އަމިއްލަ ކްލިނިކްތައް ހުއްޓުވާލަން ސަރުކާރުން ކްލިނިކް ހިންގަންފަށަނީ
ސައިހޮޓާ ހިންގުމަކީވެސް ސަރުކާރުން ކުރާކަމަކަށް ހަދާނެ
އާއްމު ރައްޔިތުން އާމްދަނީ ހޯދުމަށްކުރާ އަދައިގެ މަސައްކަތްތައް ސަރުކާރުން ކުރަން ދިމާކުރުމަކީ ކިހާގޮތްކުޑަ ކަމެއް ހެއްޔެވެ. އާމްދަނީ ހޯދަން އާއްމު ރައްޔިތުން ކުރާ ހުރިހާ ކަމެއްގެ ތެރެއަށް މުއިއްޒު ސަރުކާރުންރާވައިގެން ހީލަތްތެރި ގޮތަކަށް ދަނީ ފައިބަމުންނެވެ.
ހިދުމަތް ދިނުމުގެ ނަމުގައި ސަރުކާރުން ނުކުރާ ވައްތަރެއްގެ ވިޔަފާރިއެއް ދުވަސް ކޮޅަކުން ނުއޮންނާނެއެވެ. ކަންމަތީ ފިހާރަ ހިންގުމާއި ސައިހޮޓާ ހިންގުމަކީވެސް ސަރުކާރުން ކުރާކަމަކަށް ހަދާކަށް މާލަހެއް ނުވާނެއެވެ.
މުއިއްޒު ސަރުކާރުގައި ދައުލަތަށް ފައިސާ ހޯދަން މައިކްރޯ ލެވެލްގެ ވިޔަފާރި ނޫނީ ކުރަން އެނގޭ ކަމަކަށް ނުވެއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ފައިބާނީ އެހެން ވެގެންތާއެވެ. ހަފޮޅުން ބޭރަށް ނިކުމެ ދައުލަތަށް މިލިޔަން ޑޮލަރުން އާމްދަނީ ހޯދާނެ ވިސްނުމެއް ސަރުކާރުގައިނެތެވެ. ވާނީ އެހެންތާއެވެ. ރައީސް ކަމުގައި ހުރީވެސް ދުވަހު ކުއްޔަށް ކޮޓަރި ވިއްކައިގެން ނޫންގޮތަކަށް އާމްދަނީ ހޯދުމުގެ ވިސްނުން ބޮލުގައިނެތް ގަމާރު ވެރިއެއް ވިއްޔާއެވެ.
މުއިއްޒުގެ ހުންނާނީ ނާޖާއިޒު ގޮތުގައި ބޮޑުކަޓު ނަގައިގެން ވަގުތީ މަންފާ ހޯދުމާއި ދުވަހުކުއްޔަށް ކޮޓަރި ދީގެން ފައިސާ ހޯދާވަރުގެ ވިޔަފާރި ވިސްނުމެވެ. މުއިއްޒުގެ މުޅި ސަރުކާރުން ފެންނަނީ އެ މަންޒަރެވެ. ކަޓްނެގުމާއި ޓެކްސް ބޮޑުކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި ސަރުކާރުން ކުރުން ނޫން ކަމެއް ކުރާކަށް މި ވެރިންނަކަށް ނޭނގެއެވެ.
މުއިއްޒަށް އެނގެނީ ސަރުކާރުން ޓެކްސީ ކުރުވާށެވެ. އައްޑުއާއި މާލެއާއި ދޭތެރޭގައި މުދާއުފުލާ ބޯޓް ދުއްވާށެވެ. ބޭރު ބަޔަކަށް ކަޓްދީގެން ބަންކަރިންގެ ނަމުގައި އައްޑޫ ހުވަދޫ ބޯޓު ފަހަރަށް ތެޔޮއަޅާށެވެ. ކަރަންޓްގެ އަގު ބޮޑުކޮށް ރައްޔިތުން ފެލައިގެން ބޮޑު ފައިދާ ހޯދުމާއި އިލެކްޓްރިކް ސާމާނު ވިއްކާ ކަންމަތީ ފިހާރަ ސްޓެލްކޯއިން ހިންގާށެވެ. އެސްޓީއޯ އިން ސްޕަރމާޓް ހިންގުމާއި އާއްމު ވިޔަފާރިވެރިން ކުރާ ޒާތުގެ ކުދިވިޔަފާރި ކުރުވާށެވެ.
އެންމެ ފަހުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ނަމުގައި ސަރުކާރުން ކުންފުނި ހަދައިގެން ދިމާ މިކުރީ މާލޭ ސަރަހައްދުގެ ހޮސްޕީޓަލްތަކުގެ ފެންވަރު މަތިކޮށް ހިދުމަތް އަވަސް ކުރާކަށް ނޫނެވެ. ސަރުކާރުން ކުލިނިކް ހިންގާށެވެ. މާލެ ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހިންގާ ކްލިނިކްތައް ބަނގުރޫޓް ކުރާށެވެ.