ޖަނާބަށް: 320 މިލިޔަންގެ ދަރަންޏެއް ބޮލުއެޅުމަކީ ދަރަނި ހަލާސްކުރުމެއް ނޫން

ޖަނާބަށް: 320 މިލިޔަންގެ ދަރަންޏެއް ބޮލުއެޅުމަކީ ދަރަނި ހަލާސްކުރުމެއް ނޫން
ފޮޓޯ: ފައިލް

އިންޑިއާގެ ރިޒާވް ބޭންކްގެ އުސޫލުތައް އޮންނަ ގޮތުން އެއްވެސް ކަރަންސީ ސްވެޕް ފެސިލިޓީއެއް އަދާކޮށް ނިންމަންޖެހޭ މުއްދަތު ތިން ފަހަރަށްވުރެ އިތުރުކޮށެއް ނުދެއެވެ. ކޮންމެ ގޮތެއް ހަދައިގެންވެސް 3 ވަނަ ފަހަރު ސްވެޕް ހަލާސްކޮށް ނިންމަންޖެހެއެވެ. 

އިންޑީއާގެ ރިޒާވް ބޭންކުން މުއިއްޒު ވެރިކަމުގައި ހޯދި 400 މިލިޔަން ޑޮލަރގެ ކަރަންސީ ސްވެޕް ދައްކާ ހަލާސް ކުރަންޖެހޭ މުއްދަތު 3 ވަނަ ފަހަރަށް ވަނީ އިތުރުކޮށްފައެވެ. ތިން ވަނަ ފަހަރަށް އިތުރުކުރި މުއްދަތުވެސް މިހިނގާ އެޕްރީލް މަހުގެ 23އަށް ހަމަވެއްޖެއެވެ. 

މުއްދަތު ހަމަވަމުން އައިރު 400 މިލިޔަން ދެއްކޭނެ ފަދައެއް ރާއްޖޭގައިނެތެވެ. ވާނީ އެހެންތާއެވެ. މި ހިނގާ އެޕްރީލް މަހު ދައްކާ ނިންމަން އޮތް 500 މިލޔަން ޑޮލަރގެ ސްކޫކެއް ދައްކަން ރާއްޖޭގެ ރިޒާވުން 100 މިލިޔަން ޑޮލަރާއި އިންޑިއާ އިން ދިން ކަރަންސީ ސްވެޕް ފެސިލިޓީގެ 400 މިލިޔަން ޑޮލަރ ވަނީ ދައްކާފައެވެ. 

400 މިލިޔަން ޑޮލަރުގެ ސްވެޕް އަނބުރާ ދައްކަން ބެލިއިރު ދެއްކެން ރާއްޖޭގައި އޮތީ އެންމެ 80 މިލިޔަން ޑޮލަރެވެ. 80 މިލިޔަން ޑޮލަރު ދައްކައިގެން އިންޑިއާގެ ރިޒާވް ބެންކަށް ދައްކަންޖެހޭ ފައިސާ ހަމައެއްނުވެއެވެ. 320 މިލިޔަން ޑޮލަރު އެކަމަށް ބޭނުންވިއެވެ. އެހެން ކަމުން އިންޑިއާގެ ފައިބުޑަށް ވެއްޓި ދެފައިތަޅާ ރުއިން ނޫން އެއްވެސް ގޮތެއް ނެތުނެވެ.

އެންމެ ފަހުން 400 މިލިޔަނުގެ ކަރަންސީ ސްވެޕް ފެސިލިޓީ އަނބުރާ ދައްކަން މަދުވާ 320 މިލިޔަން ޑޮލަރުގެ އިތުރު ކަރަންސީ ސްވެޕެއް 24 އެޕްރީލުން ފެށިގެން ރާއްޖެއަށް ހަމަޖައްސާދީ 400 މިލިޔަން ޑޮލަރގެ ސްވެޕް އަދާކުރަން އެ 320 މިލޔަން ޑޮލަރ އަތުލާފައި 320 މިލިޔަން ޑޮލަރުގެ ދަރަންޏެއް ބޮލުގައި އަޅުވާފައި ހުސްއަތާ ފޮނުވާލީއެވެ. 

ދަރަނިން އުފެއްދި ދަރަނީގެ 320 މިލިޔަން ޑޮލަރ 2027 ޖޫން 18 ގެ ކުރިން ދައްކާ ނިންމަން ޖެހޭނެއެވެ. އަތަށް ނާރާ ލޮލުން ވެސް ނުދެކޭ 320 މިލިޔަން ޑޮލަރުގެ ދަރަނީގެ ބުރަ އަނެއްކާވެސް އުފުލަން ޖެހުނީއެވެ.

ޖަނާބު ތިޔަބުނާ މުއިއްޒުގެ ހިކުމަތްތެރިކަމާ މޮޅުކަމަކީ އެއީހެއްޔެވެ. ހަމަގައިމުވެސް އެ 320 މިލިޔަން ޑޮލަރގެ ސްވެޕްއަކުން ރައްޔިތަކަށް ގައުމަކަށް ލިބޭނެ އެއްޗެއް ނުއޮންނާނެއެވެ. ދަރަނި ނަގައިގެން ދަރަނި ދެއްކުމުގައި އިނދަ ނުޖެހި ތިބެވޭނީ އަދި ކިހާ ދުވަހަކު ހެއްޔެވެ. 320 މިލިޔަން ޑޮލަރުގެ ދަރަންޏެއް ބޮލުގައި އެޅުމަކީ ދަރަނި ހަލާސް ކުރުމެއް ނޫނެވެ.