ކޮވިޑް19އަކީ އާލަމީ ވަބާއެއްކަމެއް ޒަމީރަކަށް ނޭނގުނު!
ރަނގަޅު ހާލަތުގައިވެސް ރާއްޖެއަކީ ލިބޭ އާމްދަނީއަށްވުރެ ހަރަދު ބޮޑު ގައުމެއް
އާލަމީ ވަބާއަކަށް ކަމެއް ވެގެންދަނީ އެކަމާގުޅިގެން މުޅި އާލަމަށް ބަލާއާއި މުސީބާތްތައް ޖެހުމުންނެވެ. ހަމަ އެކަނި ގިނަ ބަޔަކު ބަލިއެދުގައި ތިބެން ޖެހުނަސް އެއް ފަހަރާ އެތައް ބަޔަކު މަރުވިޔަސް އެކަމެއް އަދި އާލަމީ ވަބާއަކަށް ނުވެއެވެ. އާލަމީ ވަބާއަކަށް ވަނީ އެބަލި މަޑު ކަމަކާ ގުޅިލާމެހިގެން އެތައް ކަމެއްގެ ބަލާއާއި މުސީބާތް މުޅި އާލަމުން އުފުލަން ޖެހުމުންނެވެ.
ޒަމީރު ހީކުރީ ކޮވިޑް19 އެއީ ހަމަ އެކަނި ޖެހެލި ރޯގާއެއް ކަމަށެވެ. ކޮވިޑް 19 އާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުނުކަމެއް ޒަމީރަކަށް އިހުސާސެއް ނުވެއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ކޮވިޑް މެނޭޖުކުރިލެއް ރަނގަޅުކަމުން ޒަމީރަށްވެސް އެކަން އިހުސާސް ނުވީތާއެވެ.
ވާނީވެސް އެހެންނެވެ. ރާއްޖޭގައި ކޮވިޑްގެ ސަބަބުން ފަތުއަޑު ކިޔާފާ މީހުން މަރެއް ނުވެއެވެ. ކާބޯ އެއްޗަކަށް ކުޑަވެސް ދަތިކަމެއް ނާދެއެވެ. އެތެރޭގެ ދަތުރު ފަތުރު މުޅިއަކުން ނުހުއްޓެއެވެ. ހެޔޮވެރިކަމެއްގެ ހެޔޮ ނަތީޖާ ދިވެހިން ކޮވިޑް ތެރޭގައި ދުށްކަމުން ދިވެހިންނަށް ކޮވިޑް ފެނުނީ އާދައިގެ ރޯގާއެއްގެ ގޮތުގައެވެ. ދުނިޔޭގެ އެހެން ގިނަ ގައުމުތަކާ އެއްގޮތަށް ދިވެހި ރައްޔިތުންނަށް ކޮވިޑްގެ މުސީބަތެއް ނުޖެހެއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 3 އަހަރުން 2 އަހަރު ބައި ދިޔައީ ކޮވިޑްގެ އާލަމީ ވަބާގައި އާމްދަނީ ނުލިބިއެވެ. ދުނިޔެ ހުއްޓުމުގެ ސަބަބުންނެވެ. ބޯޑަރުތައް ބަންދުވެ ދަތުރުފަތުރު ހުއްޓުމުންނެވެ. ދެއަހަރު ވަންދެން ފަތުރުވެރިންނަށް ނާދެވުމުގެ އިތުރަށް މުދާ އެތެރެކޮށް ބޭރުކުރުމަކީވެސް ކުރެވުނު ކަމެއްނޫނެވެ.
ރަނގަޅު ހާލަތުގައިވެސް ރާއްޖެއަކީ ލިބޭ އާމްދަނީއަށްވުރެ ހަރަދު ބޮޑު ގައުމެކެވެ. ގައުމަށް އާމްދަނީ ލިބުނަސް ނުލިބުނަސް ރައްޔިތުންގެ ޑިމާންޑްތައް އެއްވެސް ސަރުކާރަކަށް ކުޑައެއް ނުވެއެވެ. ލޯނު ނަގައިގެންވެސް ރައްޔިތުންގެ އަސާސީ މުހުތާދުތަކާއި ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް ކުރަން ޖެހެއެވެ. ސަރުކާރެއް އޮތުމުގެ ބޭނުމަކީވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަ 3 އަހަރު ވެގެން ދިޔައީީ ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން އާމްދަނީ ހުއްޓިފައިވާ ތިން އަހަރަށެވެ. ހާއްސަކޮށް ދެވަނަ އަހަރާ ތިންވަނަ އަހަރެވެ. އެހެނެއް ކަމަކު ކޮވިޑްގެ ބަލިމަޑުކަން ނެތް ބައެއް ހިސާބުތަކުގައި އަސާސީ ހިދުމަތާއި ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގިއެވެ. އެހެން ނަމަވެސް މުޅި ރާއްޖޭގައި އަސާސީ ހިދުމަތް ގާއިމުކުރުމުގެ އެތައް މަޝްރޫއެއް ހިންގަން ލިބުނީ ވެރިކަމުގެ ފަހު ދެ އަހަރެވެ.
އެހެންކަމުން ގިނަ މަޝްރޫއުތަކެއް ވެރިކަން ނިމުނު އިރު ނުނިމި ހުރުމަކީ ދައުލަތަށް އޮތް ބުރަކަށް ވެގެން ނުވާނެއެވެ. ކޮވިޑާ ގިޅިގެން 2 އަހަރު މުޅި ދުނިޔޭގައި އިގްތިސާދީ ހަރަކާތްތައް އޮތީ ހުއްޓިަފއިކަން މިހާރުގެ ހާރިޖީ ވަޒީރު ޒަމީރަކަށް ނޭގެއެވެ. އެކަން ޒަމީރަށް އެގޭނަމަ މިހާރު ދަތިވެގެން އުޅެނީ ކުރީ ސަރުކާރުންފެށި ޕްރޮޖެކްތްތައް ނުނިމިގެންނެކޭ ނުބުނާނެއެވެ. ބޮލުން ނައްޓާލަން ބަހަނާއެއް ނުދައްކާނެއެވެ.