މާލޭން ފެންހިންދުމުގާވެސް އިހުސާންމެން ކުޅުނީ ޑްރާމާ!

މުއިއްޒުގެ ޑްރާމާ ސަރުކާރުން ޑްރާމާ ނުކުޅޭ ވަކިކަމެއް ނެތެވެ. މާލެއަށް ބޯކޮށް ވާރޭވެހި ގޯތި ގެދޮރަށް ފެންވަދެ މީހުންނަށް ދަތިހާލަތް މެދުވެރިވުމުން ވެސް މުއިއްޒު ސަރުކާރުން ކުޅެނީ ޑްރާމާއެވެ. ކަންދެއްކުމާއި ޕަބްލިސިޓީ ހޯދަން ކަންދައްކާ ވީޑިއޯ ހެދުންނޫން ކަމެއް ނުކުރެއެވެ.
ކާޅު ހާލި ހެދީމާ އެހާއްޔަށް ކޮވެލި ބިސްއެޅާހެން މާލެ ސިޓީ ކައުންސިލުން ކުރާ ކޮންމެ ކަމެއްގެ ފޮނިކޮޅު ބޯލަން ސަރުކާރުގެ ވަޒީރުންނަށް ދަންދެން ނިކުމެ އެބަ ގަނަ ތެޅެއެވެ. ކޯޓުލައިގެން ގަންބޫޓަށް އަރައިގެން ނިކުމެ ވެލި ބަސްތާއެއް އުފުލައިލާފާ ވީޑިއޯކޮށްގެން އެކި މީޑިއާތަކުގައި ދައުރު ކުރިޔަސް އިހުލާސްތެރި ކަމާއެކު ހެވެއްއެދިގެން ކުރާކަމެއްކަން ނޭނގޭ މީހަކު ނެތެވެ.
މާލެ ސިޓީގެ މޭޔަރ ޢަދަމް އާޒިމް އިސްވެ ހުންނަވާ މާލޭގެ ހެވާ ލާބައަށް ރެޔާއި ދުވާލު ކުރައްވަމުން ގެންދަވާ އިހުލާސްތެރި ހިދުމަތަށް ހިޔަނި އަޅާނަމޭ ހިތާ މުއިއްޒުގެ ވަޒީރުން ޖަހާސަކަރާތް ބަލައިގަންނަ މީހަކު ނޫޅެއެވެ. އެހެން ނޫނަސް ސަރުކާރެއް ހޮވާ އެކިއެކި ވުޒާރާތަކަށް އެކިވަރުގެ މީހުންލައިގެން ރައްޔިތުން އުޅެނީ ވަޒީރުން ލައްވާ ވެލި ބަސްތާ ޖަހާކަށް ނޫނެވެ.
ދައުލަތުން ބޮޑު ހޭދަކޮށްގެން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ބަލަހައްޓަން އެކުލަވާލާފައިވާ ބޮޑެތި ފައުޖުތަކެއް އޮންނާނެއެވެ. ކުއްލި ހާލަަަަަތް ތަކުގައި ސިފައިންނާއި ފުލުހުންނާއި ޑިސާސްޓަރ މެނޭޖްމަންޓުން ސިޓީ ކައުންސިލާ ގުޅިގެން ކުއްލި ހަލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަމެއް ކުރާނެއެވެ. ފެން ހިއްކިޔަސް ވެލިބަސްތާ ޖެހިޔަސް އެކަން ކުރާނީ އެމީހުންނެވެ. މާލޭ ރައްޔިތުން ފެންބޮޑުވުމުން ސަލާމަތްކުރާނީ އިހުސާނާއި އަމީނާއި ތޯރިގު ނިކުމެ ވެލިބަސްތާ ޖަހައިގެނެއް ނޫނެވެ.
ވަޒީރުންނަކީ މާލޭގައި ފެން ބޮޑުވުމަށް ދިމާވާ މައްސަލައަށް ހޯދަންޖެހޭ ދާއިމީ ހައްލު ސިޓީ ކައުންސިލަށް ހޯދާދޭން ކުރަންޖެހޭ ކަންކަން ދުރާލާ ރާވާ ފަހިކޮށްދޭން ތިބޭ ބައެކެވެ. ބޭނޭ ނާޅި ހެދިގެން ކްރެޑިޓް ނަގަން ތިބޭ ބައެއް ނޫނެވެ. ދަތި އުދަނގޫ ހަލަތްތައް މެދުވެރިވުމުން މާ ކަންވާ ހެޔޮއެދޭ ބައެއްކަން ދައްކަން ކަށިން މަދު ނަގާފާ އެކަންކަމުގެ ތެރެއަށް ފޭބުމުން ކަންކުރާން އުޅޭ މީހުނަށްވަނީ އުދަގުލެވެ. ގެއްލޭނީ ވަގުތެވެ.
އިހުސާނާއި އަމީނާއި ތޯރިގު ފެންހިންދުމުގެ ނަމުގައި ޑްރާމާކުޅެން ނިކުތުމުން ފެންހިންދުމަށް އެޅުނީ ހުރަހެވެ. ހުރިހާ ކަމެއް ހުއްޓާލާފައި އެއްބަޔަކު އުޅެން ޖެހެނީ ވަޒީރުންގެ ސަލާމަތާ ރައްކާތެރިކަމަށް ފާރަވެރިވުމަށެވެ. ވަޒީރުން ނިކުމެ ކުޅުނު ޑްރާމާގެ ސަބަބުން ފެން ހިންދުމަށްވީ ދައްޗެވެ. އުނދަގުލެވެ.