ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ވަނަ ގުރުއާން މުބާރާތް މިރޭ ފަށަނީ
196 ބައިވެރިން
196 ބައިވެރިންނާއެކު ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތް މިރޭ ފަށާނެއެވެ.
ތުޅާދޫ ސްޕޯރޓްސް ކުލަބުގެ މީޑިއާ ކޯޑިނޭޓަރ ޢަބްދުއްލާ ސިރާޖް, ހީރަސް ނިއުސްއަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ މި އަހަރުގެ ގުރުުއާން މުބާރާތް ކުރިއަށްދާނީ ނޮވެމްބަރ 20 އިން ނޮވެމްބަރ 22 ގެ ނިޔަލަށް ކަމަށެވެ. މި އަހަރުގެ މުބާރާތުގައި 196 ބައިވެރިން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 126 ބައިވެރިން އަދި ނުބަލައި ކިޔެވުމުގެ ބައިގައި ވާދަކުރާ 70 ބައިވެރިންނެވެ.
މުބާރާތް ބެހިފައިވާ ބައިތަކަކީ:
- ބޭބީ ނާސަރީ އަދި ނާސަރީ
- ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ)
- ކީ ސްޓޭޖް 1
- ކީ ސްޓޭޖް 2
- ކީ ސްޓޭޖް 3
- ކީ ސްޓޭޖް 4
- ކީ ސްޓޭޖް 5 (ކީސްޓޭޖް 4 ނިމި 19 އަހަރު ނުފުރޭ)
- 19 އަހަރުން މަތި
މުބާރާތް ފެށުމުގެ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ 20 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 08:00 ގައި ތުޅާދޫ ސްޕޯރޓްސް ކުލަބުގައެވެ. މި އަހަރުގެ މުބާރާތުގެ ވާދަކުރާ 115 އަންހެން ބައިވެރިން އަދި 81 ފިރިހެން ބައިވެރިންގެ ކިޔެވުން ކުރިއަށްދާނީ ކުލަބުގެ އިދާރާ ބ.ތުޅާދޫ، ބުލޫސްޓަރގައެވެ.
މުބާރާތް ކުރިޔަށްދާ 4 ދަންފަޅިއަކީ:
- ރޭގަނޑު 20:00 އިން 10:45 އަށް
- ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން 11:00 އަށް
- މެންދުރު ފަހު 14:00 އިން 16:00 އަށް
- ހަވީރު 16:00 އިން 18:00 އަށް
ކީރިތި ގުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ވާދަކުރާނެ ފެންވަރު ރަނގަޅު ތުޅާދޫގެ ދަރިވަރުންނާއި އާންމު ރައްޔިތުންތަކެއް އުފައްދާ އެ ފަރާތްތަކަށް ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މާތް މަގުސަދުގައި ރަށު ފެންވަރު ރަނގަޅު ފާހަގަކޮށްލެވޭ މުބާރާތަކަށް މި މުބާރާތް ހެދުމަކީ ކުލަބުގެ މުއައްސިސުންނާއި، ހިންގާކޮމިޓީ އަދި އާންމު މެންބަރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މާތް އަދި އެހާމެ ބުރަ މަސައްކަތެކެވެ. މި ގޮތުން، ކީރިތި ގުރުއާނާއިބެހޭ ގައުމީ މަރުކަޒުން ކުރިއަށް ގެންދިޔަ ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގައި ދެވަނަ ފަހަރު ތުޅާދޫ ސްޕޯޓްސް ކުލަބުގެ 7 ބައިވެރިއަކު މުބާރާތުގައި ތަމްސީލުކުރިއެވެ. އަދި، މުހައްމަދު އާރިކު އަހުމަދު ސޯލިހު، ކަރަންކާމާގެ، ބ. ތުޅާދޫ ބަލައިގެން ކިޔެވުމުގެ ރޮނގުން 5 ފޮތުގެ ބައިން ފަހުރުވެރި 2 ވަނަ ހާސިލްކޮށް ފުރަތަމަ ފަހަރަށް ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކުން ކުލަބަށް ފަހުރުވެރި ޝަރަފް ހޯދައި ދިނެވެ.
މުބާރާތުގެ ވަނަތަކަކީ:
- ފައުންޑޭޝަން ސްޓޭޖުން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
- ކީ ސްޓޭޖް 1 ން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
- ކީ ސްޓޭޖް 2 ން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
- ކީ ސްޓޭޖް 3 ން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
- ކީ ސްޓޭޖް 4 ން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
- ކީ ސްޓޭޖް 5 ން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
- 19 އަހަރުން މަތިން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
- މުޅި މިބާރާތުން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ތިން ބައިވެރިން
މި މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ހަނދާނީ ލިޔުމާއި، އިނާމާއި، ހަނދާނީ ފިލާއާއި އައްޑަނައިގެ އިތުރުން އަދި ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގަައުމީ މުބާރާތުގައި ކުލަބު ތަމްސީލުކުރި ބައިވެރިންނާއި އަދި ޝަރަފުވެރި ވަނަ ހާސިލުކޮށް ގައުމީ ފެންވަރުގައި ތުޅާދޫގެ ނަން ރަން އަކުރުން ފަވާލި ބައިވެރިންގެ އަގުވަޒަންކުރުމަށް ބޭއްވޭ، ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ވަނަ ގުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު 01 ޑިސެމްބަރ 2025 އާއި 03 ޑިސެމްބަރ 2025 ދެމެދުގެ ތާރީޚެއްގައި ތުޅާދޫ ސްޕޯރޓްސް ކުލަބުގެ އިދާރާގައި ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

