ބޮލާ އަތްފައި ބުރިކުރި ކުއްޖާގެ ގާތިލް ދޫކޮށްލާނަން: މުއިއްޒު
ގޭންގްތަކާއި ޓެރެރިސްޓުންގެ ބާރު ހިނގާ ވެރިކަމެއް ކުރެވޭނީ އެހެން
ޝަރީއަތް ނިމެންދެން މީހަކު ބަންދުކޮށްފައި ބަހައްޓަނީ ކޯޓު އަމުރަކުންނެވެ. ހުކުމުގެ ކުރީން މީހަކު ބަންދުގައި ބެހެއްޓުމާ ގުޅޭ ގާނޫނީ ހަމަތަކެއް ހުރެއެވެ. ގާނޫނީ ހަމަތަކުގެ ތެރެއިން ބަންދުގައި މީހަކު ބެހެއްޓުމަށް ކޯޓުން އަމުރު ކުރަނީ މައިގަޑު ދެތިން ކަމަކަށްޓަކައެވެ.
ކުށެއްގެ ތުހުމަތުގައި ހުންނަ މީހަކާ ދެކޮޅަށް ފެންނަން ހުރި ހެކިތަކާ ގަރީނާތަކުން އެ މީހަކު ދޫކޮށްލާފައި ބެހެއްޓުމުން މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށް ފަނޑިޔާރަށް ފެންނަ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ކުރެއެވެ. ހެކި ނައްތާލުމާއި ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ފަނޑިޔާރަށް ފެންނަ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބައެވެ. ޝަރީއަތަށް ފިލާފާނެކަމަށް ބެލެވޭ މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާ އުޅެއެވެ. މިފަދަ ކޮންމެ ބަންދު ކުރުމަކާ ގުޅިފައި ވަނީ އާއްމު މަސްލަހަތެވެ. ބަންދުކުރެވޭ މީހެއްގެ އަމިއްލަ މަސްލަހަތާއި ހައްގަށްވުރެ ބޮޑީ މުޖުތަމައުގެ ރައްކާތެރިކަމެވެ.
ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސް ވަރުހެން ހައްގަކާ ނުލާ މީހުން ހިފާ ހައްއޔަރުކޮށްފައި ބޭތިއްބުމަކީ މި ސަރުކާރުން ތަރުހީބު ދޭކަމެއް ނޫނެވެ. ކޯޓު އަމުރެއްގެ ދަށުން ނޫން ގޮތަކަށް މި ސަރުކާރުން މީހަކު ބަންދެއް ނުކުރެއެވެ. ނުވެސް ކުރާނެއެވެ. ހުކުމެއްގެ ދަށުން ބަންދު ކުރެވިފައި ހުންނަ މީހާއަށް ވެސް ގާނޫން ލިބިދޭ އެންމެ ފުޅާ ދާއިރާއެއްގައި އިސްލާހު ވުމުގެ ފުރުސަތުދީ އަދަބު ލުއިކޮށްދީ މާފު ދިނުމަކީ ރައީސް ސޯލިހު ގެންގުޅުއްވާ ހެޔޮވެރިކަމުގެ އެއް ސިޔާސަތެވެ.
ވާނުވާ ޖަހާފައި ބަންދުގާ ބައިތިއްބަންޖެހޭ މީހުން ވީހާވެސް މަދުކުރުމަށްޓަކާ ސަރުކާރުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ކޯޓުތަކަށާއި ޖިނާއީ އަދުލުގެ ނިޒާމްގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތް ތަކަށް މި ސަރުކާރުން ދަނީ ދެމުންނެވެ. އަދިވެސް ކުރަންޖެހޭ ގިނަކަންކަން އެބަހުއްޓެވެ. ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ގާނޫނީ ހަމަތަކުގެ ތެރެއިން ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބައިތިއްބާ މުއްދަތު ކުޑަކުރަން ކުރެވެން ހުރި ހުރިހާ ކަމެއް މި ސަރުކާރުން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. އަންހެން ކުއްޖެއްގެ ކަރުބުރިކޮށް އަތްފައި ކޮށާލި މުޖުރިމު ފަދަ ނުރައްކާތެރި މުޖުރިމުން ބަންދުން ދޫކޮށްލާކަށް މި ސަރުކާރު މަސައްކަތެއް ނުކުރާނެއެވެ.
ދެން ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި އެންމެން ވެރިކަމުގެ ފުރަތަމަ 10 ދުވަސްތެރޭ ދޫކޮށްލާނެ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ. ހަމަ އެ ވާހަކަ އެހެން ރާގެއްގައި ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވެސް ވިދާޅުވެއްޖެއެވެ. ވެރިކަން ލިބުނަސް އެ ވިދާޅުވާހެން އުސޫލުގެ ތެރެއިން މުއިއްޒަށް އެކަން ކުރެއްވޭނެ އެއްވެސް ގޮތެއް އަދި ނުއޮންނާނެއެވެ.
ފަނޑިޔާރުންގެ މަސައްކަތަށް އަތް ނުބާނުއްވާ އެކަން މުއިއްޒަށް ކުރެއްވޭނީ ފުލުހުންގެ މުއައްސަސާއަށް ނުފޫޒު ފޯރުވައިގެންނެވެ. ކިތަންމެ ބޮޑު މުޖުރިމަކަސް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ކޯޓުގާ ނޭދެން ފުލުހުންނަށް އަންގާ އިންޒާރުކޮށްގެން އެކަން ކުރެއްވިދާނެއެވެ. އޭރަކުން ފުލުހުންނަށް ގާނޫނުން ލިބިދީފައިވާ މިނިވަން ކަމެއް ނުއޮންނާނެއެވެ. މުއިއްޒުގެ ނުފޫޒު ދަށުވެ މުޅި ޕޮލިހުންގެ މުއައްސަސާ އޮންނާނީ އޭރުން ވާގި ދުއްވާލާފައެވެވެ. މުއިއްޒު އެވިދާޅުވަނީ ބޮލާ އަތްފައިބުރި ކުއްޖާގެ ގާތިލް ވެސް ދޫކޮށްލާނެ ވާހަކައެވެ.
މީހުން މަރާ މިހުންނާއި ޑްރަގް ލޯޑަރުންނާއި ޓެރެރިސްޓުންނާއި ވަގުންނާއި އެނޫންވެސް ބޮޑެތިކުށްވެރިން ތިބޭނީ މަގުމަތީގައެވެ. ގޭންގްތަކާއި ވަގުންނާއި ހައްދުފަހަނަ އެޅި ޓެރެރިސްޓުންގެ ބާރު ހިނގާ ވެރިކަމެއް ކުރެވޭނީވެސް އެހެންތާއެވެ.