ފަނޑިޔާރުގެއަށް އޮތްކަމަކީ ކޮށާމަށާ ގާނޫނުތަކުގައި ހަލާލު ސިއްކަޖަހާދިނުން

ފަނޑިޔާރުގެއަށް އޮތްކަމަކީ ކޮށާމަށާ ގާނޫނުތަކުގައި ހަލާލު ސިއްކަޖަހާދިނުން
ފޮޓޯ: ސްޕްރީމް ކޯޓް

އަޅުވެތިކަމަކީ ބޭރުގެ ބާރަކުން ގައުމެއް އަޅުވެތިކުރުމެއް އެކަންޏެއް ނޫނެވެ. ހުދުހުތާރު ވެރިއެއްގެ މުށުތެރެއަށް ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެއާއި މުޅި ދައުލަތް ދިޔުމަކީވެސް އަޅުވެތިކަމެވެ. ވެރިޔާ ވިދާޅުބަސްފުޅަކީ ގާނޫނުގެ ހުކުމް ކަމަށް ގައުމެއްގައި ވެއްޖެނަމަ އެގައުމެއް އެއޮތީ ބޭރުގެ އަޅުވެތިކަމަކަށްވުރެ ނުރައްކާތެރި އަޅުވެތި ކަމެއްގައެވެ.

ރާއްޖެ މިއޮތީ އެހާލަތުގައި ނޫންކަމަށް ބުނާނީ ކިހިނެއްހެއްޔެވެ. ރައީސް މުއިއްޒުގެ ހުދުމުހުތާރުކަން ބޮޑުވެގެން ދިޔަދިޔައިނުން ރާއްޖޭގެ ދުސްތޫރީ ސްޕްރަމަސީ ގެއްލި ހިނގައްޖެއެވެ. މަޖިލީހުގެ މެންބަރުންނަކީ މުއިއްޒުގެ ގޮނޑިކޮއްކޮއަކަށް ވެއްޖެކަން މެންބަރުންގެ ގޮނޑިގެއްލޭ އިސްލާހާ ގުޅިގެން ސްޕްރީމް ކޯޓުން ނެރުވި ހުކުމުން މިއަދު ރީތިކޮށް ހާމަވެއްޖެއެވެ. 

ރާއްޖޭގައި މިހާރު އޮތީކީ ހަމައެކަނި މުއިއްޒުގެ ގޮނޑިކޮއްކޮ މަޖިލީހެއް ނޫނެވެ. ރާއްޖޭގެ ސްޕްރީމް ކޯޓަކީވެސް މުއިއްޒުގެ ޕަޕެޓަކަށް ވީއެވެ. ދޮގު ތުހުމަތުތަކެއްކޮށް ސްޕްރީމް ކޯޓުގެ ބެންޗުން ފަނޑިޔާރުން ތަކެއް ނެރެއުކާލީ މިއަދަށްޓަކައެވެ. ސްޕްރީމް ކޯޓުގައި ތިބި ގާބިލު ފަނޑިޔާތުންތަކެއް އުކާލާ ޕަޕެޓުންތަކެއް އަތުރާލައިގެން އިއްވި ހުކުމަކީ ތިންބާރު އެކުވެ މުއިއްޒުގެ މުށުތެރެއަށް މުޅި ގައުމު ހިނގައްޖެކަމުގެ ސާފުހެއްކެކެވެ.

ހިތުހުރި ގޮތަކަށް ހިތުހުރިކަމެއް މުއިއްޒަށް މިހާރު ކުރެވިދާނެކަން ސައްތައިން ސައްތައަށް ޔަގީންވެ ނިމުނީއެވެ. ގާނޫނު އަސާސީއާއި ގާނޫނަކީ މުއިއްޒަށްވެ ނިމުނީއެވެ. ރާއްޖޭގައި މިހާރު އޮތީ ދުސްތޫރީ ސިޔާދަތުކަމަށް ގަބޫލު ކުރެވޭނެ އެއްވެސް ހަމައެއް ނެތެވެ. ވަރުގަދަ ހުދުމުހުތާރު ވެރިއެއްގެ ގޮށްމުށު ބާރުގެ ދަށަށް ރާއްޖެ ހިނގައްޖެ ކަމާމެދަކު ބަހުސެއް ނެތެވެ. 

ރައްޔިތުންގެ މަންދޫބުންނަކީ މުއިއްޒު ބޭނުންވާހާ ގޮތަކަށް ގާނޫނުތައް ކޮށާ މަށާދޭން ތިބޭ ވަޑިންގެ ގުރޫޕަކަށް ވެއްޖެއެވެ. ފަނޑިޔާރުގެ އޮތީ ކޮށާމަށާ ގާނޫނުތަކުގައި ހަލާލު ސިއްކަޖަހާދޭ ތަނަކަށް ވެފައެވެ. ލަދު ހަޔާތުގެ ކަންފުޅެއް ނެތެވެ.  

ބަލަން ތިބޭށެވެ. ލަހެއްނުވެ ތަފާތު ރައުޔު ނެރުނު ފަނޑިޔާރު ސުޖޫނުގެ ގޮނޑިގެއްލޭނެއެވެ. ގާނޫނު އަސާސީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ދާން ބުނެފައިވާ ކަންކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދައުރާގުޅޭ މާއްދާ އުނިކޮށްލާނެއެވެ. ރިޔާސީ ދައުރު ދަަންމާލާނެއެވެ. ރައީސް ހޮވާގޮތް ބަދަލުކޮށްލާނެއެވެ.

ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރަކީ މުތުލަގަށް މަޖިލީހަށް އޮތް ބާރެއް ކަމަށް ފަނޑިޔާރުގޭން މިއަދު އެބުނީއެވެ. އޭގެ ނަތީޖާއަކީ ގާނޫނު އަސާސީއަށް ގެންނަ އެއްވެސް ބަދަލެއް ގޯސްވެގެން ދާނެތަނެއް ނެތިގެން ދިޔުމެވެ. ފަނޑިޔާރުގެ އަކުން އެޒާތުގެ އެއްވެސް މައްސަލައެއް ބެލުމުގެ އިހުތިސާސް ނެތިދިޔުމެވެ.