މުއިއްޒު ކުރުސީ ބްލޮކް ކުރުމަކީ ވެރިކަން ވެއްޓުން!!

މުއިއްޒު ކުރުސީ ބްލޮކް ކުރުމަކީ ވެރިކަން ވެއްޓުން!!

ވިސްލް ބްލޯވަރ ހަސަން ކުރުސީގެ އެކްސް އެކައުންޓް ބްލޮކް ނުކޮށް މުއިއްޒަށް ކެތެއްނުވިއެވެ. އަނބިގޮއްޔެ ސާޖިދާ ލައްވާވެސް ހަސަން ކުރުސީ ބްލޮކް ކުރުވައިފިއެވެ. ހުރިހާ ވަޒީރުނަށްވެސް މަޖުބޫރުކޮށްގެން ކުރުސީ ބްލޮކް ކޮށްފިއެވެ.

މުއިއްޒާއި މުއިއްޒު ސަރުކާރުގެ ފަތިފުން ބަރަހަނާވަމުން ދިޔަދިޔަހެން މުއިއްޒު ރުޅިގަދަވަނީ ހަސަން ކުރުސީ ދެކެއެވެ. ހަސަން ކުރުސީ އެކައުންޓް ބްލޮކް ކުރުމަކީ މުއިއްޒު ރަނގަޅަށް ބަރަހަނާ ވެއްޖެކަން އަމިއްލައަށް ގަބޫލުކުރުމެވެ. ސަރުކާރުގެ އިސްވެރިންގެ ރަސްމީ އެކައުންޓް ތަކުން ހަސަން ކުރުސީ ބްލޮކް ކުރިޔަސް ހަސަން ކުރުސީ ފްލޯ ނުކުރާނެ އެންމެ ވަޒީރަކުވެސް އެހެން ވެރިއަކުވެސް ނުހުންނާނެއެވެ. 

އާނއެކެވެ. ހަސަން ކުރުސީ ފޮލޯކުރާ ވަގު އައިޑީތައް މިދުވަސްކޮޅު އިތުރުވެގެން ދާނެއެވެ. އެއިގެން ގިނަ ވަގު އައިޑީއަކީ މުއިއްޒުގެ ވަޒީރެއްގެ ނުވަތަ ކޮންމެވެސް އައުވާނެއްގެ އައިޑީއަކަށް ނޫނީ ނުވާނެއެވެ. ވަނީ އެހެންތާއެވެ. ހަސަން ކުރުސީ ކިޔާއެއްޗެއް ނުބަލާ އުޑުން ބިމުން އެންމެ ދުވަހެއްވެސް މުއިއްޒަކަށް ކެތެއް ނުވާނެއެވެ. 

އެހެން ނުވާނީ ކީއްވެ ހެއްޔެވެ. މުއިއްޒާއި ސާޖިދާ އެއްދާން ކުރާވަރާއި ކުރާގޮތްވެސް ހަސަން ކުރުސީއަށް އެނގޭ ވަރަށް ފާރަވެރި ލޯތައް ވަށަވަށައިގެން އެބަހުރެއެވެ. ސަރުކާރުގެ އޮފީހެއްގައި ވަގަށްވެސް ދިގަށްވެސް ހަސަން ކުރުސީއަށް ނޭނގޭ ގޮތަކަށް ކަމެއް ނުހިނގައެވެ. މުޅި ގައުމުގައި އޮތީ ހުސް ހަސަން ކުރުސީއެވެ. 

މުއިއްޒާއި ސަރުކާރުގެ ހުރިހާ ވެރިން ހަސަން ކުރުސީ ބްލޮކް ކުރުމަކީ ސަރުކާރު ވެއްޓޭކަމުގެ އަލާމާތެކެވެ. ހަސަން ކުރުސީގެ ތުހުމަތުތަކުން ދިފާއު ވެވޭވަރުގެ ހަކަތަ ނެތްކަމުގެ ހެއްކެކެވެ. ވައްކަމާ ކޮރަޕްޝަނުން ފޯވެފައިވާ މުއިއްޒު ސަރުކާރަށް ގޮތް ހުސްވެ އަބަހައްދު ވެއްޖެކަން ކަށަވަރުކޮށްދޭ ދަލީލެކެވެ. 

މުއިއްޒާއި ވަޒީރުން ހަސަންކުރުސީ ބްލޮކްކުރުމުން ހަސަންކުރުސީ ފްލޯކުރާ މީހުން ވާނީއިތުރެވެ. އިތުބާރު ކުރާ މީހުން ވަނީ ގިނައެވެ. މުއައްސަސާތަކުން މައުލޫމާތު ފޯރުކޮށްދޭ މީހުންގެ ކެނޑޭނީ ބިރެވެ. އާހިރުގައި މުއިއްޒަށް ދޮންކަޅުވެސް ނޭނގި ވެރިކަން ވެއްޓި މުއިއްޒު އޮންނާނީ ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ.