ލަހެއްނުވެ ރައީސް ޔާމީނު ޖަލަށް
ރައީސް ޔާމީނު މިނިވަންކޮށް ހުންނެވުމުން މަޖިލިސް ގެއްލޭނެ
ޝަރީޢަތަށް ނުފޫޒު ފޯރުވައިގެން ރައީސް ޔާމީން ހުންނެވީ ހަރާން ޖަލު ހުކުމެއްގައޭ ކިޔައިގެން ދެއްކި ވާހަކަ އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ.
ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ވުމުން އެނގުނު އެއްޗަކީ ރައީސް ޞޯލިޙްގެ ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒު ނުފޯރުވާ ކަމެވެ.
ރައީސް ޔާމީން މިނިވަން ވުމުން ނޭފަތުން އަރިދަފުސް ބާލަމުން ބައްދަ ބައްދާފައި ހޭރުނު ބޮޑެތި ފިރިހެނުން އެދުވަހު އެއުޅުނީ ރައީސް ޔާމީން މިނިވަން ވުމުގެ ހިތާމައިގައި ކަން މިއަދު ވަރަށް ސާފުކޮށް އެބަ ފެނެއެވެ. ރައީސް ޔާމީން މިނިވަން ކަމުގައި ހުންނެވުމުން އުނދަގޫވެ އޭގެ ގެއްލުން ލިބުނު މީހުން މިހާރު އޮޅިފައެއް ނެތެވެ.
ކޯޓް ތަކަށް ނުފޫޒު ފޯރުވައިގެން ހަރާން ހުކުމް އިއްވިއްޔާ އިއްވި މީހުން އެތިބީ ރާއްޖޭގެ ވެރިކަމާ ރައީސް ޔާމީންގެ ސިޔާސީ ޕާޓީ ވެސް އެމަނިކުފާނު އަތްޕުޅުން ފިރުކައިގަނެގެންނެވެ.
ވެރިކަން ލިބުނުތާ އަދި ފައިން ވެލި ނުހިކެއެވެ. މިހާރު ކަރެކްޝަނުން އެދައްކަނީ ރައީސް ޔާމީން އަނބުރާ ޖަލަށް ގެންދާނެ ކަމުގެ ބިރެވެ.
ފަހުވަގުތު ރައީސް ޔާމީން ގެއަށް ބަދަލު ކޮށް އަދި އޭގެ ފަހުން މާލެ ތެރޭގައިވެސް އުޅުއްވޭނެ ވަރުގެ ލުއި ރައީސް ޔާމީނަށް ދެއްވީ، ރައީސް ޔާމީނުގެ އަރިހުގައި ތިބެ އެމަނިކުފާނަށް ދެރަދޭން ރާވާފައިވާ ބަޔަކު ތިބިކަން ރައީސް ޞޯލިހަށް އެނގިވަޑައިގަތުމުންނެވެ. އެހެން ނޫން ނަމަ މިއަދު ރައީސް ޔާމީންގެ ހާލު ކޮޅަކީ ކޮބައިތޯއެވެ؟
މިހާ ކުރީކޮޅު އެއްވެސް ޖެހިލުމެއް ނެތި މިގޮތަށް އަމަލު ކުރާ ބަޔަކަށް ދެންހޮވޭ ރައްޔިތުން މަޖިލިސް ގޮނޑިތަށް ދީފި ނަމަ ގައުމަށް ހަދާލާނެ ގޮތް ހިތަށް އަރުވާލިޔަސް ފިތް ކަނޑައިގެން ދެއެވެ.
އެކަމަކު ވެސް ހައިރާނެއް ނުވެއެވެ. ހެޔޮނުބައި ވަކިނުވެ، ހެޔޮކަން ކަމަށް ޝުކުރުވެރި ނުވެ، އަބަދު ހަމަ ނުޖެހުމާ ބަދަލު ހިފުމާ ނުބަޔަށް ލޯބިކުރާ ބައެއްގެ މައްޗަށް ވެރިކުރައްވާނީ ވެސް ނުބައިމީހުންނޭ ބުނެއުޅެއެވެ.
ގިނަ ރައްޔިތުން ކާން ބޭނުންވި ރާކަނި މަސް އެދަނީ ފިހެވި ފައްކާ ވަމުންނެވެ. އަމިއްލަ އަތުން ހޯދައިގަތް ނުބައެއް ރަހަ ދެކޭންވާނީ ވެސް ޚުދު އެބައެކެވެ.