މުލުވަގު ދޫކުރުވަން ވަގުން ނިކުތުން
ޕީޕީއެމަށް ހުކުމް ހަރާންވެ ވައްކަން ހަލާލު ވެއްޖެ
އެމީހުން ބުނެތެވެ. ކެޔަސް ހެޔޮތާއޭ ބްރިޖު އެ އޮތީ އަޅާފައެވެ. ހުޅުމާލެ ދެ ވަނަ ފޭސް ހިއްކާ ޓަވަރުތައް އަޅައިފިއެވެ. ދަރުމަވަންތަ ހޮސްޕިޓަލް އެހުރީ އަޅާފައެވެ. އާނއެކެވެ. ދަރަންޏަށް ބިޔަ ބޮޑެތި ކަންކަން ކޮށްފައި ދައުލަތުގެ މިލްކިއްޔާތު ދިރުވާލިޔަސް ހެޔޮތާއެވެ. ބައެއްގެ ބުއްދި މިހާ ވަރަށް ފަސްވީމާ ވައްކަމަކީ ސަޅި ކަމަކަށް ވެއްޖެއެވެ. ކެރޭމީހާ އަތުޖެހުނު ގޮތަކަށް ކައި ފުރާލަން ވީއެވެ.
މި ހުރިހާ ދުވަހު ކިޔަމުން އައީ ޔާމީނު ކޭ ވާހަކަ ދައްކަނީ ކަމަށެވެ. ސާބިތު ނުވާތީ ކޭ ކަމަކަށް ނުވާނެއެވެ. ސާބިތުވެފައި ނެތުމަކީ ނުކުރުން ތާއެވެ. އެހެން އުޅެނިކޮށް ވޮޑުމުލާ މައްސަލަ ސާބިތުވެ ހުކުންކޮށް ޖަލަށް ލާފައި ހުއްޓާ ދެ އަކުރުގެ އޮޅުވާލުމަކުން ހުރިހާ ހެކި ނަފީވެ މިނިވަން ކުރީ އެ މައްސަލަ އަލުން ބެލެން އޮތް ކަމަށް ކަނޑައަޅާފައެވެ. ވޮޑުމުލާ މައްސަލަ ނިމުނު ގޮތަކަށް ނިމުނު އިރު އިތުރު އެހެން މައްސަލަތައް ޔާމީނާ ދެކޮޅަށް ދައުވާކޮށް ކުރިއަށް ގޮސްގޮސް އޮތެވެ.
މިއޮތް ސަރުކާރު ފޭލިކޮށް ރައްޔިތުންގެ މެދުގައި ނުތަނަވަސް ކަން އުފެއްދުމުގެ ބޭނުމުގައި ޕީޕީއެމުން ވެސް އަޑު ހަރުކޮށް ގޮވަމުން އައީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ނުބެލޭ ވާހަކައެވެ. ގެއްލުނު ފައިސާ ދައުލަތަށް ނުހޯދޭ ވާހަކައެވެ. ޔާމީނުވެސް އަނގަފުރާ އެތައް ފަހަރަކު އެ ވާހަކަ ދެއްކިއެވެ. ކައި ފުރާލައިގެން ހުރެއެވެ. ކޯޓުގައި މައްސަލަތައް އޮވެމެ ރިޔާސީ ޓިކެޓް ފެލައިލައިގެން ޔާމީނު ހުރީ މިދުވަސް ގެންނަން ވެގެނެވެ.
ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ ތަކުން ޔޫސުފް ނައީމަށް ވ. އާރަށް ދިން މައްސަލާގައި އަނެއްކާ ވެސް ޔާމީނު ރިޝްވަތު ނަގިކަމާއި މަނީލޯންޑް ކުރިކަން ކޯޓަށް ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމަކާއެކު 5 މިލިޔަން ޑޮލަރުން ޖުރުމަނާ ކޮށްފިއެވެ.
ދެނަކާ ދެނެއްނެތެވެ. ކޯޓު ހުކުމް ހަރާން ވެއްޖެއެވެ. ވައްކަން ހަލާލު ވެއްޖެއެވެ. މުލުވަގު ދޫކޮށްލަން ވެއްޖެއެވެ. މުލުވަގު ޖަލުން ނެރެން ވަގުން ނިކުމެއްޖެއެވެ. ވައްކަންކޮށް ދައުލަތް ދަވާލުން ޔާމީނު ކުރުމުން ޕީޕީއެމަށް ހަލާލު ވެއްޖެއެވެ. ދައުލަތް ދަވާލުމަކީ ރިޝްވަތު ނެގުމަކީ ފައިސާ ދޮވުމަކީ ޕީޕީއެމަށް ވަރަށް ބޮޑަށް ހަލާލު ކަމެއްކަން އެނގިގެން ހިގައްޖެއެވެ.
ޕީޕީއެމަށް ހުކުން ހަރާމަސް ދިވެހި ގިނަ ރައްޔިތުންނަށް ހުކުން ހަލާލެވެ. ޔާމީނު ދޫކޮށްލަން ބޭނުންވާ މީހުނަށް ވުރެ ގިނައީ ޔާމީނު ބަންދު ކުރަން ބޭނުން ވާ މީހުނެވެ. ހަމަ ތެދެކެވެ. މުލުވަގު ދޫކުރުވަން ވަގުން ނިކުތުމަކީ ސިހެގެން ވެއްޓޭ ވަރުކަމެއް ނޫނެވެ.