ސިއްކަ އެނބުރިއައުން: ޔާމީނަށް ހަޖަމެއްނުވި
ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ ސިއްކަ ބޮލަށް ކަނޑާލަން އޭރު ނުވިކަމެއް މިހާރަކު ނުވާނެ
ނޮވެންބަރ 3ގެ އުދުވާނާ ގުޅުވައިގެން ޒާތްޒާތަށް ޔާމީނުގެ އަޅުކުދިން އެ ވާހަކަ ދައްކަނީ ހާދަހާވާ އަސަރެއް ކުރާތީއެވެ. ނޮވެންބަރ ތިނެއްގެ އުދުވާނު ހިންގި އެކަކު ކަމުގައިވާ ސަގަރު ނާސިރު މިނިވަންވެގެން ރާއްޖޭގައި އެހެރަގެން އުޅެނީއެވެ. ކަރޯ އައްބާސާއި އަބްދުﷲ ޝާހިދު ވެސް މިނިވަން ކަމާއެކު އެބައުޅެއެވެ. ޕައިލެޓް ނައީމް ވެސް ހަމަ އެހެނެވެ. އުމަރު ޖަމާލު ވެސް މިނިވަންކަމާއެކު ވިޔާފާރި ކުރުމުގައި އަވަދި ނެތި އެހެރަގެން އުޅެނީއެވެ. ބުނެވި ދިޔަ އެންމެންނަކީ ވަރަށް ބޮޑެތި ހުކުން އިއްވާ ހުކުން ތަންފީޒު ކޮށްފައި ތިބި މީހުނެވެ. އެ މީހުންނަކީ އުޅޭ ބައެއްކަން ވެސް ނޭނގެއެވެ.
ސަގަރު ނާސިރު
ބުނެވި ދިޔަ އެންމެން ދެކެ ނުގަންނަ ބިރެއް ސިއްކަ އަހުމަދު އިސްމާއީލް މަނިކު ދެކެ ބަޔަކު މިގަންނަނީ ކީއްވެ ހެއްޔެވެ. ހަމަތެދެކެވެ. ސިއްކަ އަހުމަދު އިސްމާއީލް މަނިކު ރާއްޖެ ވަޑައިގަތުމުން ޔާމީނުގެ އައުވާނުންނަށް ހަޖަމެއް ނުކުރެވުނެވެ. ރައީސް ސާލިހުގެ އަނބިކަނބަލުންގެ ބައްޕާފުޅަށް ވީތީއެވެ. ސިޔާސީ ގޮތުން ހަސަދައާއި ފިތުނަވެރިކަން ފެތުރުމަށް ނޮވެންބަރު ތިނެއްގެ އުދުވާނުގެ ވާހަކަ ބަޔަކު ދައްކަނީކަން ގިނަ ދިވެހިންނަކަށް ނުއޮޅެއެވެ.
ސިއްކަ އަހުމަދު އިސްމާއީލް މަނިކު ގެ ނަން ގަންނަ ކޮންމެ ތަނެއްގައި ނޮވެންބަރ 3 ގެ މޭސްތިރިޔާ ކަމަށް އިދިކޮޅުން ބުންޏަސް ނޮވެންބަރ ތިނެއްގެ އުދުވާނުގެ މޭސްތިރިންނަކީ ކޮންބައެއްކަން މީހުންނަކަށް ނޯޅެއެވެ. ޔާމީނުގެ އައުވާނުން ސިއްކަ އަހުމަދު އިސްމާއީލު މަނިކުގެ ބޮލަށް އެ އުދުވާނު ކަނޑާލަން އުޅުނަސް އެކަމެއް މިހާރަކު ނުވާނެއެވެ. މައުމޫނަކީ މުޅި ޝަރުއީ ނިޒާމްކަމުގައި އޮތް އިރު މައުމޫނަށް ނުވިކަމެއް މިއަދު އަމްދުން ނުވާނެއެވެ. ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ ސިއްކަ އަހުމަދު އިސްމާއީލު މަނިކު ބޮލަށް ކަނޑާލަން މައުމޫނު ކުރިހާ މަސައްކަތުން އޭރު ނުވިކަމެއް މިހާރަކު ދެނެއް ނުވާނެއެވެ.
އެނގި ހުރެ ނޭންގުމުގެ ކުށަކީ ރާއްޖޭގެ ގާނޫނުލް އުގޫބާތު މިހާރަކު ދަންނަ ކުށެއް ވެސް ނޫނެވެ. އެއްވެސް ވަރަކަށް އެ އުދުވާނުގައި ސިއްކަގެ ބައިވެރިވުމެއް އޮތްކަން ސާބިތެއް ނުކުރެވުނެވެ. މައުމޫނު އުޅެއުޅެ ބައްޔަށް ވީވަރަކީ އެނގި ހުރެ ނޭންގުމުގެ ކުށް ސިއްކަގެ މައްޗަށް ސާބިތު ކުރުމެވެ. ބައިވެރިވިކަން ސާބިތު ކުރެވޭނީ އެއްވެސް ވަރެއްގެ ބައިވެރިވުމެއް އޮތްނަމަތާއެވެ.
ނޮވެންބަރު 3 ގެ އުދުވާނާ ގުޅިގެން ކުށް ސާބިތުކޮށް ހައްޔަރު ކުރި މީހުންގެ ތެރޭން އެންމެ ފުރަތަމަ ވެސް ބަންދުގައި ތިން އަހަރުވެސް ނުވަނީސް މައުމޫނު މާފުދީ ދޫކޮށްލީ ވެސް ސިއްކަ އަހުމަދު އިސްމާއީލު މަނިކެވެ. ހަގީގަތުގައި ވެސް ސިއްކަ އަހުމަދު އިސްމާއީލް މަނިކުގެ އެއްވެސް ދައުރެއް އެ އުދުވާނުގައި ނެތްކަން އޭރު ވެސް މިހާރު ވެސް މައުމޫނު ގަބޫލު ކުރެއެވެ. ސިޔާސީ ގޮތުން ފްރޭމް ކޮށްގެން މީހުން ހިފާ ހައްޔަރުކޮށް ޖަލަށްލުމަކީ ކާމިނީގޭ ކުދިންގެ ކަށީގައި ހިފާފާ ހުންނަ އާދައެކެވެ.
ރައްޔިތުން ބިރުގަންނަވާ ފަސާދަ އުފައްދަން ޔާމީނުގެ އައުވާނުން ކޮށްފައި ނުކުރާނެކަމެއް ނޯވެއެވެ. ހައްގަކާނުލާ މީހުންގެ އިއްޒަތުންނަފްސް ކަތިލާލުމަކީ ޔާމީނުގެ އަޅުކުދިންނަށް އެއްވެސް ކަމަކަށް ނުވެއެވެ. އެގޮތުން ނޮވެންބަރ 3 ގެ އުދުވާނީ ހަމަލާގައި އިސްކޮށް އުޅުނު އަބްދުﷲ ލުތުފީއާއި ހަވާލާދީ މައުމޫނު އަވަހާރަކޮށްލަން ސިއްކަ އެދުނު ކަމަށް ލުތުފީ ބުނި ކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން މިދިޔަ ނޮވެންބަރ 2 ވަނަ ދުވަހު https://dhiyares.com ރިޕޯޓްކޮށްފައި އޮތެވެ. ޖަލުގައި ހައްޔަރުކޮށްފައި ހުރި އަބްދުﷲ ލުތުފީއާއި އެ ނޫހުން ފޯނުންގުޅި ކަމަށް އެ ރިޕޯޓްގައި އޮތެވެ.
އެއްވެސް މީހަކަށް ޖަލު ބަންދުގައި ހުރި މީހަކާ ފޯނުން ވިޔަސް ވާހަކަ ދައްކާ މައުލޫމާތު ހޯދޭނީ ޖަލު ބަލަހައްޓާ މުއައްސަސާއިން ގަވައިދުން ހުއްދަ ލިބިގެންނެވެ. ލުތުފީއާއި ފޯނުން ގުޅައިގެން ވާހަކަ ދައްކާ މައުލޫމާތު ހޯދުމުގެ ހުއްދައެއް އެ ނޫހުން ހޯދާފައެއް ނެތެވެ. އެހެން ކަމަށް ވާނަމަ އެ ނޫހުން މައުލޫމާތު ހޯދާފައި އެވަނީ ގާނޫނާ ހިލާފަށެވެ. ޖަލަށް ފޯނު ވައްދުވައިގެން ލުތުފީއާއި ވާހަކަ ދެއްކުމަކީ ހިންގި ޖަރީމާއެކެވެ. ޑްރަގް ޕާޓޭންނެކޭ ތަފާތެއް ނެތެވެ. އެހެން އެކަން ނުވާނަމަ އެއީ ލުތުފީ ނުދައްކާ ވާހަކައެއް ދޮގު ހަދައިގެން އެ ނޫހުން ފެތުރި ފެތުރުމެކެވެ. ދެ ގޮތުން ކުރެ ކޮންމެ ގޮތަކަށް ވީނަމަވެސް އެއީ ސިޔާސީ ބޭނުމުގައި ހިންގި ބޮޑު ޖަރީމާއެކެވެ. މީހަކު މެރުމުގެ ވާހަކައަކީ ސިޔާސީ ވާހަކައެއް ނޫނެވެ. ޓެރެރިޒަމެވެ.