މުއިއްޒު އުޅެނީ ކައުންސިލްތަކުގެ ދަތްދޮޅި ދުއްވާލަން
އަތޮޅު ހުރިހާ ރަށެއްގެ ބައިވެރިވުން ނެތް އަތޮޅު ކައުންސިލެއް އޮންނާކަށް ބޭނުމެއް ނޫން
ލާމަރުކަޒީ ނިޒާމުގެ ދަށުން އުފެދިފައި އޮތް ކައުންސިލްތައް ކުޑަކުރުމަކީ ގޯހެއްނޫނެވެ. ގޯސްވަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމެވެ. ސަރުކާރުން ކޮށްދިން ކަމެއް ނޫނީ ނުކުރެވޭ ވަރަށް ކައުންސިލްތަކުގެ ބާރުކަނޑުވާލުމެވެ. ރަނގަޅު ހެޔޮ ނިޔަތުގައި ގެނެވޭ ކޮންމެ ހެޔޮ ބަދަލަކަށް މަރުހަބާ ކިޔަމެވެ.
ގަބޫލުކުރަން އުދަނގޫ ކަމަކީ ލާމަރުކަޒީ ނިޒާމު އިސްލާހުކުރުމުގައި މުއިއްޒު ސަރުކާރުގެ އިހުލާސްތެރިކަމެވެ. އެއްވެސް ކަމެއްގައި ބަހާ އަމަލު ދިމާ ނުވާތީ ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުމުގައިވެސް މުއިއްޒުގެ އިހުލާސްތެރިކަން ހުރުމާމެދު ޝައްކެވެ.
ތެދެކެވެ. ރާއްޖޭގެ ކައުންސިލްތައް ނުކަތާ ވަރަށް ބޮޑެވެ. ދައުލަތުން ކުރާ ހޭދަޔާ ގާތަށްވެސް ނަތީޖާއެއް ނުނެރެވެއެވެ. އެއްޔަކީ ހަމައެކަނި ކައުންސިލްތަކަށް ނިސްބަތްވާ ކަމެއް ނޫނެވެ. ސަރުކާރާއި މަޖިލީހާއި ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކުގެ ހާލަކީވެސް ހަމަ އެއީއެވެ. ސައިޒްކުޑަކޮށް ހަރަދު ކުޑަކުރަންވީ ހަމައެކަނި ކައުންސިލްތަކުގެއެއް ނޫނެވެ.
ކަންބޮޑުވުމަކީ ރައްޔިތުންގެ ބައިވެރިވުން ރަށް ހިންގުމުގައި ކުޑަވެގެން ގޮސް ވަކި ވަޒީރެއްގެ މުށުތެރެއަށް ރަށްރަށް ފެތި ހިމުންވެގެން ދާދިޔުމެވެ. މުއިއްޒު ސަރުކާރުގެ އަމާޒު ހިފާފައި ހުރީ ރަށްރަށުގެ ވަސީލަތްތަކާއި ބިމާއި ގުދުރަތީ މުއްސަނދިކަމަށް ގޮތް ނިންމުމުގެ ބާރު ރައްޔިތުންގެ އަތުން ނިގުޅައިގަނެ ރަށްރަށުގެ އާޖުފާޖު ނޭގޭ ވަޒީރެއްގެ އަތްމައްޗަށް ގެންދިއުމަށެވެ. އެ ވަޒީރު ދިން އެއްޗެއްނޫނީ ރައްޔިތުންނަށް ނުލިބޭ ގޮތަށް ހިންގަން ރާވާ ރޭވުމަކީ ހުރި ބޮޑު ބިރެކެވެ.
ރަށެއްގައި އާދައިގެ މުބަރާތެއް ބާއްވަންވިޔަސް އަދި ލިބިހުރި ވަސީލަތެއް ބޭނުން ކޮށްގެން ކަމެއް ކުރަންވިޔަސް ވަޒީރު ހުއްދަ ދިނީމާ ނޫނީ ނުކުރެވޭ ވަރަށް ކައުންސިލްތައް ބަނދެލާ ބަނދެލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ލިބިހުރި ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ ހޯދުމާއި ހޭދަކުރުމަށް ކައުންސިލްތަކަށް އޮތްބާރު ވަޒީރެއްގެ އަތްމައްޗަށް ފޮރޮޅާލުމަކީ ރަށްރަށުގެ ކައުންސިލްތައް ހަތަރެސްފައި ބަނދެފާ މޫދަށްލުން ފަދަ ކަމެކެވެ.
މިސްކިތުވަޅު ދާންޏާއި ބައްތި ތެލަކީވެސް މާލެން ވަޒީރު ފޮނުވިމާ ނޫނީ ނުލިބޭ އެއްޗެއް ގޮތުގައި އޮތް ޒަމާނަށް އެނބުރިދާކަށް ރަށްރަށުގެ ރައްޔިތުން ބޭނުމެއް ނުވެއެވެ. އިހުއޮތް އަތޮޅުވެރި ކަމުގެ ނިޒާމަށްވުރެވެސް މަރުކަޒީ ނިޒާމަކަށް ރާއްޖެ ބަދަލުކުރަން މުއިއްޒު ޖަހަންއުޅޭ ސަކަރާތަށް އެއްބާރުލުން ދޭކަށް ގިނަ ރަށްރަށުގެ ރައްޔިތުން ތައްޔާރެއްނޫނެވެ. އަމްދުން އަތޮޅުގެ ހުރިހާ ރަށެއްގެ ބައިވެރިވުން ނެތް އަތޮޅު ކައުންސިލެއް އޮންނާކަށް ރަށްރަށު މީހުން ބޭނުމެއް ނޫނެވެ.