ފިކުރެއްގެދިރުން ވެގެންދާނީ އަޑުގަދަ ވަހެއްނެތް ޖަމަލުފޮޑިއަކަށް
ރައީސް ނަޝީދުގެ ގައިކޮޅަށް ހެޔޮވަރަށް ފަހާދޭ ކޯޓެއް
ފިކުރެއްގެ ދިރުންވެގެން ދާނީ ރައީސް ނަޝީދުގެ ގޮނޑިކޮއްކޮ އަކަށެވެ. އެހެން އެއްވެސް މީހަކަށް ފުރުސަތުނެތް ރައީސް ނަޝީދުގެ ކަލްޓަކަށެވެ. ރައީސް ނަޝީދުގެ ވަށައިގެން އެނބުރޭ މަދު ބަޔެއްގެ މައްޗަށް އެކުލެވޭ ރައީސް ނަޝީދުގެ ބުމަރަކަށެވެ. ބައިވެރިންގެ ބަހަށްވުރެ ރައީސް ނަޝީދުގެ ބަސްގަދަ އެހެން ބައެއްގެ ބަސްނުވިކޭ އޮޑިއަކަށެވެ.
އެމްޑީޕީގެ ފުރަތަމަ ރިޔާސީ ޓިކެޓް ލިބިގެން ރާއްޖޭގެ ރައީސްކަމަށް ނަޝީދު ހޮވިވަޑައިގަތުމުން ހިތްޕުޅަށް އަރާވަޑައިގެންހާ ގޮތަކަށް ކަންކަން ކުރެއްވުމުގެ ނަތީޖާއަކަށްވީ ދައުރު ހަމަ ނުކުރައްވާ ވެރިކަން ދޫކޮށްލެއްވުމަށް މަޖުބޫރު ވުމެވެ. ޖެހިގެންއައި ރިޔާސީ އިންތިހާބުގެ އެމްޑީޕީ ރިޔާސީ ޓިކެޓް 2013 ވަނަ އަހަރު އެރުވީ ރައީސް ނަޝީދަށެވެ. ވާދަކުރުމެއް ނެތިއެވެ. އެ އަހަރަކީ ރައީސް ނަޝީދުގެ ތަރި އެންމެ އުހުގައި ވިދި އަހަރެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔަގޮތުން މުޅި ޕާޓީއާއި ރައްޔިތުންގެ ގިނަ ބައެއްގެ ހަމްދަރުދީއާއި ތާއީދު އެމަނިކުފާނަށް ލިބިވަޑައިގެން އަހަރަކީ 2013 އެވެ. އެހެން ނަމަވެސް އެ މަނިކުފާނަށް އެ އިންތިހާބު ކާމިޔާބެއް ނުކުރެއްވުނެވެ. ވެވަޑައިގަތީ ފޭއްޔެވެ.
2013 ގެ ހިތި ނަތީޖާއާއިއެކުވެސް ޕްރައިމަރީއަކާނުލާ ބާލިދިޔާއި ސިމެންތިގަށާ މެޝިނަށް ފެންނަ ނުފެންނަ ވޯޓުއަޅައިގެން އެހެން މީހަކާ ވާދަކުރުމަކާ ނުލާ 2018ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވީ ވެސް ރައީސް ނަޝީދަށެވެ. އޭރު އެ މަނިކުފާނު ހުންނެވީ ރަހީނު ކުރުމުގެ ކުށުގައި ޖަލު ހުކުމެއްގައެވެ. ރިޔާސީ އިންތިހާބުގެ ވަގުތު ކުޑަތަންވެ އެ މަނިކުފާނަށް ވާދަ ކުރެއްވޭނެ ފުރުސަތު ގާނޫނީ ގޮތުން ބަންދުވުމުން އެމްޑީޕީއަށް މަޖުބޫރުވީ އެހެން ބޭފުޅަކަށް ރިޔާސީ ޓިކެޓް ފުރޮޅާލާށެވެ. އުކުޅަހު ކޮންގްރެހުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ފުރޮޅުނީ ރައީސް ސޯލިހުގެ އަތްޕުޅު މައްޗަށެވެ. ރައީސް ސޯލިހު ވެވަޑައިގަތީ ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީގެ ހަޔާތުގައި ދެވަނަ ބުރަކަށް ވަޑައި ނުގެން ފުރަތަމަ ބުރުން ރައީސުލްޖުމްހޫރިއްޔާކަން ހޯއްދެވި ފުރަތަމަ ބޭފުޅާއަށެވެ.
ރައީސް ސޯލިހު ހިންގަވަން ފެއްޓެވީ އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ވެރިކަމެކެވެ. ވެރިކަމުގެ އިސް ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީގެ ރައީސްއަކީ ރައީސް ނަޝީދެވެ. ރައީސް ސޯލިހުގެ ކެބިނެޓްގެ އެންމެ ބާރުގަދަ މަގާމުތަކުގައި ތިއްބެވީ ރަޢީސް ނަޝީދުގެ ފުރިހަމަ ތާއީދާއެކު އައްޔަނު ކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. އެމްޑީޕީގެ މެންބަރުންނެވެ. އެކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އެޓަރނީޖެނެރަލް އިބްރާހީމް ރިފްއަތާއި ދިފާއީ ވަޒީރު މާރިޔާ ދީދީއާއި މާލީ ވަޒީރު އިބްރާހީމް އަމީރާއި ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ފަދަ ބޭފުޅުންނެވެ. ފަހުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވެސް ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕީ އަށެވެ. ސިޔާސީ އެހެނިހެން ގިނަ މަގާމްތަކާއި ސަރުކާރު ކުންފުނިތަކުގެ ގިނަ އެމްޑީންނަކީ ވެސް އެމްޑީޕީ ބޭފުޅުންނެވެ. މިހުރިހާ ބޭފުޅުންނަކީވެސް ސިދާ ރައީސް ނަޝީދުގެ ރުހުން ލިބިވަޑައިގެން މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.
އަނެއްކޮޅުން ރައްޔިތުންގެ މަޖިލީސްގެ ރައީސްއަކީ ރައީސް ނަޝީދެވެ. ނައިބުރައީސްއަކީ އެމްޑީޕީގެ އިސް މެންބަރެއް ކަމުގައިވާ އީވާ އަބްދުﷲއެވެ. މަޖިލީހުގެ 65 މެންބަރުނަކީ އެމްޑީޕީ މެންބަރުންނެވެ. ރައީސް ނަޝީދުގެ ބަސްވިކޭ ވެރިކަމެއް އޮންނާނި މިހާކަށް ވަރަށެވެ. އެހެނެއް ކަމަކު ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު ނޫންކަމުން އެކަން ހަޖަމް ކުރައްވަން ރައީސް ނަޝީދަށް ފަސޭހަފުޅެއް ނުވިއެވެ. ކާމިޔާބު ފަސްއަހަރުގެ ދައުރެއް ރައީސް ސޯލިހު ފުރިހަމަ ކުރައްވައިފިއްޔާ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފާނެތީ އެކަން ރައީސް ސޯލިހަށް ވިޔަ ނުދެއްވަން ކުރެއްވެން އޮތް ހުރިހާ ކަމެއް ރައީސް ނަޝީދު ފެއްޓެވިއެވެ. ވެރިކަމުގެ ނިޒާމް ބަދަލު ކުރައްވައިގެން ނަމަވެސް ހިންގުމުގެ ބާރު ރައީސް ނަޝީދުގެ އަތްޕުޅުގެ މައްޗަށް ގެންނަވަން މަސައްކަތްޕުޅު ފެއްޓެވިއެވެ.
ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަށް ނިޒާމް ބަދަލުކޮށް ދެއްވުމަށް ރައީސް ސޯލިހުގެ އެއްބާރު ލެއްވުން ލިބިވަޑައި ނުގަތުމުން ސަރުކާރުގެ ތެރޭގައި ތިއްބެވި ރައީސް ނަޝީދުގެ ވަފާތެރިން މެދުވެރި ކުރައްވައިގެން ސަރުކާރު ބަދުނާމް ވާނެހާ ކަންކަން ކުރައްވަން ފެއްޓެވިއެވެ. ޕާޓީގެ އެތެރޭގައި އުފެދުނު ފިތުނަވެރި ވާދައިގެ ހުޅުގަނޑު ފަޅައިގެން ދިޔައީ ޕާލަމެންޓާއި ގައުމީ މަޖިލީހުގެ މެޖޯރިޓ ތާއީދު ރައީސް ނަޝީދަށް ގެއްލި ޗެއަރޕާރސަން އިންތިހާބުން ރައީސް ނަޝީދުގެ ކޮޅުބަލިވުމުންނެވެ.
2023ގެ ރިޔާސީ ޕްރައިމަރީއާއި ހަމައަށް އައިރު ވާދަވެރިކަން ބޮޑުވެ ފިތުނައިގެ ހުޅުގަނޑުވަނީ ފަޅައިގެން ގޮސް ބޭރުވެފައެވެ. ހުތުރު ބައްޔަކުން ރަޢީސް ނަޝީދު ރިޔާސީ ޕްރައިމަރީން ބަލިވެ ވަޑައިގަތުމުން ޑިމކްރަސީގެ ހަމަތަކުގައި ޖެއްސެވީ ކޮޅުފައިންނެވެ. ބަލި ގަބޫލެއް ނުކުރެއްވުނެވެ. ފިކުރެއްގެ ދިރުމަކީ އިދިކޮޅަށް ވުރެ އިދިކޮޅު ބަޔަކަށްވެ އެމްޑީޕީއާއި ޑިމޮކްރަސީގެ ހުރިހާ އަސާސްތަކެއް މުގުރާލެއްވީއެވެ. އެންމެފަހުން ފިކުރެއްގެ ދިރުމުގެ މެންބަރުން ކޮޅު އެމްޑީޕީ ވަކިވެސް ކުރުވީއެވެ. މަޖިލީހުގެ ރައީސްކަން ގެއްލި ތިރި ގޮނޑިއަށް ފައިބާ ވަޑައިގަންނަވާނެ ހިތްވަރުފުޅު ނެތި ރައީސް ނަޝީދު އެމްޑީޕީގައި މަޑުކުރެއްވީއެވެ.
ފުއްޕި ހަކުރުބޯން ނަށާ ގުނބޯތަކެއްގެ މިސާލަށް ފިކުރެއްގެ ދިރުމުގެ ނަމުގައި ބަޔަކު އެއްވެ ރައީސް ނަޝީދުގެ ގައިކޮޅަށް ހެޔޮވަރަށް ކޯޓެއް ފަހާދެނީއެވެ. ނުލިބުނު ޓިކެޓްގެ މަސްތުގައި ވާދަކުރާނޭ ޓިކެޓެއް ހޯދާދެނީއެވެ. ފިކުރުގެ ޓިކެޓްގައި ވާދަކުރައްވައިގެން ވެރިކަމަށް ރައީސް ނަޝީދަށް ވަޑައިނުގެނެވިއްޖެ ނަމަ ފިކުރެއްގެ ދިރުން ވެގެން ދާނީ އަޑުގަދަ ވަހެއްނެތް ޖަމަލު ފޮޑިއަކަށެވެ.