީ ސިއްހީ ފަރުވާ ފޯރުކޮށްދެއެވެ.

މިސްކީނުން (އަލް-މަސާކީން)

މިސްކީނުންނަކީ އެމީހުންގެ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭ މީހުންނެވެ. މާނައަކީ ދިރިއުޅުމުގެ ޒަރޫރީ ހަރަދުތަކުގެ ބައެއް ހަމަޖެއްސުނަސް ޒަރޫރީ ހުރިހާ ހަރަދެއް ހަމަނުޖެއްސޭ މީހުންނަކީ މިސްކީނުންނެވެ. އެމީހުނަށް ޒަކާތް ހައްގެވެ. 

ޒަކާތް ބަހާދޭ ފަރާތްތައް

ޒަކާތުގެ ފައިސާ ހަރުދަނާކަމާއެކު ބެހުމަށްޓަކައި ހިނގާ އިދާރީ ހަރަދުތައް ބެލެހެއްޓުމަށް ޒަކާތުން ބައި އަޅަންޖެހެއެވެ. އެކަމުން ކަށަވަރުކުރަނީ ދޭ ޒަކާތް ހައްގުވެރިންނަށް ލިބޭކަމާއި، އެކަން ކުރެވެނީ ހާމަކަން ބޮޑު ގޮތެއްގައި އިތުބާރުހުރި ގޮތަކަށްކަމެވެ. 

އަލަށް އިސްލާމްވާ މީހުން (މުއައްލަފަތުލް ޤުލޫބު)

އައު އިސްލާމުންނަށް ޒަކާތުން ދެނީ އެމީހުންގެ އީމާންކަން ވަރުގަދަކުރުމަށާއި މުޖުތަމަޢުގެ ގުޅުންތައް ބަދަހިކުރުމަށެވެ. މާލީ އެހީތެރިކަން ބޭނުންވާ އަލަށް އިސްލާމްވާ މީހުންނަށް އެހީތެރިވުމަކީވެސް އައު އިސްލާމުންނަށް ޒަކާތް ހައްގުވާ ސަބަބެކެވެ.

އަޅުން މިނިވަންކުރުން (ރިޤާބު)

އަޅުން މިނިވަންކުރުމަށްވެސް ޒަކާތުން ބައިއެޅެއެވެ. މިޒަމާނުގައި މީގެ މާނައިގެ ތެރޭގައި ހިމެނެނީ މޮޑަން ސްލޭވަރީ އާއި ދަރަނިން މީހުން މިނިވަން ކުރުމަށް ކުރެވޭ މަސައްކަތްތަކެވެ.

ދަރަނިވެރިން (އަލް-ޣާރިމީން)

އަސާސީ ބޭނުންތައް ފުއްދުމަށް ހުރަސްއެޅޭ ވަރަށް ދަރަނިވެރިވެފައިވާ މީހުންނަށް ޒަކާތް ލިބުމުގެ ހައްގު ލިބިގެންވެއެވެ. ވިޔަފާރި ފުޅާކުރުމަށް ނުވަތަ ފުދުންތެރިކަން އިތުރު ކުރުމަށް ނުވަތަ ދަރަނި އަދާކުރުމަށައި އަގުބޮޑު ދިރިއުޅުން ހޯދަން ދަރަނިވެރިވާ ދަރަނިވެރިންނަށް ޒަކާތުގެ ދަރަނިވެރިންގެ ބައިން ހައްގެއް ނުވާނެއެވެ.

ﷲ ގެ މަގުގައި (ފީ ސަބީލިﷲ)

ފީ ސަބީލިﷲ ގެ ގޮތުގައި ޒަކާތުން ހައްގުވާނީ މުޖުތަމަޢުގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތްތަކަށެވެ. މިސާލަކަށް ސްކޫލްތަކާއި، މިސްކިތްތަކާއި އަދި ފެންވަޅުތައް ހެދުން ފަދަ ކަންކަމަށް މިބައިން ހޭދަކުރެވިދާނެއެވެ.

ދަތުރުވެރިން (އިބްނުއްސަބީލް)

އަނބުރާ ވަޒަނަށް ދިއުމަށް ވަސީލަތްތައް ނެތް ދަތުރުވެރިންނަށް ޒަކާތް ލިބުމުގެ ހައްގު ލިބިގެންވެއެވެ. ހަނގުރާމައިގެ ސަރަޙައްދުތަކުގައި ތިބޭ ނިކަމެތިވެފައިވާ މީހުންނާއި ރެފިއުޖީންނަށް މިޒަމާނުގައި ދަތުރުވެރިންގެ ގޮތުގައި ޒަކާތްދީ އުޅެއެވެ. އެގޮތުން އެމީހުންނަށް ހިޔާވަހިކަމާއި އަސާސީ ބޭނުންތައްވެސް ފޯރުކޮށްދެއެވެ.