ވަށަފަރު މޮހަނދުގެ އިންޑިއާއައުޓް އުނބަށްޖެހުން
އޭރުވެސް މިހާރުވެސް އިންޑިއާގެ ބޮޑުވަޒީރަކީ ޝިއުނާމެން ލައްވާ ކިޔުއްވި ގެރިމޯދީ
ޑރ. ޖަމީލު އެ ވިދާޅުވަނީ ރަނގަޅަށެވެ. ހަމަ ރަނގަޅަށްވެސް އިންޑިއާއިން ވަށަފަރު މޮހަނދު ސައިޒުކޮށްލައިފިއެވެ. ހުތުރު ގޮތަކަށް ވަށަފަރު މޮހަނދު ލަދުގަންނަވާ ލައިފިއެވެ. އިންޑިއާއިން ބުނާ ކަހަލައެވެ. މާބޮޑަށް ނުފުއްޕާށެވެ. އިންޑިއާކަނޑަކީ ތިމަންމެން ތަނެކެވެ. އެކަނޑު ހިއްސާކޮށްގެން ތިބެވޭނީ ބުނިއެއްޗެއް ހަދައިގެންނެވެ.
ވެރިކަން ލިބިގެން ސީނުކަރައަށް ގޮސް ބޮޑުފާރުމައްޗަށް އެރުވީމާ ބޯބުރަންތިވީ އަމަށަކު ވަރަކަށްނޫނެވެ. އެރި ބުރާންތި ބޮލުން ނުފިލާއުޅެނިކޮށް ރާއްޖެއައިސް މާލެ ނޭރެނީސް ހުޅުލޭގައި ހުރެ ރަތްމަހަށް ނުގޮވާހާ އެއްޗެހި އިންޑިއާއަށް ގޮވި ހަނދާން ވަށަފަރު މޮހަނދު ނެތީކަންނޭނގެއެވެ. ހަމަގައިމުވެސް އިންޑިއާއަށް އެހަނދާން ނުނެތޭނެއެވެ.
އިންޑިއާ ކަނޑަކީ ވަކިބައެއްގެ ތަނެއްނޫނޭ ކިޔައިގެން ވަށަފަރު މޮހަނދު ނުކިޔަނީ ކީކޭހެއްޔެވެ. ސައިޒުން ބޮޑަސް ބިރެއް ނުގަނެއޭ ނުބުނާކަމެވެ. ތިމަންމެންމީ ބައެއްގެ ބަދިގެ ބިއްދަށުގައި އޮތް ބަޔަކީމެއް ނޫނޭވެސް ބުނީމު ނޫންހެއްޔެވެ. ސައިޒުން ބޮޑުވީމާ ގަނާކުރަނީއޭވެސް ކީމު ނޫން ހެއްޔެވެ. ވަކި ގައުމަކަށް ބަރޯސާނުވެ ހަށިފޮޅާލާ ވާހަކަ ދެއްކީމު ނޫންހެއްޔެވެ. ސަރުކާރުގެ ވެރިން ލައްވާ އިންޑިއާމެދު ނަފްރަތު އުފައްދާ ދޮގު ވާހަކަ ފެތުރީމުނޫން ހެއްޔެވެ.
ތަރުކާރީއާއި މޭވާއާއި ކުކުޅުބިހާއި އަލުތްވާއި ފިޔާ ޕާކިސްތާނުން ގެނެވޭހެއްޔެވެ. ދުބާއީއާއި ބޭންކޮކުން ބޭސް ކުރެވޭ ހެއްޔެވެ. އެއަރ އެމްބިއުލާންސް ހަދައިގެން ބަލިމީހުން އުފުލިއްޖެހެއްޔެވެ. އިންޑިއާ އަސްކަރީ ހެލްކޮޕްޓަރާ ނުލާ ތުރުކީން ޑުރޯނުން ސަރަހައްދު ބެލެހެއްޓިއްޖެ ހެއްޔެވެ. ކާޑު ތުރުކީން އެބަ ގެނެވޭހެއްޔެވެ. ނުވިއެވެ. ނުވާނެއެވެ.
ހަމަ ޖެހުނީ ވަށަފަރު މޮހަނދު އުނބަށް ޖަހާށެވެ. އުނބަށްޖެހުން ނޫން ގޮތަކަށް ވަށަފަރު މޮހަނދަކަށް ކަމެއްކުރެވިފައެއް ނޯވެއެވެ. ވަށަފަރު މޮހަނދުގެ ތޮބީއަތަކީ އުނބަށް ޖެހުމެވެ.
ވަށަފަރު މޮހަނދުގެ ލަދު ނުގަންނަ ކަމެވެ. 28 ރަށެއްގެ ފެނާނަރުދަމާ ނިޒާމުގެ ނިމުން އިންޑިއާގެ ހާރިޖީވަޒީރާއެކު ފާހަގަކުރިވާހަކަ ބުނީމާ ކުރަނީ މޭނުބައެވެ. ލަވަނީ ހޮޑެވެ. އެމްޑީޕީ ސަރުކާރުން އިންޑިއާގެ ހިލޭއެހީގައި ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށްދޭތީ އިންޑިއާއަށް މިނިވަންކަން ވިއްކާލަނީއޭ ގޮވީ ތިޔަ ދޫ ތަކުންނެވެ.
ދައުލަތް ހިންގުމަށް އިންޑިއާ ވައްދައިގެން މުޅި ރާއްޖެ އަޅުވެތިކޮށްފިއޭ ގޮވީ ހަމަ ވަށަފަރު މޮހަނދުގެ ބައިގަނޑާ މޮހަނދެވެ.
އުނބު މަނިއްޕުޅާއެވެ. އޭރުވެސް މިހާރުވެސް އިންޑިއާގެ ބޮޑުވަޒީރަކީ މޮހަނދު ޝިއުނާމެން ލައްވާ ކިޔުއްވި " ގެރިމޯދީ"އެވެ. ހަރިޖީ ވަޒީރަކީ ހަމަ ތިޔަ ކުރުނީސްކުރާ ޑރ. އެސް. ޖަޔަޝަންކަރެވެ. ހައިކޮމިޝަނަރަކީ ހަމަ އެއްކަލަ މުނޫ މަހާވަރެވެ. ހަމަ އެމީހުންނެވެ. ހަމަ އެ ސިޔާސަތެވެ. ހަމަ އެ އިންޑިއާއެވެ. އުނބަށް ތިޔަޖެހީ ވަށަފަރު މުހައްމަދެވެ.