ބަހަނާ ދައްކައިގެން ކުރަންއުޅޭ ކަމަކީ މާލޭ މީހުނަށް ގޯތިނުދޭން
އެޗްޑީސީ އުފެއްދީ މާލެ ސަރަހައްދުގެ ބިމުން ވިޔަފާރިކޮށް ބައެއްގެ ޖީބުތައް ފުރާކަށް ނޫން
ކަމެއް ނުކުރާން ބޭނުންވުމުން ދައްކާނެ ބަހަނާ ހުންނާނެއެވެ. އަޅާނެ ހަމަ އޮންނާނެއެވެ. ކަމެއް ނެތިއްޔާ ކަމެއް ހޯދައިގެންވެސް ނުކޮށްވޭތޯ ބަލާނެއެވެ. މާލެ ސަރަހައްދުން މާލޭ ރަށްވެހިންނަށް ގޯތި ނުދީ ވާން އޮތް ހުރިހާ ގޮތެއް މުއިއްޒު އެދަނީ ހަދަމުންނެވެ.
ފުރަތަމަ ދެއްކީ މާލޭ މީހުނަށް ގޯތިދޭނީ ފުށިދިއްގަރުފަޅުން ކަމަށެވެ. އަވަސް ރަހުމަތެއްގައި އެކަމެއް ނުވަނެއޭ ކިޔަން ފެށުމުން ބުނީ އަށް މަސް ދުވަސްތެރޭގައި ހިއްކާ ނިންމާނެ ކަމަށެވެ. ރަސްމާލެ ހިއްކިޔަސް ބުރިޖަކުން ގުޅާނުލެވޭ ހިސާބު ދުރުގައި އޮތުމުން އެތަނަށް މީހުން ބަދަލުވުމަށް ވިއްސަކަށް އަހަރު ނަގާނެ ކަމަށް ބުނެ އެއަޑު ގަދަވުމުން ދެއްކީ ޓަނަލެއް އަޅާވާހަކައެވެ.
ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކަކީ މާލެއާ ބްރިޖުން ގުޅާލެވޭ ހިސާބުގައި އޮތް ތަންތަން ކަމުން ރައްޔިތުން ބާރު އަޅަމުން ދިޔައީ ގޯތިތައް އެމީހަކަށް ދިންތާކުން ހަވާލުކޮށް ދިނުމަށެވެ. ނުނިމި ހުރި ރަޖިސްޓްރީތައް ނިންމާ ހަވާލުކޮށް އިމާރާތް ކުރުމަށް ހުއްދަ ދިނުމަށެވެ. މަގުތައް ހަދައިދީ ޕަބްލިކް އިންފްރާންސްޓްރަކްޗަރ ގާއިމުކޮށް ދިނުމަށެވެ.
ދެނަކާ ދެނެއް ނެތެވެ. ސަރުކާރުން ދައްކަންފެށި ވާހަކައަކީ ގޯތިދޭ ސަރަހައްދުގައި ނުހިކޭ ބިންތަކެއް އޮތްވާހަކައެވެ. ސަރުކާރުން އިސްކަން ދިނީ ނުހިކޭ ބިމެއް އޮތްނަމަ އެތަނެއް ހިއްކާފާ ހަވާލުކުރުމަކަށް ނޫނެވެ. މަގުތަކާ ގޯޅިތަކާ ހަދާ ކަރަންޓާ ފެނާ ދޭކަށް ނޫނެވެ. ގޯތިތައް ހަވާލުކޮށް މާލޭގެ ނިކަމެތި ރައްޔިތުންނަށް ހިޔާވަހިކަން ހޯދައިދޭން އެއްކަމެއް ނުކޮށް ބަހަނާ ދައްކާށެވެ.
މާލެ ސަރަހައްދު ގޯތި ދިނުމާ ގުޅުވައިގެން އުފަންކުރުވި އަނެއް ވާހަކައަކީ ހުޅުމާލޭން ދޭން ކަނޑައެލީ ގޯތިތައް މަގަށް އަރާ ވާހަކައާއި ފެނާ ކަރަންޓާ ނަރުދަމާ ހޮޅިތަކެއްގެ މަތިން ގޯތި ދޫކޮށްފާހުރި ވާހަކައެވެ. އެހެން އެކަން އޮތްނަމަ އެޗްޑީސީން އެކަމަށް ކުރިއްސުރެ އޮންނާނީ ގޮތެއް ނިންމާފައެވެ. އެއްޔަކީ މިކަހަލަ ޒަމާނެއްގައި ބަހަނާއަކަށް ދައްކަން ކޮން ވާހަކައެއް ހެއްޔެވެ.
އަނެއްކާ ކުއްލިއަކަށް އިވުނީ ގިރާވަރުފަޅުން ދޭން ހަމަޖެހިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމުގެ ވާހަކައެވެ. އެކަމުން ވެސް އިތުރު ހަރަދާ ވަގުތު ދުއްވާލުން ނޫން ކަމެއް ވާނީއެއް ނޫނެވެ. ބޭނުމަކަށްވީ މަޖިލީސް އިންތިހާބު ނިމެންދެން ލަސްކޮށް ފަސްކުރުމެވެ. މަޖިލިސް އިންތިހާބު ނިމިއްޖެއެވެ. ގޯތިތަކެއް ނުދިނެވެ.
މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު މުއިއްޒުގެ ކޮއްކޮ ސައުދާ އަނގަފުޅާކޮށްފައި ބުނީ މާލޭ ސަރަހައްދުން މާލޭ މީހުނަށް ގޯތި ދިނުމަކީ ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. ސައުދާ ބުނާނީ މުއިއްޒުގެ ބަހެވެ. ޖަރީމާއެކޭ ކިޔައިގެން މިހާރު މުއިއްޒު ފޫގަޅާފައި އެހުރީ މާލެ ސަރަހައްދުން މާލޭ މީހުނަށް ގޯތި ނުދިނުމަށެވެ. އެއީ ޖަރީމާއެއް ކަމަށް ގަބޫލުކުރުވަން ޑްރާމާ ކުޅުމަށެވެ.
އެންމެ ފަހުން މުއިއްޒު ޖެއްސި ޗައްކަރު ދެކިބަލާށެވެ. މާލެ ސަރަހައްދުން މާލޭ މީހުނަށް ހިލޭ ބިން ދިނުމަކީ އެޗްޑީސީއަށް މިލިޔަނުން ލިބޭ ގެއްލުމެއްކަމަށް ބުނެ އޯޑިޓް ރިޕޯރޓެއް ނެރުވައިފިއެވެ. ގެއްލުމުގެ ވާހަކަދައްކަން އެޗްޑީސީ އެއީ ކޮންތަނެއް ހެއްޔެވެ. އެޗްޑީސީއަކީ ސަތޭކަ ޕަސެންޓް ސަރުކާރު ކުންފުންޏަކަށް ވާއިރު ސަރުކާރުން ހުޅުމާލެ ހިއްކި ބޭނުން އެޗްޑީސީއަށާއި މުއިއްޒަށް އޮޅިއްޖެއެވެ.
ހުޅުމާލެއަކީ މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޯހިޔާވަކަން ދިނުމަށް ދައުލަތުން ހޭދަކޮށްގެން ހިއްކާ ތަރައްގީ ކުރަމުންދާ ތަނެކެވެ. ސައްތައިން ސައްތަ ސަރުކާރު ހިއްސާގައި އެޗްޑީސީ އުފައްދާފައިވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދޭށެވެ. މާލެ ސަރަހައްދުގެ ބިމުން ވިޔަފާރިކޮށް ހިންގަންތިބި ބައެއްގެ ޖީބުތައް ފުރާކަށް ނޫނެވެ.
އަޖައިބެއް ނުވާނެހެއްޔެވެ. ދައުލަތުން ލޯނު ނަގައިގެން ތަރައްގީ ކުރަނީ ހުޅުމާލެ އެކަންޏެއްނޫނެވެ. ރަށްރަށުގެ ބިންހިއްކުމާއި ބަނދަރުހެދުމާއި މަގުހެދުމާ އެނޫންވެސް ބޮޑެތި އިންފްރާންސްތްރަކްޗަރތައް ގާއިމު ކުރަނީ ދައުލަތުގެ ފައިސާއިންނެވެ. ރަށްރަށުގެ ހިއްކިބިމުން ގޯތި ހިލޭ ދެވެންޏާ މާލެ ސަރަހައްދުން މާލޭ މީހުނަށް ހިލޭ ގޯތިދިނުން ޖަރީމާއަކަށް ވާނެ ގޮތެއް ނުއޮންނާނެއެވެ. އެކިފަހަރު އެކި ބަހަނާ ދައްކާ ހަމައަޅުވައިގެން ކުރަން އުޅޭ ކަމަކީމާލޭ މީހުނަށް ގޯތިނުދިނުމެވެ.