ވަޒީރަށް ގައުމިއްޔަތެއް ގައުމެއް ވަތްކެއްނުވޭ!

ވަޒީރަށް ގައުމިއްޔަތެއް ގައުމެއް ވަތްކެއްނުވޭ!

ގައުމިއްޔަތު ވަޒީރަށް ގައުމިއްޔަތެއް ގައުމެއް ވަތްކެއްނުވެއެވެ. މީހުން ކުރިމައްޗަށް ނިކުމެހުރެ ވާހަކައެއް ދައްކާއިރު އަޑުއަހަންތިބީ އުޑެއް ބުޑެއް ނޭނގޭ ޖާހިލުންނޭ ހީވަނީ ތިމާގެ ޖާހިލުކަމުންނެވެ. ގައުމަކީ ކޮބައިކަމެއް ގައުމިއްޔަތަކީ ކޮބައިކަމެއް ހުދު ތިމާއަށް ނޭނގޭކަން ދައްކާ ވާހަކައިން އެބަ އެނގެއެވެ. 

ގައުމިއްޔަތެއް ގައުމެއް ވަކިނުވާ މީހަކަށް ގައުމިއްޔަތު ދިރުވަން ހަވާލު ކުރީމައި ގައުމިއްޔަތު ދިރުވާލަން އުޅޭނީ ފެން ފޮދަކާވެސް ނުލައެވެ. ގައުމިއްޔަތު ވަޒީރު ބުނާގޮތުން ގައުމެއް ގައުމަކަށްވަނީ އެތަނެއްގެ އެންމެން އެއްބަހަކުން ވާހަކަ ދައްކަންޏާއެވެ. ގައުމެއް ގައުމަކަށްވަނީ އެގައުމެއްގެ އެންމެނަކީ އެއްބަހަކުން ވާހަކަ ދައްކާ ބަޔަކަށް ވެގެން ނޫންކަން މިތާ ކައިރިން އޮޅުދޫ ކަރަޔާއި އުތުރުކަރަޔަށް ބެއްޔަސް އެއޮތީ ފެންނާށެވެ. ހުދު ދިވެހިންނަކީވެސް އެއްބަހަކުން ވާހަކަ ދައްކާ ބައެއްނޫނެވެ.

ދިވެހިންނަކީ އެއްދީނެއް އެއްނަސްލެއް އެއްބަހެއްގެވެރި ބައެއްކަން ދައްކަން ގަބޫލުކުރުވާ ގަބޫލުކުރުވުމުގެ ތެރެއިން އައްޑޫ ހުވަދޫ ބަހަކީ ދިވެހިބަސް ކަމަށް ހަދައިގެން އުޅުނަކަސް އެއީ ދިވެހި ބަހެއްނޫނެވެ. އައްޑޫ ހުވަދޫ މީހުންގެ ބަހަކީ އައްޑޫބަހާއި ހުވަދޫ ބަހެވެ. އައްޑޫ ހުވަދޫ ބަހަކީ ދިވެހި ބަސް ނޫންކަމަށް ގަބޫލުކުރަން ޖެހެނީ އާއްމު ދިވެހި ބަހުގެ ބަހަވީ ހަމަތަކަށް ނުފެތޭ އަމިއްލަ އުސްލޫބެއް އައްޑޫ ހުވަދޫ ބަހުގައި އޮންނާތީއެވެ. އިބާރާތްކުރުމާއި ލަފުޒުތަކުގެ ގުޅުމާއި ދޭހަވުމާއި ބަހުރުވައިގެ ތަފާތު ބޮޑުވުމަކީ އައްޑޫ ހުވަދޫ ބަހަކީ ދިވެހިބަސް ނޫންކަމުގެ ސާބިތު ހެކިތަކެވެ.

އެހެނެއް ކަމަކު އެއް ބަހެއް ވަންތަކަން ގެނައުމަށް އައްޑޫ ހުވަދޫ ބަހުގެ ބަހަވީ ހަމަތަކާއި ގަވައިދުތައް އާއްމުކުރެވި އެބަސްތައް މިނިވަން ވިޔަނުދީ ދިވެހި ބަހުގެ އަޅުވެތި ކަމުގައި ބާއްވާފައި އޮތް އޮތުމަކީ އައްޑޫ ހުވަދޫބަސް ދިވެހިބަސްކަމުގައި ވުމުގެ ހުއްޖަތެއް ނޫނެވެ. ރާއްޖޭގައި އުޅޭ އެންމެންނަކީ ދިވެހިންނަށް ވީތީ ދިވެހި ރާއްޖެ ގައުމަކަށް ވުމަށް ދިވެހި ރާއްޖޭގައި އޮންނަން ޖެހޭނީ ދިވެހިބަސް ކަމަށްވުން ލާޒިމެއް ނޫނެވެ.

އާދަމް ނަސީރު ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގިގެން މަތި މައްޗަށް ދޮގުހަދާ ސައްހަނޫން މައުލޫމާތު ދީގެން ޅަދަރީންގެ ސިކުނޑިތައް ތަގައްޔަރު ކުރަން ކުރާ މަސައްކަތް ކުއްވެރިކުރަމެވެ. ގައުމިއްޔަތު ދިރުވަން ހަވާލުވެހުރި ވަޒީރުގެ ހައްސިއްޔަތުން ވާހަކަ ދައްކަމުން ގައުމެއް މާނަކުރެވެނީ އެއް ބަހަކާއި އެއް ސަގާފަތެއް ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެކެވެ. 

ދުނިޔޭގެ އާޖުފާޖުކުޑަކޮށްވެސް އެނގޭނަމަ ނައިޖީރިއާގައި 500 އަށްވުރެ ގިނަ ބަސް އޮންނަކަމާއި 250 އަށްވުރެ ގިނަ ދަރިކޮޅަށް ނިސްބަތްވާ ގަބީލާތައް އޮންނަކަން އެނގޭނެއެވެ. މިފަދަ ކޮންމެ ގަބީލާއެއްގެ އަމިއްލަ އާދަކާދަތަކާއި، ފެސްޓިވަލްތަކާއި، ހެދުންތަކާއި އަދި އިޖްތިމާޢީ ނިޒާމުތައް އޮވެއެވެ. ހަމައެހެން އިންޑިއާގައި 22 ބަހާއި 2000 އަށްވުރެ ގިނަ ތަފާތު ވަންހަތަކަށް ނިސްބަތްވާ މުޖުތަމައުތައް އޮވެއެވެ. އެމީހުންގެ އަމިއްލަ ސަގާފަތާއި އާދަކާދަތަކާ ދީންތައް އޮވެއެވެ. ކަން މިހެން ހުރިއިރު ގައުމެއް ގައުމަކަށް ވުމަކަށް އެގައުމެއްގައި އެއްބަހެއް އޮތުން ލާޒިމެއް ނުވެއެވެ. 

ދިވެހިންނަކީ މޮޔައިންކަމަށް އާދަން ނަސީރު ހީކޮށްގެން ނުވާނެއެވެ. ތަންކޮޅެއް ކުރީން މީހަކު ޕޯޑިއަމަކަށް، ޓީވީއަކަށް، ރޭޑިއޯއަކަށް އަރާ ދައްކާ ވާހަކަ ބަޔަކު ގަބޫލުކޮށްފާނެއެވެ. އެހެންނަމަވެސް މިހާރު އެހެނެއް ނުވާނެއެވެ. މިހާރު ހުރިހާ އެއްޗެއްގެވެސް ހަގީގަތް ހޯދާ ބަލައި ޗެކްކުރެވެން އޮންނަކަން އާދަން ނަސީރަށް ނޭގެނީތާއެވެ.