ރައީސް އޮފީހުގެ ދޮރުވާނަކަށް ހެދިޔަސް އަދުރޭ ޖެހޭނީ ހުންނަން!

މުއިއްޒާއި އަބުދުއްރަހީމާ ދެމީހުން ވަކިނުވެ ތަތްވެފައި އަބަދު ތިއްބަސް ވަރިހަމައެވެ. ރާއްޖޭ ވައްޓާލާފައި މިއޮތް ހާލަތަށް ވެއްޓުމުގެ ޒިންމާ އެންމެ ބޮޑަށް އެޅޭ ދެމީހުންނަކީ އެއީއެވެ. މުއިއްޒު ހަދަމުންގެންދާ ހުރިހާ ނުބައެއް ހެދުމުގެ ހަގީގީ އާރުކާޓީއަކީ އަބްދުއްރަހީމެވެ.
އަބްދުއްރަހީމަކަށް މުއިއްޒަކާ ވަތްކެއް ނުވެވޭނެއެވެ. މުއިއްޒު ހެދިއެއްޗެއް ހެދިގެން ބެހެއްޓި ހިސާބެއްގައި އަބްދުއްރަހީމަށް ޖެހޭނީ ހުންނާށެވެ. މާ ބާރަށް ތެޅެންޏާ ފައިބާނީ ހުޅުނބެވެ.
އަބްދުއްރަހީމަކީ މާވަރުގަދަ ސިޔާސީ މުދައްބިރަކަށް ވެގެނެއް މުއިއްޒު ނޫން މީހަކު އުޅެފައެއް ނެތެވެ. ދެންވެސް ނޫޅޭނެއެވެ. ރައީސް ޔާމީނުވެސް ބަންދުގައި ހުންނަވަން ޖެހުމުން ޕްރޮގްރަސިވް ކޯލިޝަން ހިންގުން އަބްދުއްރަހީމާ ހަވާލުކުރީ މީހަކަށް ނުވާތީއެވެ. އަގުޅިނެތް ކަންނޭލަކަށް ވީމައެވެ.
މުއިއްޒަށް ޕްރޮގްރަސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓް ލިބުނީ އަދުރޭގެ މޮޅުކަމަކުން ނޫނެވެ. އަދުރޭއަކީ ޓިކެޓް ހާސިލްކުރަން މުއިއްޒު ބޭނުންކުރި އުޅަނދެވެ. މުޅި ގޭމް ޕްލޭނުގެ މުގުލުގައި ހުރީ ނަމިރާ ނާޒިމް ނޫން ދެވަނަ މީހެއް ނޫނެވެ.
ވިސްނާލަ ބަލާށެވެ. އަބްދުއްރަހީމަށް އޮތް ޕީއެންސީގެ ރައީސްކަން މުއިއްޒު ފިރުކައިގަތީ ޗެއަރޕާސަނޭ ކިޔައިގެން ބޮލަށް ޗިޕެއް ޖަހާ ހައްދައިގެނެވެ. ބޮޑު ބިޔަ ޕީޕީއެމް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސް ޕީޕީއެމްގެ ސިޔާސީ ބާރު ކަނޑުވާލާ އެންމެ ފަހުން ޕީޕީއެމް އުވާލީ އަބްދުއްރަހީމަކީ މުއިއްޒުގެ ރޯލް މޮޑެލޭ ކިޔައިގެން ގަޅަހައްދާފައި ބަހައްޓައިގެންނެވެ.
ނަމިރާ ނާޒިމް ކޮންޓްރޯލް ކުރާގޮތަށް މަޖިލީހުގެ ރައީސްކަން އަބްދުއްރަހީމަށް ދީފައި އިސްވަޒީރުކަމުން ދުރުކޮށް ރައީސް އޮފީހުން ނެރެލީ ގޮހޮރުފުލުގައި ޖެހެންދެން ނިކަން ރަނގަޅަށް ކާންދީފައެވެ. މަޖިލީހުގެ ރިޔާސަތުގެ އުސް ގޮނޑިއާއި މުރައިދޫ ގަނޑުވަރު ފެނުމުން ވާނުވާ ނޭނގޭ ވަރަށް އަބްދުއްރަހީމަށް ދުނިޔެ ރަންވީއެވެ. އެންމެ ފަހުން އަމިއްލަ ގޮނޑިއާއި އަތުއޮތް އާރާބާރުގެ ލަގަން މުއިއްޒަށް ދެވުނު އިރުވެސް އަބްދުއްރަހީމަކަށް ނޭނގުނެވެ.
އަބްދުއްރަހީމަށް އޮތްހާވެސް ގޮތަކީ މުއިއްޒު އެޅިހާބަތަކަށް ރިހައަޅާލަ އަޅާލަ ހުރުމެވެ. ކުރެވޭނެ ކަމެއް ވަންނާނެ ވަލެއް އަބްދުއްރަހީމަކަށް އެހެން ނެތެވެ. މިހާރު އެހުރީ ރަނގަޅަށް ފުޅަނގީގެ ހާލުޖެހިފައެވެ. ގަދަ ހަދާލައިފިއްޔާ ދައުރުގެ ބާކީބަޔަށް އޮތީ ގޮޅިއެވެ. އެހެން ކަމުން މުއިއްޒާ ވަތް ކަނޑާލައިގެން ވާނެ މޮޅެއް އަބްދުއްރަހީމަކަށް ނެތެވެ.
އަނގައިގާ ތަޅުލައިގެން މުއިއްޒު އެދޭހާ ގޮތަކަށް މަޖިލިސް ހިންގަދީގެން މަގާމް ދިފާއުކުރުން ނޫން ކަމެއް އަބްދުއްރަހީމަކަށް ނުއޮންނާނެއެވެ. ރައީސް އޮފީހަށް ދިޔުން ކީއްކުރަން ހެއްޔެވެ. ގޮނޑި އަޅައިގެން ރައީސް އޮފީހުގެ ދޮރުވާނަކަށް އިންނާށޭ ބުނެފިއްޔާ އަބްދުއްރަހީމަށް ޖެހޭނީ އެކަންވެސް ކުރާށެވެ.