ދައުލަތާ ދެކޮޅަށް ބަގާވަތްކުރީ މުއިއްޒު
ވެރިމީހާ ބުނުމުން މާލީ ނިޒާމަށް އިތުބާރު ކުރާނެ ބަޔަކު ނުތިބޭނެ!
ރުފިޔާ އެކައުންޓުތަކުން ޑޮލަރު މުއާމަލާތު ހިންގެންނެތް ކަމަށް ބުނެ ލިމިޓް ސުމަކަށް ބަދަލުކޮށް ބީއެމްއެލުން ނިންމި ނިންމުން ފުރަތަމަ ސަރުކާރުން އެއްވާނަކަށް ކުރީ ދިފާއެވެ. ކުރެވުނީ މޮޅުކަމަކަށްވެ ރައްޔިތުންނަށް ހިތިބޭސް ބޯންޖެހުމުން ބޯންޖެހޭނެ ކަމަށް ވިސްނާ ދެމުން ދިޔައެވެ. ކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބުނެ ތާއީދުކޮށް ކެންޕޭން ކުރިއެވެ. ވިސްނާދިނެވެ. ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއީދުކުރާ ސޯޝަލް މީޑިއާ ބޮޓުތަކާއި އެކިވަރުގެ އެކްޓިވިސްޓުން ފަތުއަޑުކިޔާފާ އެކަން ހަލާލު ކުރިއެވެ.
އޭރަކު ފުންމާލެވޭނީ ހޫނުތެޔޮ ތާހަކަށް ކަމެއް ނޭގެއެވެ. އެކަން އިހުސާސްވީ އިދިކޮޅު މައިޕާޓީއާއި އާއްމު ރައްޔިތުން ކެކިއަރައިގަތުމުންނެވެ. އެ ހިސާބުން ނުވާކަމަކަށް ހަދާ ނިންމުން ބަދަލު ކުރުވީއެވެ. ނިންމުމެއް ބަދަލުކުރަން ޖެހުމަކީ އެއްވެސް މައްސަަލައެއް ނޫނެވެ. މައްސަލައަކީ އެހެން ބަޔަކު ބޮލަށް ކަނޑާނުލާ ރައީސް މުއިއްޒަށް ކަމެއް ބަދަލުކުރަން ނޭނގޭތީއެވެ. އެހެން ބަޔަކު ނުބައީމީސް ނުކޮށް ރައީސް މުއިއްޒަށް ކަމެއް ބަދަލުކުރަން ނޭނގޭތީއެވެ. އެހެން ބަޔެއްގެ ބޮލުގައި އިލްޒާމެއް ނާޅުވާ ރައީސް މުއިއްޒަށް ކަމެއް ބަދަލު ކުރަން ނޭނގޭތީއެވެ. ބޮޑާކަމާ މަވެތިކަން ބޮޑުކަމުން މާފަށް އެދުމަކީ މުއިއްޒަށް ގަބޫލު ކުރެވޭ ކަމެއް ނޫނެވެ.
ކުރެވުނު ކަންތައް ގައިންނައްޓާ ހަލާލު ކުރުމަށް މޮޅުނަމެއް ކިޔައިގެން އެތައް ބައެއްގެ ދުވަސް ދުއްވާލައިގެން ނޫނީ މުއިއްޒަށް ހިތްހަމަ ޖެހުން ލިބޭކަމަށް ނުވަނީތާއެވެ. އެހެން ނޫންނަމަ ހުސްވި ހަފްތާގައި ބީއެމްއެލުން ގެންނަން އުޅުނީ ބަގާވާތެކޭ ނުބުނީހެވެ. އެކަން ބަގަވާތަކަށް ހަދައިގެން ގައުމު ހަމަނުޖެހުމަކަށް ވައްޓާލާކަށް ނޫޅޭނެއެވެ. ގޮތަބަޔާ އާއި ހަސީނާއަށް ޖެހުނު ހާލު ޖެހެދާނެތީ މޭކަރަނީ ބާއެވެ.
ރާއްޖޭގެ މާލީ ހާލަތު ދަށްވެ ކުރިމަތިވެފައިވާ ދަތިކަމުގެ ތެރޭގައި ގައުމުގެ ހަމަޖެހުން ގެއްލިފައިވާކަން ރައީސް ކަމުގައި ހުންނައިރު އަމިއްލައަށް ދައްކައިގެން ފަލީހަތާއި ނިކަމެތިކަމާއި އިތުބާރު ގެއްލުން ފިޔަވާ ހާސިލު ކުރެވޭނެ އެއްޗެއް ނުއޮންނާނެއެވެ. އަމްދުން ބީއެމްއެލްއަކީ ފާލުންނެއްޓި ސިޔާސީ ނުފޫޒުން ތަތްތެޅިފައިވާ އެއްވެސް އިތުބާރެއް ނެތް ބޭންކެއްގެ ގޮތުގައި ގައުމުގެ ވެރިމީހާ ބުނުމުން ރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު ކުރާނެ ބޭންކެއް އެހީދޭ ޖަމާއަތެއް ގައުމެއް ނުއޮންނާނެއެވެ. އެއްވެސް އިންވެސްޓަރަކު އަލިފާން ގަޑެއްގައި އަންދާ ހުލިކުރާކަށް އިންވެސްޓެއް ނުކުރާނެއެވެ.
އެއްކަން އަނެއްކަމަކާ އަޅުވައިގެން ކިތަންމެ ވަރަކަށް އިއްތިފާގުތައް އުފަން ކޮށްގެން ބަޔަކު ޕޮލިހުން ލައްްވާ ހިފާ ހައްޔަރުކުރަން އިހުސާން އުޅުނަސް ދުނިޔޭގެ ކުރިމަތީގައި މަސަލަސް ގައުމަކަށް ސިފަކޮށެއް ނުދެވޭނެއެވެ. އޭގެ އިތުރަށް ވެއްޓެނީ ފުލުހުންގެ އަގެވެ. މީގެ ކުރިންވެސް އެފާޑަށް ފުލުހުންގެ ބާރު ނުހަމަ ގޮތުގައި ސަރުކާރުތަކުން ހިފުމުން ލިބުނު ހަލަކުތަކުން އަދިވެސް އެއުޅެނީ އަރައި ނުގަނެވި ގެންނެވެ.
ހަމަހޭ ބުއްދިން ވިސްނާލާށެވެ. ޖާނު ގޮއްވާލަން ކެރޭ ހައްދުފަހަނަ އެޅި ދީނީ މީހުން ގިނަ އަދަދަކަށް ރާއްޖޭގައި ތިބި ކަމަށް ކުރީގެ ރައީސް ނަޝީދު ބުނި ފަހުން ރާއްޖެއަކީ ނުރައްކާތެރި ޓެރެރިސްޓުންގެ ހާއްޔެއް ނޫން ގޮތަކަށް ދުނިޔެއިން ނުދެކެއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ހިންގީ މާލީ ބަގާވާތެއް ކަމަށް ރައީސް މުއިއްޒު ޑިކްލިއަރ ކުރި ހިސާބުން މުޅި ރާއްޖޭގެ ސިފަ ހުތުރު ވެއްޖެއެވެ. ރާއްޖޭއަށް އޮތް މާލީ އިތުބާރު ގެއްލި ވެއްޔާ މޮޑެވިއްޖެއެވެ.
ދަރަނި ކިތަންމެ ބޮޑަސް މާލީ ނިޒާމުގެ އިތުބާރު ދެމެހެއްޓުނުނަމަ އަނބުރާ ހޭރިޔަކޮށް ގޮތްތަކެއް ފެނުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންކަމުން ވެރިކަމުގައިހުރެ ދައުލަތާ ދެކޮޅަށް ހަގީގަތުގައި ބަގާވާތް ކޮށްގެން އުޅެނީ މުއިއްޒެވެ.