ވޯޓް ދިނުންނޫން ހައްގެއްނެތް ބީރައްޓެހިން

ކައުންސިލްތަކުން ދައުރުގެ ފަހު އަހަރު އަލަށް ތަރައްގީގެ ކަމެއް ފެށުން މަނައެވެ. ކޮންޓްރެކްޓަށް ވިޔަސް އެނޫން ގޮތަކަށްވެސް މީހަކަށް ވަޒީފާ ދިނުން މަނައެވެ. އިހުތިސާސްގައިވާ ބިމަކުންވިޔަސް ފަޅަކުންވިޔަސް ފަރަކުން ވިޔަސް އަކައިންޗިއެއް ވަރުވެސް ކުއްޔަށް ދިނުން މަނައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދައުރުގެ ފަހު އަހަރު ކިއްކުރަން ހެއްޔެވެ. އެންމެ ފަހު މިނިޓްގައިވެސް ރިސޯޓްތައްވެސް ކުއްޔަށް ދިނުން އޯކޭއެވެ. ދައުލަތުގެ މިލްކެއް ވިއްކާލަންވެސް އޯކޭއެވެ. ބޭނުން ވަރަކަށް މީހުނަށް ވަޒީފާ ދިނުންވެސް އޯކޭއެވެ.
ކައުންސިލްތަކުން އެއްމިލިއަނަށްވުރެ ބޮޑު އިންވެސްޓެއް ކޮށްގެން ނުވެއެވެ. އެކަމަކު ސަރުކާރުން ބިލިޔަން ބިލިޔަންގެ ސްކޭމް އެއްބަސްވުންތައް ހަދާ ދައުލަތައް އެތައް ބިލިޔަނުން ގެއްލުން ދިނުން ހުއްދައެވެ. ރަސްމާލެ ސްކޭމާއި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރާއި ތިނަދޫ ފްލޯޓިން އެއަރޕޯޓް ފަދަ ބިޔަ ސްކޭމްތައް އޯކޭއެވެ.
ރަށްރަށުގައި އަމިއްލަ މީހުންކޮށް އުޅޭ އެއްވެސް ވިޔަފާރިއެއް ކައުންސިލުން ކުރުން މަނައެވެ. ހައްޖު ކޯޕަރޭޝަނުން ރިސޯޓް ހިންގުމާ ވެމްކޯއިން ގެސްޓް ހައުސް ވިޔަފާރިކުރުމާއި އައިޖީއެމްއެޗުން އައިނު ވިއްކުމަކީ މުއިއްޒަކަށް ގޯހަކަށް ނުވެއެވެ.
ރަށްރަށު މީހުންނަކީ މުއިއްޒު ލެވި އެއްޗެއް ކައިގެން އަޅުންގެ އަޅުންނަށް ވެގެން ފިތިފައި ތިބެންޖެހޭ ދެވަނަ ދަރަޖައިގެ ބައެކެވެ. ރަށްރަށު މީހުންނަކީ އިންތިހާބު ތަކުގައި މުއިއްޒަށް ވޯޓް ދިނުން ނޫން ހައްގެއް ނެތް ބިރައްޓެހިންނެވެ.