ސަރުކާރުން ޓެކްސީކުރުމަކީ ބައެއްގެ ނޭވާހޮޅީގައި ދަތްއެޅުން
މީގެކުރިން ޓެކްސީ ކުރާކަށް ސަރުކާރަކުން ނުނިކުމެ!
އާއްމު ރައްޔިތުންގެ އާމްދަނީ ހޯދަން ކުރާ މަސައްކަތަށް ދަނޑިނުބާނާ ވަށަފަރު މުހައްމަދަށް ވެރިކަން ކުރަން އެނގޭ ކަމަކަށް ނުވެއެވެ. އެކި ނަންނަމުގައި ޖޫރިމަނަތަކާއި ފީތައް ނަގައިގެން ފުއްދާލަނީއެއް ނޫނެވެ. އާއްމު އާދައިގެ މީހުން ކުރާ މަސައްކަތުގެ ތެރެއަށް ސަރުކާރުން ވަދެގަންނަނީ އެއްކަމެއް ދެ ކަމެއްގައެއް ނޫނެވެ. ނިކަމެތި މީހާއަށް ލިބޭން އޮތް އާމްދަނީ ފޭރިގަތުމަށްވުރެ ސަރުކާރަކުން ކުރަން މުޑުދާރު ކަމެއް އޮންނާނެހެއްޔެވެ.
މާލެ ސިޓީއާއި އެނޫންވެސް ކަރޫބާރު ބޮޑެތި ރަށްރަށުގައި ޓެކްސީކޮށްގެން ބަނޑުފުރާނަ މުއްތިކޮށްގެން އުޅޭ އެތައް ސަތޭކަ އާއިލާއެއް އެބަތިއްބެވެ. އޫޅެތާނގެ ކުއްޔާއި އެހެނިހެން ޒަރޫރީ ކަންކަން ޓެކްސީކޮށްގެން ފުއްދާ މީހުން އެހާގިނައެވެ. ބޮޑެތި ލޯނުތައް ނަގައިގެން ކާރާއި ޕިކަޕް ހޯދައިގެން އުޅޭ މީހުން އެހާމެ ގިނައެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން ފެށުމަކީ ކުރިން ބުނިހެން އެތައް ބައެއްގެ ނޭވާހޮޅީގައި ދަތްއެޅުން ފަދަ ނުރައްކާތެރިކަމެކެވެ. އާއްމު ހިދުމަތެއްގެ ގޮތުގައި ސަރުކާރުން ކުރަންވާނީ ކުރާޒާތުގެ ކަންކަމެވެ.
ދުނިޔޭގެ އެހެންތަންތާވެސް އުޅަނދު ފަހަރު ކުއްޔަށް ހިފައިގެން ނުވަތަ ޓެކްސީގައި ދަތުރުކޮށް ނޫޅެވޭވަރުގެ މީހުނަށް އަގުހެޔޮކޮށް ޕަބްލިކް ޓްރާސްޕޯޓް ގާއިމުކޮށްދީފައި އޮވެއެވެ. ޓެކްސީ ކުރާކަށް ސަރުކާރަކުން ނުނިކުމެއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި މުޅި ރާއްޖެ ޓްރާންސްޕޯޓް ލިންކުން ކަނޑާއި އެއްގަމުން ގުޅުވަލުމުގެ ކާމިޔާބު މަސައްކަތް ފެއްޓިއެވެ. މާލެސިޓީއާއި އައްޑޫސިޓީއާއި ކުޅުދުއްފުއްޓާއި ފުވައްމުލައް ފަދަ ބޮޑތި ސަރަހައްދު ތަކުގައި ބަސް ދަތުރުތައް ފަށާ ދަތުރު ފަތުރުގެ ލުއިފަސޭހަ އާއްމުންނަށް ހޯދާދިނެވެ. އާރުޓީއެލް ލޯންޗު ފަހަރުގެ ހިދުމަތް ފަށާ ގިނަ އަތޮޅުތަކެއް ކަނޑުމަގުން ގުޅުވާލިއެވެ. އެކަމަކު ޓެކްސީ ކުރާކަށް ސަރުކާރަކުން ނުނިކުމެއެވެ.
ޕަބްލިކް ޓްރާންސްޕޯޓް ވަރުގަދަކުރަމުން ސަރުކާރުން ޓެކްސީ ކުރާކަށް ނިކުތީއެއް ނޫނެވެ. ޓެކްސީ ހިދުމަތުގައި އުޅޭ މީހުނަށް ލުއިލޯނު ސްކީމެއް ތައާރަފްކޮށްދީ ޓެކްސީކުރާ މީހުނަށް ފަސޭހައިން ޓެކްސީ ކުރެވޭނެ ގޮތް ހަދަދިނީއެވެ.
ހަމަތެދެކެވެ. އާއްމު ރައްޔިތުން އާމްދަނީ ހޯދަންކުރާ މަސައްކަތުގެ ތެރެއަށް ސަރުކާރުން ނުވަދެ ސަރުކާރު ހިންގަން ފައިސާ ހޯދަން ވަށަފަރު މުހައްމަދަށް ނޭނގެންޏާ އަވަހަށް އިސްތިއުފާދީފައި ދާށެވެ. ރައްޔިތުންގެ ކަރުބުޑަށް އަތްނުބާނާ ފައިސާ ހޯދައިގެން ދައުލަތް ހިންގޭވަރުގެ މީހުން އެބަތިއްބެވެ.