މުއިއްޒަށް: ރައްޔިތުން އެމްޑީޕީއަށް ވޯޓުދިނީ މުއިއްޒު ބާލަން!

މުއިއްޒަށް: ރައްޔިތުން އެމްޑީޕީއަށް ވޯޓުދިނީ މުއިއްޒު ބާލަން!

މޭޔަރުކަމަށާއި ކައުންސިލަރުކަމަށާއި އަންހެނުން ކޮމެޓީތަކަށް ރައްޔިތުން އެމްޑީޕީ މީހުން ހޮވީ މުއިއްޒަށް އިތުބާރު ނުކުރާތީއެވެ. މުއިއްޒުގެ ވެރިކަމާ ރައްޔިތުން ދެކޮޅު ހަދާކަން އެންގުމުގެ ގޮތުންނެވެ. މުއިއްޒު ވެރިކަމުން ބާލަން ކުރެވެން އޮތް ކަމެއް ކުރުމަށެވެ. އެމްޑީޕީ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓުދިނީ މުއިއްޒު ހިންގާ ޖަރީމާތަކަށް ހިތްވަރުދީ އެކަމުގައި ބައިވެރި ވުމަކަށް ނޫނެވެ. މުއިއްޒުގެ ކިބައިން ގައުމާއި ރައްޔިތުން ސަލާމަތް ކުރުމުގެ ބޭނުމުގައެވެ. 

ރައްޔިތުން ވޯޓުދީގެން ހޮވި އެމްޑީޕީ ކެންޑިޑޭޓުންގެ ކިބައިން ރައްޔިތުން އެދެނީ މުއިއްޒު ހިންގުވާ ޖަރީމާތަކުގެ އަޑު އުފުލުމަށެވެ. މުއިއްޒު ވާގިނައްތާލާފައިވާ މިނިވަން މުއައްސަސާތައް މިނިވަން ކުރަން ނިކުތުމަށެވެ. މުއިއްޒު ބްލެކް މޭލްކޮށްފައިވާ ރައްޔިތުންގެ މަޖިލިސް މިނިވަން ކުރުމަށެވެ. މުއިއްޒު ފަނޑިޔާރުގެއަށް އަތްބާނާ ބޭނުން ހުއްޓުވުމަށެވެ. މުއިއްޒު ބައިއަޅައިގެން ދައުލަތް ދަވާލާ ދަވާލުން ހުއްޓުވުމަށެވެ. 

މުއިއްޒު ހުއްޓާނުލާ ހިންގާ ހުރިހާ ޖަރީމާތައް ހުއްޓުވަން ކުރެވެން އޮތްކޮންމެ ކަމެއް ކުރުމަށް ރައްޔިތުން ބޭނުންވެއެވެ. އިސްލާހުކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން ކުރުވަން ޑިމާންޑް ކުރުމަށް ރައްޔިތުން ބޭނުންވެއެވެ. ހުއްޓި ކުރިއަށް ނުކަނޑާހުރި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބަލާ އިންސާފު ގާއިމުކުރަން ބޭނުންވެއެވެ. ޖެހުނުތާކުން ޖެހުނު މީހަކު ދައުލަތް ވީދާ ނޮޅާ ކައި ހުސްކުރުން ހުއްޓުވަން ބޭނުމެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ކޮންމެ މީހަކަށް ތަފާތުނުކޮށް ކަށަވަރު ކުރަން ބޭނުންވެއެވެ. އެމްޑީޕީން ސިލްސިލާ މުޒާހަރާތައް ކުރަން ފެށީ އެހެންވެއެވެ.

އެމްޑީޕީން ސިލްސިލާ މުޒާހަރާތައް ކުރަން ފެށުމުން މުއިއްޒާއި އޭނާގެ އައުވާނުން ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. މަގުމަތި ހަލަބޮލި ކުރަނިއްޔޭ އާއްމު އުދަގޫ ކުރަނިއްޔޭ ހަމަނުޖެހުން އުފައްދަނިއްޔޭ ކިޔައިގެން ބިރުން ތުރުތުރު އެބަ އަަޅައެވެ. ކައުންސިލްތަކަށް މެންބަރުން ހޮވީ މުޒާހަރާ ކުރާކަށް ނޫނޭކިޔާ މުއިއްޒު ދައްކާ ވާހަކަ ގަބޫލުކުރާނީ މުއިއްޒުގެ ހިޔާނާތްތެރި ސަރުކާރުން ބައިލިބޭ ބާރަށު ޝޫޖާއާއި ފަލާހު ކަހަލަ މީހުން އެކަންޏެވެ. ޕީއެންސީގެ ގިނަ މެންބަރުންވެސް އެތިބެނީ މުއިއްޒުގެ ކިބައިން ސަލާމަތް ނުވެވިގެން ކުރާނެކަމެއް ނެތިފައެވެ.

ބޯހަރު މުއިއްޒުގެ ލާހޫރޭ ސަރުކާރު ހަމަމަގަށް އަޅުވަން ކުރަންޖެހިއްޖެ ކޮންމެ ކަމެއް ކުރުމަށް މެންބަރުންނާއި މޭޔަރުންނާއި ކައުންސިލަރުންނާއި އަންހެނުން ކޮމެޓީ މެންބަރުންގެ ކިބައިން ރައްޔިތުން އެދެއެވެ. މުއިއްޒާ ދެކޮޅަށް ސީދާ ހަރަކާތަށް ނިކުތުމަށް ރައްޔިތުން ބޭނުންވެއެވެ.

އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓުދީގެން އެމީހުން ހޮވީ މުއިއްޒާ ދެކޮޅަށް ނިކުމެ މަގުތައް ފުރާލަން މަސައްކަތް ކުރުމަށެވެ. ރައްޔިތުން އިދިކޮޅަށް ވޯޓުދިނީ މުއިއްޒު އިސްތިއުފާ ދެން ދެން މުޒާހަރާ ކުރުމަށެވެ. ރައްޔިތުން އިދިކޮޅަށް ވޯޓްދިނީ މުއިއްޒު އިސްތިއުފާ ނުދީފިނަމަ ހިމޭން އިންގިލާބަކުން ވައްޓާލެވެންދެން ހުއްޓާނުލާ މަގުމަތީގައިތިބެ މުޒާހަރާކުރުމަށެވެ.